10 Aug 2014, 14:11
އިސްރާއީލުން 2008 ވަނަ އަހަރު ޣައްޒާއާ ދެކޮޅަށް ހިންގި އުދުވާނުގައި ޔްނައިޓެޑް ނޭޝަންސް (ޔޫއެން)ގެ އިމާރާތްތަކަކަށް ދިން ހަމަލާއަކާ ބެހޭ ތަހުގީގު ރިޕޯޓަށް ބަދަލުކުރައްވަން ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން މަސައްކަތް ކުރެއްވިކަން ވިކިލީކްސް އިން ފަޅާއަރުވާލައިފި އެވެ.
ވިކިލީކްސް އިން ހުކުރު ދުވަހު އާއްމު ކުރި ލިއުންތަކުން އެނގޭ ގޮތުގައި ހާދިސާ ތަހުގީގު ކުރި ބޯޑް އޮފް އިންކްއަރީގެ ފައިނަލް ރިޕޯޓުން ބައެއް އުނިކުރުމަށް އިސްރާއީލާއި އެމެރިކާއާ ގުޅިވަޑައިގެން ބާން ވަނީ މަސައްކަތްކުރައްވާފަ އެވެ. އެގޮތުން ރިޕޯޓާއި މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް އެމެރިކާގެ ރިޔާސީގަނޑުވަރު ވައިޓްހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ސޫޒަން ރައިސް ހަތަރު ފަހަރެއްގެ މަތިން ބާންއަށް ގުޅުއްވިކަން ވެސް އެ ލިއުންތަކުން އެނގެ އެވެ.
ބާންކީ މޫން އަށް ރައިސް ފުރަތަމަ އަންގަވާފައި ވަނީ ބޯޑް އޮފް އިންކުއަރީގެ ހުށަހެޅުންތައް ފައިނަލް ރިޕޯޓްގައި ނުހިމެނުއްވުމަށެވެ. އަދި ބާން ވިދާޅުވެފައި ވަނީ އެ ބޯޑަކީ މިނިވަން ބޯޑަކަށް ވާތީ އެކަން ނުކުރެއްވޭނެ ކަމަށެވެ. ދެން ރައިސް ވިދާޅުވެފައި ބޯޑްގެ ރިކޮމެންޑޭޝަންސް ތަކަކީ ބޯޑާ ހަވާލުކުރި މަސައްކަތް ތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ އެ ހުށަހެޅުންތަކަށް ބިނާކޮށް ފިޔަވަޅެއް އަޅަން ނުޖެހެނެ ކަމަށް ވަނީ ރިޕޯޓް ޔޫއެންގެ ސެކިއުރިޓީ ކައުންސިލަށް ފޮނުއްވާއިރު، ރިޕޯޓާއެކު ފޮނުއްވާ ކަވަ ސިޓީގައި ލިއުއްވުމަށެވެ. ދެން ރައިސް އަށް ޖަވާބު ދެއްވަމުން ބާން ވިދާޅުވެފައި ވަނީ ސިޓީގައި ހިމަނާނެ ކަންތައްތަކާ ބެހޭ ގޮތުން އިސްރާއީލުގެ ވަފުދަކާ އެކު މަސައްކަތް ކުރައްވަމުން ވަޑައިގަންނަވާ ކަމަށެވެ.
ބޯޑް އޮފް އިންކްއަރީގެ ރިޕޯޓްގެ ރިކޮމެންޑޭޝަންސް (އަޅަން ފެންނަ ފިޔަވަޅު)ތަކުގެ ގޮތުގައި ލިޔެފައި ވަނީ "ޔޫއެންގެ އިމާރާތްތަކަށް ބޮން އެޅުން ވެސް ހިމެނޭ ގޮތުން ދާދި ފަހުން (ޣައްޒާގައި) ހިނގި ހާދިސާތައް ވަކި ފަރާތަކަށް ނުޖެހި، ފުންކޮށް ތަހުގީގުކުރަން" ޖެހޭ ކަމަށެވެ.
ރައިއސާއި ބާން ރިޕޯޓާ ބެހޭ ގޮތުން އެންމެ ފަހުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ފުދޭވަރެއްގެ ކަވަލެޓާ އެއް ތައްޔާރުކުރައްވާފައިވާ ކަމަށެވެ.