10 Aug 2014, 14:06
ޗައިނާގެ ސަފީރު ކަމަށް އައްޔަން ކުރުމަށް ނިންމަވައި، ރައްޔިތުން މަޖިލީހަށް ރުހުން ހޯދުމަށް ފޮނުއްވާފައިވާ ޑރ. މުހައްމަދު ފައިސަލް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެޑިޝަނަލް ސެކްރެޓެރީ ކަމުގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެޑިޝަނަލް ސެކްރެޓެރީ ފައިސަލް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަތުމުން އެގޮތަށް ނިންމެވީ ކަމަށެވެ.
ޑރ. ފައިސަލް އެ މަގާމަށް މިއަދު އައްޔަން ކުރައްވާފައި ވަނީ، މިނިސްޓަރުގެ ނައިބު ފެންވަރުގަ އެވެ.
ޑރ. ފައިސަލް ޗައިނާގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމާ މެދު ގޮތެއް ނިންމަވައި ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މަޖިލީހަށް ފޮނުއްވުމުން މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ވަނީ އޭނާ އެ މަގާމަށް އައްޔަން ކުރައްވަން ފެންނަ ކަމަށް ނިންމަވައިފަ އެވެ.