15 Jan 2011, 10:47
މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވަން މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފައިވާ މުއްދަތު އިތުރު އެއް މަސް ދުވަހަށް އިތުރުކޮށްދީފި އެވެ.
އެމްއެމްއޭ އިން މިދިޔަ ހޯމަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނަނީ މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވުމަށް ހުއްދަ ދީފައި ވަނީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ. އަދި އެ ބޭންކަށް ލައިސަންސް ދޫކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައި އެ ބޭންކުގެ ހިދުމަތް ފެށުމަށް ކަމަށާއި އެ މުއްދަތު ފެބުރުއަރީ ދެ ވަނަ ދުވަހު ހަމަވާނެ ކަމަށެވެ.
~
ނަމަވެސް އެމްއެމްއޭގެ އެ އިއުލާނުގައި ބުނެފައި ވަނީ އެ ބޭންކުގެ ހިދުމަތްތައް ފަށައިގަތުމުގައި ދަތިތަކެއް ހުރުމުން ބޭންކުގެ ހިދުމަތް ދިނުމަށް ދީފައިވާ މުއްދަތު އެބޭންކަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.
"މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިދުމަތްތައް ފެށުމަށްޓަކައި އެ ބޭންކުން ކުރަން ޖެހޭ މަސައްކަތްތައް މުޅިން ނިމި، ޝަރުތު ކުރެވިފައިވާ މުއްދަތުގައި ބޭންކް ހުޅުވައި ހިދުމަތްތައް ފެށުމަށް ދަތިތަކެއް ހުރި ކަމަށް އެ ބޭންކުން އަންގާފައިވާތީ،" އެމްއެމްއޭގެ އިއުލާނުގައިވެ އެވެ.
ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާގެ 70 ޕަސެންޓް އަދި ދިވެހި ސަރުކާރުގެ 30 ޕަސެންޓް ހިއްސާވާ އެބޭންކް ހުޅުވުމަށް މިހާރު ރަސްމީކޮށް ނިންމާފައި ވަނީ މާޗް 7 ވަނަ ދުވަހު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އަދި ސެންޓްރަލް ބޭންކުން ބުނީ އެ މުއްދަތުގައި ބެންކިންގެ ހިދުމަތް ފަށައިގަތުމުގެ ފުރުސަތު މޯލްޑިވްސް އިސްލާމިކް ބޭންކްއަށް މިހާރު ދީފައިވާ ކަމަށެވެ.
އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބޭންކިންގެ ހިދުމަތް ދިނުމަށް ނިންމާފައިވާ އެ ބޭންކުން ވަނީ އެ ކުންފުނީގެ ކެޕިޓަލް 1.2 ބިލިޔަން ރުފިޔާ އިން އެއް ބިލިޔަން ރުފިޔާ އަށް މިދިޔަ ނޮވެމްބަރު މަހު ދަށްކޮށްފަ އެވެ.