10 Aug 2014, 14:08
ގާޒާ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދާ ފަންޑަށް ދިވެހި ސަރުކާރުގެ ކެބިނެޓްގެ ފަރާތުން 500،000 ރުފިޔާ ހަދިޔާ ކުރުމަށް ނިންމައިފި އެވެ.
ކެބިނެޓުން ފަސް ލައްކަ ރުފިޔާ "ހެލްޕް ގާޒާ" ފަންޑަށް ދިނުމަށް ނިންމާފައިވާ އިރު ރާއްޖޭގެ މީޑިއާތަކުން އިސްވެއޮވެ ބޭއްވި ޓެލެތޯންއިން ވެސް މިހާތަނަށް ވަނީ 20،703،486.32 ރުފިޔާ ހޯދައިފަ އެވެ. މިއީ ރާއްޖޭގައި ބޭއްވި ޓެލެތޯންތަކަށް ބަލާ އިރު ރެކޯޑް އަދަދެކެވެ. ރައީސް އޮފީހުން ބުނީ ކެބިނެޓުން ގާޒާ ފަންޑަށް ފަސް ލައްކަ ރުފިޔާ ހަދިޔާ ކުރަނީ މިނިސްޓަރުންގެ މުސާރައިން އުނިކުރުމަށްފަހު ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުނަށް އެހީތެރިވުމަށް ދިވެހި މީޑިއާތަކުން އިސް ނަގައިގެން ހިންގަމުންދާ ހެލްޕް ގަޒާ ޓެލްތޯން ފަންޑަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާއި ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ އެއް މަހުގެ މުސާރަ ހަދިޔާ ކުރުމަށް ވަނީ ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އަކީ 100،000ރ. ކަމުގައި ވިޔަސް އެމަނިކުފާނު ކޮންމެ މަހަކު ނަންގަވަނީ 50،000ރ. އެވެ. ނައިބު ރައީސްގެ އެއް މަހުގެ މުސާރައަކީ 75،000 ރުފިޔާ އެވެ.
ކެބިނެޓާއި ރައީސް އާއި ނައިބް ރައީސްގެ އިތުރުން ސަރުކާރުގެ ގިނަ މުއައްސަސާތަކަކާއި ގިނަ އަމިއްލަ ކުންފުނިތަކުން ވެސް ވަނީ އެތަންތަނުގައި މަސައްކަތް ކުރައްވާ މުއައްޒިފުންގެ މުސާރައިގެ ބައެއް ހެލްޕް ގާޒާ ފަންޑަށް ދިނުމަށް ނިންމާފަ އެވެ.