އަތޮޅުތެރޭގެ އެކި ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި މި މަހުގެ ތެރޭގައި 77 ޖެނެރޭޓަރު ރާއްޖެއިން ބޭރުން ގެންނާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ، "24 ގަޑިއިރުގެ ކަރަންޓު ޔަގީންކޮށް ދިނުމުގެ މަޝްރޫއު"ގެ ދަށުން ގެންނަން ހަމަޖެހިފައިވާ 77 ޖަނަރޭޓަރުތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތައް މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ ޖަނަރޭޓަރުތައް އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ޝިޕިން ޑީޓެއިލްސް ތައް ވެސް މިހާރު ހުރީ އަޅުގަނޑުމެންނަށް ލިބިފައި. މިމަހު 18 ނުވަތަ 19 ގައި ފުރަތަމަ ޝިޕްމަންޓް އަންނާނެ. ދެވަނަ ޝިޕްމަންޓް އަންނާނީ 22 ގައި. އަދި ތިންވަނަ ޝިޕްމަންޓް މިމަހު 24 ވަނަ ދުވަހު އަންނާނެ،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އަންނަ މަހުގެ 10 ވަނަ ދުވަހު ފެށިގެންދާނެ ކަމަށާއި ޖަނަރޭޓަރުތައް އިންސްޓޯލް ކުރެވުމާއެކު އިންސްޓޯލް ކުރެވޭ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

"ހަމަ އެކަނި ޖަނަރޭޓަރުތައް ބަދަލުކުރިޔަސް މައްސަލަ އަށް ހައްލެއް ނާންނާނެ. ގިނަ ރަށްރަށުގައި ނަރުތަށް ހިމަވެގެން ނުވަތަ އެ ބޭނުންވާ ވަރަށް ވޯލްޓޭޖް ކެރީ ނުކުރެވޭ ކޭބަލްތަށް ވެސް ޑިސްޓްރިބިއުޝަން ބޮކްސްއާ އެކީގައި އެބަޖެހޭ ބަދަލުކުރަން. އެހިސާބުން ކަރަންޓުގެ މައްސަލައަށް ހައްލެއް އަންނާނެ،" ނިމާލް ވިދާޅުވި އެވެ.

ސައުވީސް ގަޑިއިރު ކަރަންޓް ފޯރުކޮށްދިނުމުގެ މަޝްރޫގެ ދަށުން ކަރަންޓްގެ ހާލަތު ވަރަށް ދަށްވެފައިވާ 78 ރަށަކަށް 116 ކިލޯވޯޓާއި ދެ މެގަވޯޓާ ދެމެދުގެ ޖަނަރޭޓަރުތައް ހަވާލުކުރާނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.