ހުޅުމާލޭ ފިހާރައެއް ފަޅާލައި ފައިސާތަކަކާއި ލެޕްޓޮޕެއް ވަގަށް ގެންގޮސްފި އެވެ.

ހުޅުމާލެގައި ދާދި ފަހުން ހުޅުވި ކުޑަކުދިންގެ ސާމާނު ވިއްކާ "އެމްއެސްބީހައި ބޭބީ" ފިހާރައިގެ ވެރިފަރާތުގެ އާއިލާ މީހަކު ސަން އަށް މައުލޫމާތު ދެމުން ބުނީ އެ ފިހާރައިގެ ވަތްގަނޑު ވަގަށް ގެންގޮސްފައިވާ ކަމަށާއި އޭގައި 700 އަށްވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށެވެ. އަދި ފިހާރައިގައި ބޭނުންކުރާ ލެޕްޓޮޕް ވެސް ވަގަށް ގެންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ރޭގައި ސޭލްސް ނިންމާފައި ހުރި ފައިސާއާއި އަދި ޕެޓީ ކޭޝްގެ ގޮތުގައި ހުރި ފައިސާ ވެސް ހުންނާނެ. ޔަގީނުންވެސް 700 ރުފިޔާއަށްވުރެ ވުރެ ގިނަ ވާނެ. ވަތްގަނޑު ހަލާކު ކުރަން މަސައްކަތްކޮށްފައިހުރީ. ހީވަނީ ތަޅު ހަލާކު ނުކުރެވުނީމައެހެން ވަތްގަނޑު ގެންދިޔައީ،" އޭނާ ބުންޏެވެ.

ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު ވަގުން އެތަނަށް ވަދެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ލަފާކުރެވޭ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެއެވެ.