10 Aug 2014, 12:09
ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ޑރ. މަރިޔަމް ޝަކީލާ އަށް ރުހުން ދިނުމަށް ފެނޭތޯ ބެލުމަށް ވޯޓު ނެގުން މަދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ހެލްތު މިނިސްޓަރު ކަމަށް ޑރ. ޝަކީލާ އައްޔަން ކުރެއްވުމަށްފަހު އެކަމަނާއަށް ރުހުން ދިނުމަށް ފެނޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުން މަޖިލީހަށް ފޮނުއްވެވި މައްސަލަ ދިރާސާ ކުރުމަށް ކޮމެޓީއެއް ފޮނުއްވާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.
ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި "ހަނި" އަޣުލަބިއްޔަތަކުން ޝަކީލާ އަށް ރުހުން ދިނުމަށް ވަނީ ފާސްކޮށްފަ އެވެ. ޑރ. ޝަކީލާއަށް ރުހުން ދޭން ފެންނަ ކަމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވޯޓު ދެއްވާފައެއް ނުވެ އެވެ.
ޝަކީލާ އަށް ރުހުން ދިނުމަށް ފާސްވީ ކޮމެޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވޯޓު ދެއްވައިގެންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ޝަކީލާއަށް ރުހުން ދޭން ނުފެންނަ ކަމަށް ވަނީ ވޯޓު ދެއްވާފަ އެވެ.
ޝަކީލާ އަށް ރުހުން ދިނުމަށް ކޮމެޓީން ފާސްކުރި ނަމަވެސް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފައިވަނީ ޑރ. ޝަކީލާއަށް ރުހުންދޭން ގިނަ މެމްބަރުން ދެކޮޅު ހައްދަވާ ކަމަށެވެ. އެމްޑީޕީން ބުނެފައި ވަނީ ޝަކީލާ އަށް ރުހުން ދިނުމުގެ މައްސައިގަ އަމަލުކުރާނެ ގޮތެއް ނިންމާނީ މިއަދު މެންދުރުފަހު ބާއްވާ އެ ޕާޓީގެ ޕާލަމެންޓްރީ ބައްދަލުވުވުގައި ކަމަށެވެ. އަދި ޕީޕީއެމް އިންވެސް ބުނެފައިވަނީ ޑރ. ޝަކީލާއަށް ރުހުން ދިނުމުގެ މައްސަލައިގަ އަަމަލުކުރާނެ ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން ގާނޫނީ ވަކީލް ގ. އަސްމަހި، އަބްދުލް ހަންނާނު އަހުމަދަށް އެ ކޮމިޝަނަށް އައްޔަން ކުރުމުގެ މައްސަލަ ވެސް އެޖެންޑާކޮށްފައިވެ އެވެ.
ހަންނާނަކީ މަދަނީ މައްސަލަތަކުގައި އާންމުކޮށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ އެވެ. ދުސްތޫރީ ބައެއް ބޮޑެތި މައްސަލަތަކުގައި ވެސް އޭނާ ކޯޓަށް ވަޑައިގެންފައިވެ އެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އޭނާއާ އިންޓަވިއުކުރެއްވުމަށްފަހު ދެއްވާފައި ވަނީ 80.4 ޕަސެންޓް މާކުހެވެ.