އީރާނުގެ ވެރިރަށް ތެހެރާންގެ ކައިރީގައިވާ ސަރަހައްދަކަށް މަދަނީ މަތިންދާބޯޓެއް ވެއްޓި 40 މީހުން މަރުވެއްޖެ އެވެ.

އީރާނުގެ ފަރުސް ނިއުސްއެޖެންސީން ބުނީ ތެހެރާންގެ މެހުރުއާބާދު އެއާޕޯޓުން ފުރި ސެފަހާން އެއާގެ މަތިންދާބޯޓް ވެއްޓުނީ ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށެވެ. އަދި ބުނީ އެބޯޓް ވެއްޓުނީ ތެހެރާންގެ ހުޅަނގުން ފަސް ކިލޯމީޓަރް ދުރުގައިވާ އާޒާދީ ޓައުނަށް ކަމަށެވެ.

މަންޒަރުދުށް މީހުން ބުނިކަމަށް ފަރުސް ނިއުސް އެޖެންސީން ބުނީ ރަންވޭމަތީގައި ބޯޓް އޮއްވައި ޕައިލެޓްގެ ކޮންޓްރޯލް ގެއްލުނު ކަމަށާއި އެހެން ނަމަވެސް ބޯޓް ނައްޓާލައި މަދު ސިކުންތުކޮޅެއް ވަންދެން ދުއްވި ކަމަށެވެ.

ވެއްޓުނު މަތިންދާބޯޓްގައި 40 ޕަސިންޖަރުންނާއި އަށް ފަޅުވެރިން ތިއްބެވެ. ބައެއް އިމަޖެންސީޓީމްތަކުން ބުނެފައި ވަނީ އެ އެންމެން ވެސް މަރުވެފައިވާ ކަމަށެވެ. އަދި އަނެއްބައި ޓީމްތަކުން ބުނެފައި ވަނީ މަރުވީ 40 މީހުން ކަމަށެވެ.
ބޯޓް ވެއްޓުމުން ރޯވެފައިވާ އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ނޫހުން ބުންޏެވެ.