10 Aug 2014, 11:35
ޓޫރިޒަމްގެ މަންފާ ސީދާ ރައްޔިތުންނަށް ލިބިގެން ދާނޭ ގޮތަކަށް އެ ވިޔަފާރި ބައްޓަން ކުރާ ވާހަކައަކީ ތިޔާގި ވާހަކައެކެވެ. މިހާރު އެއީކީ ހަމައެކަނި ދެކެވޭ ވާހަކައެއް ވެސް ނޫނެވެ. އަދި ކިއެއްތަ، އެއީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ކުރަމުން ވެސް އަންނަ ވިޔާފާރިއެކެވެ. އެގޮތުން އަތޮޅު ތެރޭ ގިނަ ރަށްތަކެއްގައާއި ވެރިރަށް މާލެއާއި ހުޅުމާލޭގައި ވެސް ދަނީ އެތައް ގެސްޓްހައުސްއެއް ހިންގަމުންނެވެ. އެ ބުނާ ޓޫރިޒަމްގެ ފައިދާ ސީދާ ރައްޔިތު މީހާ ނެގުމަށެވެ. އެކަމުން ލިބޭ މަންފާ ކިތަންމެހާ ވެސް ރަނގަޅުކަމަށް އެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެ އެވެ. ދެން އުފެދޭ ސުވާލަކީ އޭގެ އަނެއްކޮޅު އޮތީ ކިހިނެއްތޯ އެވެ؟
"ލޯކަލް ޓޫރިޒަމް" މިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރި އެތައް ބަޔަކު އެ ވިޔަފާރިން އާމްދަނީ ހޯދަން ފަށައިފަ އެވެ. އެ ވިޔަފާރިއަކީ ރަށަށް ޑޮލަރު ވެއްދުމަށާއި ބޮޑު މަންފާއެއް ހޯދުމަށް އެންމެ ރަނގަޅު ވިޔަފާރި ކަމަށް އެ ވިޔަފާރި ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަތީޖާއަކަށް ވެފައި ވަނީ އެންމެ ގެސްޓްހައުސްއަކާ އެކު ވިޔަފާރި ފެށި އެތައް ބަޔަކު މިހާރު އެތައް ގެސްޓް ހައުސްއެއް ފަށައި އެ ވިޔަފާރި ފުޅާކޮށް ޖީބުތައް ތަނަވަސް ކުރަމުން ދިއުމެވެ.
"ގެސްޓް ހައުސްގެ ވިޔަފާރިއަކީ އަތޮޅު ތެރޭ ރަށެއްގައި އާމްމުދަނީ ހޯދުމަށް ކުރެވޭނެ އެންމެ ރަނގަޅު ވިޔަފާރި، މިއީ ހަމަ ރަނެއް،" ތޮއްޑޫގައި އެންމެ ފުރަތަމަ ގެސްޓް ހައުސްއެއް ހުޅުވި، "ސެރީން ސުކައި ގެސްޓް ހައުސް"ގެ ވެރިޔާ އަހުމަދު ކަރަމް ބުންޏެވެ.
ގެސްޓް ހައުސްގެ މަންފާ ހޯދާ އެހެން ރަށަކަށް ބަލަމާތޯ އެވެ. ކ. މާފުއްޓަކީ ގެސްޓް ހައުސްގެ ވިޔަފާރިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ރަށެވެ. ގެސްޓް ހައުސްތަކުގެ ވިޔަފާރިއާ އެކު މުއްސަނދިކަމުގެ އިތުރުން މާފުށީގެ ރައްޔިތުން ވަނީ އެ ލިބުނު މަންފާގައި ރަށަށް އުމްރާނީ ގޮތުން ވެސް ބޮޑު ތަރައްގީއެއް ހޯދައިފަ އެވެ. މާލެ އަދި ބައެއް އެހެން ރަށްތައް ގޮތަށް ވަޒީފާ ނެތިގެން މަގުމަތީ އެނބުރޭ ޒުވާނުން މާފުއްޓަކުން ނުފެނެ އެވެ. މަގުމަތިން މީހުން ހުއްޓުވައި 10 ރުފިޔާ ދޭން ބުނާ ކުދީން މާފުށީގައި އުޅޭ ކަމަކަށް ނުވެ އެވެ. އެ ރަށުން މަދުވެގެން ދައުލަތަށް ޓެކްސްގެ ގޮތުގައި މަހަކު 100،000 ޑޮލަރު ނުވަތަ 1،541،000 ރުފިޔާ ލިބެ އެވެ.
މާފުށި ފަދަ ރަށްރަށާއި ހުޅުމާލެ އަށް ބަލާލިޔަސް ގެސްޓުން އުޅެމުންދާތަން ފެންނަނީ ދިވެހި އާންމު ރައްޔިތުންނާއި ވަރަށް ގާތުންނެވެ. ދިވެހި އާއިލާ ދިރިއުޅޭ ކޮޓަރިއާއި ޖެހިގެން ދެން މި ހުންނަނީ ޓޫރިސްޓް މީހާގެ ކޮޓަރި އެވެ. ގުޅުން މިހާ ވެސް ބަދެއްސެވެ. ޓޫރިސްޓް މީހާ ގިނަ ވަގުތުތައް ހޭދަކުރަނީ އާންމު ރައްޔިތުން ހަލަބޮލިވެ އުޅޭ މަގުތައް މަތީގައާއި ގޮނޑުދޮށްތަކުގަ އެވެ. އުފެދޭ ސުވާލަކީ މިކަމުގެ ފަހަތުގައި ގެއްލުމެއް ވޭބާވަ އެވެ؟
ޓޫރިސްޓަކަށް އެއްވެސް ޒާތެއްގެ ގެއްލުމެއް ލިބިއްޖެ ނަމަ އެއީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. ފަތުރުވެރިކަމުގެ ކުރިމަގަށް އެޅޭނެ ބޮޑު ހުރަހެކެވެ. މިކަން މިހެން އޮތްއިރު ލޯކަލް ޓޫރިޒަމްގެ ސަބަބުން އެ ގެއްލުން ލިބުން ގާތް ހެއްޔެވެ؟
ދިވެހިންނާއި ޓޫރިސްޓުންނާއި އެއްތަނެއްގައި އެއްކޮށް އުޅެންޖެހުމަކީ އިޖްތިމާއީ މައްސަލަތައް ކުރިމަތި ވެދާނެ ކަމަށް ކަމަށް ބެލެވެ އެވެ. އެގޮތުން މިއަދު މި މުޖުތަމައުގައި ހުއްޓުމެއް ނެތި ހިނގަމުންދާ ކުށްތަކުގެ ޝިކާރައަކަށް ހިތްހަމަޖައްސާލަން ރާއްޖެ އައިސް އުޅޭ ޓޫރިސްޓުން ވުން ގާތެވެ. އެގޮތުން ވައްކަމާއި ފޭރުމުގެ އިތުރުން މާރާމާރީތަކާއި އެހެނިހެން ކުށްތަކުގެ ޝިކާރައަކަށް ޓޫރިސްޓުން ވުން ގާތް ކަމަކަށް ލޯކަލް ޓޫރިޒަމް ދާއިރާ ނުވޭތޯ އެވެ؟
ހަމަ އެހެން މައްސަލައެކެވެ. ދިވެހިންނާއި ޓޫރިސްޓުންގެ އާންމު ދިރިއުޅުން ހާސްބައި ތަފާތު ވާނެ އެވެ. އަދި ހަމަ އެހެންމެ އެމީހުންނާއި ދިވެހިންގެ ދީނާއި ސަގާފަތަކީ މުޅިން ތަފާތު ކަންތައްތަކަށް ވުމުން މިކަމުގެ ސަބަބުން މައްސަލަތަކެއް ފެންމަތި ވާނެ ކަމަށް ބެލެވެ އެވެ. މިސާލެއް ބުނެލާނަމެވެ. މާމަ ދަރި ގޮވައިގެން ހިތްހަމަޖައްސާލުމަށް ހުޅުމާލޭ ގޮނޑުދޮށަށް މިއަދު ދެވޭކަށް ނެތެވެ. ކީއްވެ ހެއްޔެވެ؟ އެ ގޮނޑުދޮށް މިއަދު ވެފައި ވަނީ "ބިކިނީ"ގައި އުޅޭ ޓޫރިސްޓުން ވެސް އުފާކޮށް އަރާމުކޮށް ހަދާލަން ތިބޭ ގޮނޑު ދޮށެވެ. މިފަދަ އެތައް މައްސަލައެއް އަތޮޅުތަކުގެ ރަށްރަށުގައި ވެސް ފެންމަތިވާނެކަމަށް ބެލެވެ އެވެ.
ޓޫރިޒަމް ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅަކު މި މައުލޫގެ ގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރުމަކީ "ދެވަނަ ނަޒަރަކުން ބަލަން ޖެހޭ" ކަމެއް ކަމަށެވެ. އެގޮތުން ގެސްޓްހައުސް ހިންގާ ރަށަކުން ޓޫރިސްޓަކަށް ގެއްލުމެއް ވެއްޖެ ނަމަ ބޮޑެތި މައްސަލަތަކެއް ޓޫރިޒަމް އިންޑަސްޓްރީ އަށް ދިމާވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިންނާއި ޓޫރިސްޓުން މިއުޅެނީ އެއް ތަނެއްގައި، އެހެން އުޅެނިކޮށް ރާޅާއެޅުމުން ދިމާވާ ކަމަކުން ވެސް، ނޫނީ އެހެން ކަމަކުން ވެސް މައްސަލައެއް ދިމާވެދާނެ ޓޫރިސްޓުންނާއި ދިވެއްސަކާ ދެމެދު، އެކަން ދެން ވެދާނެ ބޮޑު މައްސަލައަކަސް ވެސް." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުދި ރަށްރަށުގައި ޓޫރިޒަމްގެ ވިޔަފާރި ހިންގުމަކީ ޓޫރިސްޓަކަށް ގެއްލުމެއް ދިމާވުމުގެ ފުރުސަތު އޮތްކަމެކެވެ. އެގޮތުން ޓޫރިސްޓަކަށް ގެއްލުމެއް ވެއްޖެ ނަމަ އެ ވާހަކަތައް ބޭރުގެ މީޑިއާތަކުގެ ފަލަ ސުރުހީއަށް އަރާނެ ކަމަށާއި އޭރުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ގޮންޖެހުމަކާ ކުރިމަތި ވާނެ ކަމަށް ވިދާޅުވި އެވެ.
"ރަށަކުން ހިނގާ ކުޑަކަމުން ނޫސްތަކަށް އެރީމާ އަންނަން ތިބި ޓޫރިސްޓުން ނުބަލާނެ އެކަން ހިނގީ ރާއްޖޭގެ ރިސޯޓެއްގައި ތޯއެއް، ރަށެއްގަތޯއެއް އެންމެން ވެސް ބަލާނީ އެއީ ރާއްޖޭގައި ހިނގިކަމެއް ކަމަށް، އެކަމުގެ އަސަރު ކުރާނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް،" އޭނާ ވިދާޅުވި އެވެ.
ޓޫރިސްޓަކަށް އެފަދަ ގެއްލުމެއް ލިބުމުގެ ފުރުސަތު ލޯކަލް ޓޫރިޒަމްގެ ސަބަބުން އޮތް ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު އެއީ ބައެއް ގައުމުތަކުން ތަޖުރިބާކޮށްފައި ވެސް ވާކަމެކެވެ. އެފަދަ އެއް ގައުމަކީ ޓޫރިޒަމަގެ ދާއިރާގައި ރާއްޖެއާއި އެންމެ ވާދަވެރި އެއް ގައުމު ކަމަށްވާ ސްރީލަންކާ އެވެ. ލޯކަލް ޓޫރިޒަމް އަކީ އެގައުމުގައި ފުޅާ ދާއިރާއެއްގައި ހިންގާ ވިޔަފާރިއަކަށްވާ އިރު އެ ގައުމުގެ ސަގާފަތާއި އާދަކާދަތަކާއި ހިލާފު އެތައް ކަމެއް މިއަދު ވަނީ އެ ގައުމުގެ މުޖުތަމައުއަށް އިތުރުވެ ފުނިޖެހިފަ އެވެ. އަދި ހަމަ އެއާއެކު ޓޫރިސްޓުން ރޭޕްކުރުމާއި މެރުން ފަދަ ނުރައްކާތެރި ހާދިސާތައް ލަންކާއިން ފެންނަމުން ދާއިރު އެފަދަ ކަންކަމަމީ އެގައުމުގެ ޓޫރިޒަމް ހަމަޔަކަށް ނޭޅުވޭކަމުގެ އަސްލެކެވެ.
ރާއްޖޭގެ ޓޫރިޒަމް ޖަމިއްޔާ، މަޓާޓޯގެ ފައުންޑާ މެމްބަރުން އަހުމަދު ޝަރީފް ދެކެލައްވާގޮތުގައި ލޯކަލް ޓޫރިޒަމަކީ ފައިދާ ކުރާ ވިޔަފާރިއެކެވެ. އެގޮތުން އެ ވިޔަފާރިއާ ނުލައި އާންމުނަށް ޓޫރިޒަމްގެ ފައިދާ ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވެސް ދެކެލައްވާ ގޮތުގައި އަތޮޅުތަކުގެ ރަށްރަށުގައި ގެސްޓްހައުސް ހިންގާ ނަމަ އެކަން ކުރަން އެރަށުން ވަކި ސަރަހައްދެއް ކަނޑައެޅުން މުހިންމެވެ. ރަށްރަށުގައި އާމުން އުޅޭ ސަރަހައްދުގައި ގެސްޓް ހައުސް ހަދާ ނަމަ އެ ތަންތަނުގައި ސާލާމަތީ ކަންކަން ފުރިހަމަވާން ޖެހޭނޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ރަށްތަކުގައި ޓޫރިޒަމްގެ ވިޔަފާރި ހިންގަން ބޭނުން ނަމަ އެ ރަށެއްގެ ވަކި ސަރަހައްދެއް އެކަމަށް ކަނޑައަޅައި އެ ސަރަހައްދަކީ އާންމުކޮށް ދިވެހީންނަށް ނުދެވޭ ސަރަހައްދަކަށް ހެދުން މުހިންމު ކަމަށް ފެނެ އެވެ. އޭރުން އިސްވެ ފާހަގަ ކުރި ބައެއް މައްސަލަތައް ފެންމަތިވުމުގެ ފުރުސަތު ކުޑަވެ އާންމުންނަށް ޓޫރިޒަމްގެ ފައިދާ ހޯދޭނެ ކަމަށް ބެލެވެ އެވެ.
ލޯކަލް ޓޫރިޒަމް މިދަނީ ހަލުވި ދުވެއްޔެއްގައި އާންމުވަމުންނެވެ. އެތައް ގެސްޓްހައުސްއެއް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރިވަމުންނެވެ. މިކަމުގެ ގެއްލުމާއި ފައިދާގެ ވާހަކައަކީ ދެކޮޅަށް ވެސް ބަހުސް ކުރެވޭނެ ކަމަކަށްވާ އިރު މިކަމަކީ ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އަޅަން ޖެހޭ ކަމެއްކަމަށް ފެނެ އެވެ. ހަމައެކަނި ހަދަންވީ ހަރުދަނާ އުސޫލްތަކެއް އެކަންޏެއް ނޫންނެވެ. އެކަންކަމަށް އަމަލުކުރަން ވެސް ޖެހެ އެވެ.