10 Aug 2014, 11:26
އަލްގައިދާއާ ގުޅުން އޮންނަ ކުދިކުދި ޖަމާއަތްތައް އެޖަމާއަތް ދޫކޮށް އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ(އައިސިސް) އަދި ފަހުން ހަމަ އެކަނި އިސްލާމިކް ސްޓޭޓް( އައިއެސް)ގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތާ ގުޅެމުން އަންނަ ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ބުނެފި އެވެ.
އެމެރިކާގެ ވޮޝިންޓަން ޕޯސްޓް ނޫހުން މިއަދު ބުނީ ޔަމަނާއި އެފްރިކާގެ ބައެއް ގައުމުތަކުގައި އުޅޭ ޖަމާއަތްތައް އަލްގައިދާ ދޫކޮށް އައިއެސްއާ ގުޅެމުން އަންނަ ކަމަށް އެމެރިކާގެ ޖާސޫސީ ބައެއް އޮފިޝަލުން ބުނި ކަމަށެވެ.
"...އަލްގައިދާއާ ގުޅުން އޮންނަ ޖަމާއަތްތަކުން އެތައް ކުދި ގްރޫޕްތަކެއް ވަނީ (އަލްގައިދާ ދޫކޮށް) އައިސިސްއާ ގުޅިފައި. އެ ގްރޫޕްތަކުގެ ނަންތައް ވެސް އިނގޭ،" އެމެރިކާގެ ޖާސޫސީ މައުލޫމާތުތައް ބެލުމުގެ ފުރުސަތު އޮންނަ، ނަން ހާމަ ނުކުރާ އޮފިޝަލަކު ބުނިކަމަށް ނޫހުގައިވެ އެވެ.
އައިއެސްގެ ކުރިއެރުމާ މެދު ވެސް އޮފިޝަލް ވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނެފައި ވަނީ އެޖަމާއަތުން ހުނަރު ލިބިގަތީ އެމެރިކާ އިން އިރާގު ހިފި އިރު އެގައުމު ސިފައިންނާއި ހަނގުރާމަކޮށްގެންނާއި ސޫރިޔާ ސަރުކާރާ ހަނގުރާމަކޮށްގެން ކަމަށެވެ.
އައިއެސް އިން އިރާގުގެ އުތުރާއި ސީރިއާއިން ބޮޑު ބައެއް ހިފުމަށް ފަހު މިހާރު ހަނގުރާމަކުރަމުން ދަނީ އިރާގުގައި ވަކިވެގަނެގެން އުޅޭ ކުރުދީންގެ އަތްދަށުގައި އޮންނަ، ކުރުދިސްތާންގެ ވެރިރަށް ކަމަށް ބަލައިގެން އުޅޭ އިރުބީލް ހިފުމަށެވެ. އެޖަމާއަތުން އިރުބީލަށް ހަމަލާދޭން ފެށުމުން އެމެރިކާ އިން މިހާރު ދަނީ އެޖަމާއަތާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުންނެވެ.
އެމެރިކާއިން ހަމަލާދޭން ފެށުމުގެ ކުރިން ބުނެފައި ވަނީ ހަމަލާދޭން ފެށީ ދީނީ ގޮތުން ބައިމަދުި ޔަޒީދީން ސަލާމަތް ކުރުމަށް ކަމަށެވެ. ނަމަވެސް އިރުބީލަކީ އެމެރިކާގެ ގިނަ މަސްލަހަތުތަކެއް އޮތް ރަށެކެވެ. އެގޮތުން އެމެރިކާގެ 6000 މީހުންނާއި ބައެއް ހުޅަނގުގެ މިޝަންތަކާއި އަރަބި ބައެއް ގައުމުތަކުގެ މިޝަންތައް ވެސް އެރަށުގައިވެ އެވެ.