ރާއްޖޭގެ ބައެއް ރަށްރަށުގައި ހުވަނި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުމުގައި ފިޒަރީޒް މިނިސްޓްރީ އިން ރަށު ކައުންސިލްތަކަށް އެހީތެރިވާން ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ބައެއް ހިސާބުތަކުގައި ވާރޭނުވެހި ގިނަދުވަސްވެ، ހޫނުގަދަވާ މޫސުމުގައި ހުވަނީގެ އާބާދީ ކުއްލިއަކަށް އިތުރުވެ އޭގެ ސަބަބުން ރައްޔިތުންނަށް ތަފާތު ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. ފަހަކަށް އައިސް ލޯކަލް ގަވާމެންޓް އޮތޯރިޓީގެ އެދިވަޑައިގަތުމަކާ ގުޅިގެން ރަށްރަށުގެ ކައުންސިލްތަކަށް ހުވަނި ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ހަވާލުކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ހުވަނި ކޮންޓްރޯލްކުރުމަށް ބޭނުންވާ ތަކެތި ކައުންސިލްތަކުން ހޯދުމަށް ދަތިތަކާއިކުރިމަތިވެފައިވާތީ އެކަމުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމަށް ކައުންސިލްތަކުން އެދިފައިވާތީ މިނިސްޓްރީން އެކަމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އެގޮތުން އަތޮޅު ކައުންސިލްތަކަށް، ހުވަނި ކޮންޓްރޯލްކުރުމަށް ބޭސްޖަހަން ބޭނުންކުރާ ސްޕްރޭ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް ނިސްޓްރީން ބުންޏެވެ.

މިހާތަނަށް ރ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅުގެ ކައުންސިލް އިދާރާތަކަށް އެ ސްޕްރޭ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހުވަންޏަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި އުޅޭ އަދި ބޮޑެތިކޮށް ހެދޭ މިދިލި، ފުނަ ފަދަ ގަސްގަހުގެ ފަތްތައް ކާ ފަންޏެކެވެ. ހުވަނީގެ ސަބަބުން ގަސްގަހަށާއި އިންސާނުންނަށް ގެއްލުން ލިބެ އެވެ. ގަސްގަހަށް ގެއްލުންދެނީ ހުވަނީގެ ފަންޏެވެ.

ހުވަނީގެ ފަނި ގަސްތަކުގެ ފަތްތައް ކެއުމުން ގަހަށް ގެއްލުން ލިބެ އެވެ. އަދި މީގެ އިތުރުން ހުވަނި ފަނީގައި ހުންނަ ކެހެރީ ގެ ސަބަބުން އިންސާނުންނަށް ވެސް އުނދަގޫތަކާ ކުރިމަތިވެ އެވެ. ހުވަނީގެ ކެހެރި ޖެހުމުން އެކި މީހުންނަށް ފޯރާ އަސަރު ތަފާތެވެ. ހުވަނި ނުވަތަ އޭގެ ކެހެރި އިންސާނުންގެ ގައިގައި ޖެހުމުން އެތަނެއް ގަދައަށް ހިރުވާ، ކަހާ، ފިތްނަގާ އަދި ރަތްވެ ދުޅަވާގޮތް ވެސް މެދުވެރިވެ އެވެ.