މ. ކޮޅުފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަޝީދު ކައުންސިލަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ކައުންސިލްގެ ރައީސް، ކައުންސިލަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ކަމަށެވެ.

"ކައުންސިލްގެ ރައީސް އިބްރާހިމް ރަޝީދު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވީ މިދިޔަ ހަފްތާގެ ބުދަ ދުވަހު. އިސްތިއުފާ ދެއްވި އެއް ވެސް ސަބަބެއް ސިޓީގައި ބަޔާން ކުރައްވާފައެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވި ސިޓީ ކައުންސިލް އިދާރާ އަށް ލިބިފައި ވަނީ ބުދަ ދުވަހު އޮފީސް ބަންދު ކުރަން ގާތްވެފައި ވަނިކޮށް ކަމަށެވެ. އެހެން ކަމުން މިއަދު ވަނީ އިސްތިއުފާ ދެއްވި ސިޓީ ރަސްމީކޮށް އެންޓްރީކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވި ސަބަބު ސާފު ކުރުމަށް "ސަން" އިން ގުޅާލުމުން އިބްރާހިމް ރަޝީދު ވިދާޅުވީ ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވީ ރަށުގެ ތަރައްގީއަށް ޓަކައި ކުރަން ބޭނުންފުޅުވާ ކަންތައްތައް ބޭނުންވާ ސްޕީޑުގައި ނުދާތީ ކަމަށެވެ. އެގޮތުން ރަށުގެ ތަރައްގީއަށް ޓަކައި ކުރަން ބޭނުންވާ ކަންތައްތައް ކުރުމަށް އެކަށީގެންވާ ބަޖެޓް ވެސް ނުލިބޭ ކަަމަށާއި އަދި އެ ނޫން ވެސް ތަފާތު އެކި ދަތިތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އިސްތިއުފާދިނީ މިވަގުތު ކައުންސިލަރު ކަމުގައި ހުންނަން ބޭނުން ނުވާތީ. ސަބަބކީ ރަށުގެ ތަރައްގީއަށް ޓަކައި ކުރަން ބޭނުންވާ ކަންތައްތައް ބޭނުންވާ ސްޕީޑުގައި ނުދިއުން. ބަޖެޓް ނެތުން. ދެން މިނޫން ތަފާތު އެކި ދަތިތައް އެބަހުރި." އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.