15 Jan 2011, 10:06
ކޯޓުތަކުގެ ސަރަހައްދީ އިހްތިސާސްތައް ކަނޑައެޅުމުން ޖެހުނު މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޖުޑީޝަލް ކައުންސިލުން ބުނެފި އެވެ.
ޖުޑީޝަލް ކައުންސިލުން ބުނެފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ ހަ ވަނަ ބާބުގެ ދަށުން ކޯޓުތަކުގެ ސަރަހައްދީ އިހްތިސާސް ކަނޑައެޅުމުން އެފަދަ ދާއިރާތަކަށް މައްސަލަ ހުށަހެޅުމަށް އާންމުންނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެކަންތައްތައް ހައްލު ކުރުމަށް ޖުޑީޝަލް ކައުންސިލުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.
ކޯޓުތަކުގެ ސަރަހައްދީ އިހްތިސާސްތައް ކަނޑައެޅުމާ ގުޅިގެން ފެމިލީ ކޯޓުން ވަނީ ދައުވާ ލިބޭ ނުވަތަ ދައުވާ ކުރާ ފަރާތުގެ ދާއިމީ އެޑްރެސް އޮންނަ ދާއިރާއެއްގެ ކޯޓަކަށް އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ނަމަ އެ މައްސަލައެއް ފެމިލީ ކޯޓުން ނުބެލުމަށް ނިންމައިފަ އެވެ. އެހެން ހެދުމުން މިސާލަކަށް މާލޭގައި ދިރިއުޅޭ ސ. މީދޫ މީހަކު ހއ. ކެލާ މީހަކާ ދެކޮޅަށް މައްސަލައެއް ހުށަހަޅަން ބޭނުންވާ ނަމަ ޖެހޭނީ މީދުއަށް ނުވަތަ ކެލައަށް ދާށެވެ.