ލަންޑަން (އޮގަސްޓް 10) : އިސްރާއީލުގެ އަނިޔާވެރިކަމާއި އަޅުވެތިކަމުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ ގައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އިނގިރޭސިވިލާތުގައި ހިންގި ހަރަކާތްތަކުން 24 ގަޑިއިރު ތެރޭގައި ހަތަރު މިލިޔަން ސްޓާލިން ޕައުންޑް ލިބިއްޖެ ކަމަށް މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފި އެވެ.

ޣައްޒާގެ ރައްޔިތުން ނަށް އެހީވުމަށް ބޭނުންވާ ފައިސާ ހޯދުމަށް އިނގިރޭސިވިލާތުގެ މުސްލިމުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތައް އިސްކޮށް ތިބެގެން ކުރިޔަށްގެންދާ ހަރަކާތްތަކަށް އާންމު ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް "ސްޓޮޕް ވޯ" ހަރަކާތުން ބުނެ އެވެ. އިސްރާއީލުން ގައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ގަތްލުއާންމުތަކާ ދެކޮޅު ހެދުމުގެ ގޮތުން ލަންޑަންގައި އިއްޔެކުރި މުޒާހަރާގައި ދޮޅު ލައްކަ މީހުން ބައިވެރިވެފައިވާކަން މިކަން އިންތިޒާމްކުރި ފަރާތްތަކުން ހާމަކޮށްފައިވެ އެވެ.

ފަލަސްތީނުގެ ކުށެއް ނެތް އާންމުން މެރުމަށް އިސްރާއީލު ހިންގާ ޖަރީމާ ތަކާ ގުޅިގެން އިސްރާއީލާ މެދު ވިލާތުގެ ގައުމުތަކުގެ އާންމުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިގޮތުން ނޯވޭގެ މީޑިޔާ އިސްރާއީލާ ދެކޮޅަށް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ހަބަރު ލިބެ އެވެ. (އަލްޖަޒީރާ)