ދިވެހި މީޑިއާ އިސްވެ ފަލަސްތީނުގެ ގަޒާއަށް އެހީވުމަށް ބޭއްވި ޓެލެތޯން އިން، 20 މިލިއަން ރުފިޔާ ހޯދައި ރާއްޖޭގައި މިހާތަނަށް ބޭއްވި ހުރިހާ ޓެލެތޯންތަކުގެ ރެކޯޑާ އެކު ނިންމާލައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ 2:30 ގައި ހަ މިލިއަން ރުފިޔާއިން ފެށި އެ ޓެލެތޯން ރޭ 3:00 ގައި ނިންމާލީ 20،703،486.32 ރުފިޔާއާ އެކު އެވެ.

ގާޒާ ފަންޑަށް ފައިސާ ހޯދުމަށް ދިވެހި މީޑިއާ އިސްވެ އޮވެ ހިންގި އެ ޓެލެތޯންއަށް ގިނަ އަދަދެއްގެ ދިވެހިން ވަނީ އެހީތެރިވެދީފަ އެވެ. އެގޮތުން ބައެއް ކުޑަކުދިން ކޮއިން ބޮކްސްތައް އެފަންޑަށް ހަދިޔާކޮށްފައިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ އެފަންޑަށް ފައިސާ ހޯދުމަށް ތަފާތު ހަރަކާތްތަކެއް ހިންގާފަ އެވެ. އޭގެ ތެެރެއިން ބައެއް ހަރަކާތްތައް މިއަދު ވެސް ހިންގުމަށް ވަނީ ނިންމައިފަ އެވެ.

ހެލްޕް ގާޒާ ސްޓިއަރިން ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރު އަދި ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ، އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ދިވެހި މީޑިއާ ކުރިޔަށް ނުކުމެ ފަލަސްތީންގެ ގާޒާއަށް އެހީވުމަށް އިސްނެގުމުން ދިވެހި ރައްޔިތުން ދިނީ އާދަޔާ ހިލާފު ތަރުހީބެއް ކަމަށާއި މިފަހަރު ދިވެހިން ދެއްކި ނަމޫނާ މިސާލަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"މިވަގުތު އަޅުގަނޑު ޔަގީންކަން ދެނީ މި ޓެލެތޯނާއި އެހީގެ ހަރަކާތްތަކުގައި ލިބުނު އަދި ދެން ލިބޭނެ ހުރިހާ ފައިސާއެއް ގާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ފޯރުކޮށްދޭނެކަން. އަދި ރައްޔިތުން އެއްވެސް ވަރަކަށް އެކަމާ ޝައްކު ނުކުރުމަށް،" ހިރިގާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ ހުރިހާ ޓެލެތޯންތަކެއް ކުރިޔަށް ގެންދިއުމުގައި އިސްވެ ހުންނެވި އަދި ހެލްޕް ގާޒާ ސްޓިއަރިން ކޮމެޓީގެ މެމްބަރު މުހައްމަދު އާސިފް (މޮންދު) ރޭ ވިދާޅުވީ މިއީ ރާއްޖޭގައި ބޭއްވި ޓެލެތޯންތަކަށް ބަލާއިރު ތާރީހީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެގޮތުން ހެލްޕް ގާޒާ ޓެލްތޯން މުއްދަތު ހަމަވާއިރު ފައިސާގެ ގޮތުގައި ލިބޭ އަދަދު 16 މިލިއަނަށްވުރެ މައްޗަށް ދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް މޮންދު ވިދާޅުވި އެވެ.

ރޭ 3:00 ޖެހުމާއެކު 20 މިލިއަން ރުފިޔާއިން އެޓެލެތޯން ނިންމާލައިފީނަމަވެސް 20 މިލިއަން ރުފިޔާއަށްވުރެ އެފަނޑަށް ފައިސާ ލިބުނު އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އަތޮޅުތަކުގެ އެކި ރަށްރަށުން އެފަންޑަށް ހޯދި ފައިސާ މިހާރުވެސް ޖަމާކުރަމުންދާތީއެވެ.