10 Aug 2014, 10:00
ޣައްޒާ (އޮގަސްޓް 10) : ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުންގެންދާ އުދުވާނުގައި އިއްޔެ ވެސް ފަލަސްތީނުގެ ފަސް މީހުން ޝަހީދުކޮށްލައި ތިރީހަކަށް މީހުން ޒަޚަމްކޮށްލި ކަމަށާއި ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމުގެ ހަގީގީ ސޫރަ ދުނޔެއަށް ހާމަވެ އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ބާރުތައް ބޭޒާރުވުމާ ގުޅިގެން އިސްރާއީލު ކޮންމެ ވެސް ވަރަކަށް މައިތިރިވާން ފަށާފައިވާ ކަމަށް ފަލަސްތީނުން ބުނެފި އެވެ.
ފަލަސްތީނުގެ ދާޚިލީ ވުޒާރާއާއިން ބުނީ އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓުތަކުން ޣައްޒާގެ މަދަނީ ތަންތަނަށް އިއްޔެވެސް 30 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށާއި މިހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހުން ޝަހީދުކޮށްލާފައިވާ ކަމުގަ އެވެ. މިދިޔަ ހުކުރު ދުވަހު އިސްރާއީލުން ޝަހީދުކޮށްލާފައިވަނީ ދެމީހުންނެވެ. މިއާއެކު ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޣައްޒާއަށް ހަމަލާދީ އިސްރާއީލުން ޝަހީދުކޮށްލާފައިވަނީ ހަތް މީހުން ކަމަށްވެސް ފަލަސްތީނުން ބުނެ އެވެ.
ކުރިން ކޮންމެ ދުވަހަކު 130 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް 400 އަށްވުރެ ގިނަ މީހުން ޒަހަމްކޮށް އިސްރާއީލުން ހިންގި ގަތުލުއާންމުތަކަށް ބަލާއިރު މިއީ މަދު އަދަދެއް ކަމަށާއި އިސްރާއީލުގެ ގަތުލުއާންމުތައް މައިތިރިވާން ފަށާފައިމިވަނީ އިސްރާއީލުގެ އަނިޔާވެރިކަމުގެ ހަގީގީ ސޫރަ ދުނިޔެއަށް ހާމަވެ އަހުލާގީގޮތުން އިސްރާއީލުގެ އަގު ދުނިޔޭގައި ވެއްޓި އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ އާންމުންގެ ހިތްތައް ބަދަލުވެގެންދިޔަ ކަމުގެ މެސެޖް އިސްރާއީލުގެ ހަރުކަށިވެރިންނަށް ލިބިގެން ކަމަށް ބެލެވޭ ކަމަށް ވެސް ފަލަސްތީނުގެ ދާހިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވެ އެވެ.
އިސްރާއީލުން ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ދީފައިވާ އާދަޔާ ހިލާފު ބޮޑެތި ގެއްލުންތަކާއި ފަނާކޮށްލާފައިވާ ގެދޮރާއި ސްކޫލްތަކާއި މިސްކިތްތަކާއި ހޮސްޕިޓަލްތަކުގެ ހާލަތުގެ އިތުރުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ގަތްލުއާންމުތަކުގައި ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށްލާފައިވާ މިންވަރު ފެނުމާ އެކު މުޅި ދުނިޔެ ސިހިގެން ގޮސްފައިވާ ކަމަށް އދ. އާއި އެމްނެސްޓީ އާއި އެނޫން ވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް ވަނީ ބުނެފަ އެވެ.
އިސްރާއީލުގެ މިއަނިޔާވެރިކަން ފެނުމުން އެމެރިކާ އާއި ހުޅަނގުގެ ބޮޑެތި ގައުމުތަކުގައި ވެސް އެތައް ހާސްބަޔަކު އިސްރާއީލާ ދެކޮޅަށް އަޑުއުފުލައި އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދަނީ ނާޒީ ޖަރުމަނުގެ ލީޑަރު އެޑޮލްފް ހިޓްލަރު ދެވަނަ ބޮޑުހަނގުރާމައިގާ ޔަހޫދީންނާ ދެކޮޅަށް ހިންގި ބާވަތުގެ ހޮލޮކޯސްޓް ގެ އަމަލުތައް ފަދަ ޖަރީމާތަކެއް ކަމަށް ހުދު ޔޫރަޕްގެ ރައްޔިތުންވެސް ވަނީ ބުނަން ފަށައިފަ އެވެ.
ހަމާސްއިން އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ރޮކެޓް ހަމަލާތައް ދިން ނަމަވެސް ގަސްދުގައި ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނަށް ހަމަލާދީ އެމީހުން މަރައި ގަތުލުއާންމުތައް ހިންގައި ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ހަމަލާދީ ބާބެރިޒަމްގެ އުސޫލުން އިންސާނިއްޔަތާ ހިލާފުޖަރީމާތައް ހިންގުމުގެ އެއްވެސް ހައްގެއް އިސްރާއީލަށް ނޯންނާނެ ކަމާއި މިއީ ހަނގުރާމައިގެ ޖަރީމާ ކަމަށް މިޖަރީމާތައް އެއްވެސް ވަރަކަށް ޖަސްޓިފައި ނުކުރެވޭނެ ކަމަށް އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރި ޔުރަޕްގެ ގައުމުތަކުގެ ރައްޔިތުން ވެސް ބުނެ އަޑުއުފުލާފައިވެ އެވެ.
ގައްޒާއާ ދެކޮޅަށް ހިންގާ އުދުވާން 72 ގަޑިއިރަށް މެދުކަނޑާލުމަށް އިސްރާއީލާއި ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކާ އެކު މިދިޔަ ހަފްތާގައި އިސްރާއީލު އެއްބަސްވުމުގެ ކުރިން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ދެމުންގެންދިޔަ ހަމަލާތަކުގައި އެވްރެޖްކޮށް ދުވާލަކު 130 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް 400 އަށްވުރެ ގިނަމީހުން ޒަހަމްކުރަމުން ގެންގޮސްފައިވެ އެވެ. ނަމަވެސް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސް މިދިޔަ ހުކުރު ދުވަހު އިސްރާއީލުން އަނެއްކާވެސް ހަމަލާތައް ފެށިފަހުން ފާއިތުވި ދެދުވަހުގެ ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލާފައިވަނީ ފަލަސްތީނުގެ ހަތް މީހުން ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާއިން ބުނެ އެވެ. އިސްރާއީލުގެ މިހާރުގެ ހަމަލާތައް ކުރިޔަށްވުރެ އެތައް ގުނައެއް މައިތިރިވުގެ އެއްސަބަބަކީ ޣައްޒާގެ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިން ޝަހީދުކޮށް އިސްރާއީލުން ހިންގަމުންގެންދިޔަ ގަތުލްއާންމުތަކާ ގުޅިގެން އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވެރިން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް އެމީހުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ގޮވާލެވޭ އަޑުތައް އާދަޔާ ހިލާފަށް އިތުރުވެ ކުށްވެރި ދައުލަތެއްގެ ގޮތުގައި އިސްރާއީލު ސިފަވެގެންދާތީ ކަމަށާއި އިސްރާއީލުގެ އުދުވާން ހުދު "އިސްރާއީލުގެ އަތަަށް ގޮވައިފި" ކަމަށް ބައެއް މުރާސިލުންވަނީ ސިފަކޮށްފަ އެވެ.
ގައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރުފަދަ މަދަނީ ތަންތަނަށް ގަސްދުގައި ހަމަލާދީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހަނގުރާއިގެ ބޮޑެތި ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތު އިސްރާއީލުގެ ހަރުކަށި ވެރިންނާއި ސިފައިންގެ މައްޗަށް ކުރެވިފައިވެ އެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ރޭވުމެއް ތަންފީޒުކުރަމުން ގެންދާ ކަމުގެ ތުހުމަތު ވެސް އިސްރާއީލުގެ މައްޗަށް ވަނީ ކުރެވިފަ އެވެ. އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ރައްދުގައި ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް 22 ރޮކެޓް ފޮނުވާލާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ފަލަސްތީނުގެ މުޖާހިދުން އިސްރާއީލުގެ ބޮޑެތި ސިޓީތައް ކަމަށްވާ ޢަސްގަލާން، އިޝްކޫލް އަދި ސިދޫތް އަށް ފޮނުވާ ރޮކެޓް ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އެތައް މިލިޔަން ބަޔަކު ޝެލްޓާތަކުގައި އުޅެން ޖެހިފައިވާއިރު އިސްރާއީލުގެ މައި ސިނާއީ ސަރަހައްދުތަކުގެ މަސައްކަތްތަކާއި ބޮޑެތި އެއާޕޯޓްތަކުގެ ހަރަކާތްތައްވަނީ ޕެރަލައިޒް ވެފަ އެވެ. އަދި ފަލަސްތީނުގެ ބިމުގައި ގަދަބާރުން ގައިރު ގާނޫނީ ގޮތުން ވަޒަންވެރިވެގަނެގެންއުޅޭ ޔަހޫދީންނަށް ވަނީ އަމާންކަން ގެއްލުމުގެ އިހުސާސް ކުރަންޖެހިފަ އެވެ. ރޮކެޓް ފޮނުވުމުގައި ހަމާސްގެ ސްޓްރެޓެޖީއަކީ މި އެވެ. މިސްޓްރެޓެޖީ ކާމިޔާބުވަމުންދާ ކަމަށް ހަމާސުންވަނީ ބުނެފަ އެވެ. (ނޫސްއެޖެންސީތައް)