10 Aug 2014, 09:53
ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައި، އެމެރިކާގެ ނިއުޔޯކްސިޓީގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ( ޔޫއެން)ގެ މައި އިދާރާގެ ކުރިމަތީގައި ބަޔަކު މުޒާހަރާކޮށްފި އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ނިއުޔޯކްގެ ކޮލަމްބަސް ސާކަލް ކައިރިއަށް 500 މީހުން ޖަމާވި ކަމަށާއި އަދި އެއަށް ފަހު މުޒާހަރާކުރަމުން ޔޫއެންގެ މައި އިދާރާ އަށް ދިޔަ ކަމަށެވެ. އަދި ބުނީ އެމީހުން ގޮވަމުން ދިޔައީ " ފަލަސްތީނު މިނިވަން ކުރޭ، ބިންތައް ހިފުމަކީ ކުށެއް" މިހެން ކަމަށެވެ. އެމެރިކާއިން އިސްރާއީލަށް ދޭ އެހީ ހުއްޓައިލުމަށް ވެސް އެމީހުން ގޮވައިލި ކަމަށް ވެސް އެއެޖެންސީން ބުންޏެވެ.
އަރަބިންނާއި ޔަހޫދީން އެކުވެރި ކުރުމަށް ސޯޝަލް މީޑިއާގައި ހިންގަމުން އަންނަ ހަރަކާތަކުން ވެސް މިއަދުގެ ފަހުގެ ވަގުތެއްގައި ޔޫއެން މައި އިދާރާ ކުރިމަތީގައި މުޒާހަރާއެއް ކުރުމަށް ވަނީ ރާވާފަ އެވެ. އެމީހުން ރާވާފައި ވަނީ އުއްބައްތި ދިއްލައިގެން ހިމޭން މުޒާހަރާއެއް ކުރާށެވެ.
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން މިފަހަރު ހިންގަން ފެށި އުދުވާނާ ގުޅިގެން މިމަހުގެ ފުރަތަމަ ދުވަހު ވެސް އެމެރިކާގައި ވަނީ މުޒާހަރާތައް ކޮށްފަ އެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން އައި ހަމަލާތައް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އަދި ހަމަލާތައް މުޅިން ހުއްޓައިލުމާ މެދު ހަމާސް ޖަމާއަތާ އިސްރާއީލުން ދަނީ މިސްރު މެދުވެރިވެގެން ވާހަކަ ދައްކަމުންނެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި މިހާތަނަށް ގާތްގަނޑަކަށް 1900 ފަލަސްތީނީން ވަނީ ޝަހީދުވެފަ އެވެ. ޝަހީދުވީ ގިނަމީހުންނަކީ އާންމުންނެވެ. އަދި 400 ކުޑަކުދިންވެސް މި އަދަދުގެ ތެރޭގައި ހިމެނެ އެވެ.