10 Aug 2014, 02:32
ރެއާލް މެޑްރިޑްގެ ސްޕެއިން މިޑްފީލްޑަރު ޒަބީ އަލޮންސޯއަށް ކުރިމަތިވެފައިވާ އެއް މެޗުގެ ސަސްޕެންޝަނު އެޕީލް ކުރުމަށް ހުށަހެޅުން ޔޫއެފާއިން އެ ހުށަހެޅުން ބަލައި ނުގަނެ ދޫކޮށްލައިފި އެވެ.
ޔޫއެފާއިން އެއް މެޗަށް އަލޮންސޯ ސަސްޕެންޑްކުރީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗަށް ސަސްޕެންޑްވެފައި ވަނިކޮށް، އެ މެޗުގައި ގެރެތު ބޭލް ޖެހި ލަނޑަށްފަހު އުފާފާޅު ކުރުމަށް ދަނޑަށް އެރުމުންނެވެ.
އެޕީލް ކުރުމަށް މެޑްރިޑުން ހުށަހެޅުމުން ޔޫއެފާއިން އެ ހުށަހެޅުން ބަލައި ނުގަތުމުން އަލޮންސޯއަށް ޖެހޭނީ ކުރިން ވެސް އޮތް ގޮތަށް ސަސްޕެންޝަނުގައި ހުންނާށެވެ. އެހެންކަމުން އޭނާއަށް އަންނަ އަންގާރަ ދުވަހު މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ކާމިޔާބުކުރި ސެވިއްޔާއާ ދެކޮޅަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މެޑްރިޑް ކުޅޭ ޔޫއެފާ ސުޕާ ކަޕް މެޗުގައި ބައިވެރިއެއް ނުވެވޭނެ އެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން މެޑްރިޑުން ހޯދި އިރު، އެ މުބާރާތުގެ ފައިނަލުގައި އެ ޓީމަށް ދެއްކި ފަސް ރީނދޫ ކާޑާއި، އެ ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކުގެ ސަބަބުން ޔޫއެފާއިން ވަނީ 18،000 ޔޫރޯއަށް މެޑްރިޑް ޖޫރިމަނާކޮށްފަ އެވެ.