އުމުރުން 36 އަހަރުގައި އައިވަރީ ކޯސްޓް ފޯވާޑް ޑިޑިއާ ޑްރޮގްބާ، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

މިދިޔަ މަހު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އައިވަރީ ކޯސްޓް ޓީމުން ފެނުނު ޗެލްސީ ފޯވާޑް ޑްރޮގްބާ، ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ކްލަބު ކެރިއަރަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

ގައުމީ ޓީމަށް ޑްރޮގްބާ ކުޅުން ހުއްޓާލި އިރު، އޭނާ ވަނީ އެ ޓީމަށް ކުޅުނު 104 މެޗުން 65 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ހިމެނިފައި ވަނީ އައިވަރީ ކޯސްޓަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއަށެވެ. މިހާރު ސްކޮޑުގައި ތިބި ކުޅުންތެރިންގެ ތެރޭގައި ޑްރޮގްބާގެ އެ ރެކޯޑާ ގާތްކުރެވޭ ކުޅުންތެރިއަކު ނެތެވެ.

"ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް މި ނިންމީ ހިތާމައާއެކު،" މިދިޔަ ހުކުރު ދުވަހު އޭނާ ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. "ގައުމީ ޓީމުގައި ހޭދަކުރި 12 އަހަރު ތެރޭގައި ހިމެނެނީ ފުން އިހްސާސްތަކެއް. އަހަރެން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުން ފެށިގެން އެންމެ ފަހު މެޗާ ހަމައަށް އަހަރެން މަސައްކަތްކުރީ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް،"

ޑްރޮގްބާ ބުނީ، އަށް އަހަރު ދުވަހުގެ މުއްދަތަކަށް ގައުމީ ޓީމުގެ ކެޕްޓަންކަން އަދާކޮށް، ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިން ގައުމަށް އެހީތެރިވެވުމުން ފަހުރުވެރިވާ ކަމަށެވެ. އަދި ގައުމީ ޓީމަށް ކުޅުނު އިރު، ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޑްރޮގްބާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އައިވަރީ ކޯސްޓް ޓީމަށް ޑްރޮގްބާ އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2002 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ސައުތު އެފްރިކާއާ ދެކޮޅަށް ކުޅުނު އެ މެޗެއް ފަހު، އޭނާ ވެގެންދިޔައީ އެ ގައުމުގެ އެންމެ މުހިންމު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައެވެ.

އައިވަރީ ކޯސްޓްގެ ކެޕްޓަން ބޭންޑް އަޅައިގެން ޑްރޮގްބާ ކުޅުނު އެންމެ ފުރަތަމަ މުބާރާތަކީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕެވެ. ނަމަވެސް ޑްރޮގްބާއަށް ގިނަ ތަރިންތަކެއް އެކުލެވޭ އައިވަރީ ކޯސްޓަށް ކާމިޔާބެއް ހޯދައި ދެވިފައެއް ނުވެ އެވެ.