10 Aug 2014, 00:46
ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި މީޑިއާއިން ކުރިއަށް ގެންދާ ޓެލެތޯނަށް ޖުމްލަ 20 މިލިއަނަށް ރުފިޔާ ލިބޭނެ ކަމަށް ޓެލެތޯންގެ ސްޓިއަރިން ކޮމެޓީން މިރޭ ބުނެފި އެވެ.
އެ ކޮމެޓީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ހަ މިލިއަން ރުފިޔާއާއެކު ފެށި ޓެލެތޯނަށް މިހާރު 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވީ ނަމަވެސް އެހީ ލިބެމުންދާ މިންވަރަށް ބަލާއިރު މިރޭ 3:00 ގައި ޓެލެތޯން ނިންމާލާއިރު އެ އަދަދު 20 މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.
"މިހާރު ޓީވީއަށް އަރާފައި ހުރި އަދަދުގެ އިތުރުން ވެސް އިތުރު ބައިތަކެއް އެންޓަ ކުރަމުން މިހާރު ވެސް ދާނެ. މިހާރު އަޅުގަނޑުމެންގެ އުއްމީދު ކުރަނީ 20 މިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށް،" މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިރޭ މެންދަމު ޓެލެތޯން ނިންމާލި ނަމަވެސް އޭގެ ފަހުން ވެސެ ގާޒާ ފަންޑަށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން ބޭންކަށް ފައިސާ ޖަމާ ކުރުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އޮފީސްތަކަށް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކޮމެޓީގެ ސްޕޯކްސް ޕާސަން އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ އަތޮޅުތަކުން އެ ފަންޑަށް ހަދިޔާކުރަން ނިންމި ފައިސާތައް ކުރިއަށް އޮތް ހަފުތާ ނިމުމުގެ ކުރިން ޖަމާ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.