10 Aug 2014, 00:12
ޖުލައި މަހުގެ 8 ވަނަ ދުވަހު އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އުދުވާނާއި ގަތުލުއާންމުތައް ހިންގަން ފެށުމުގެ ކުރިން މިކަމަށް މަގުފަހި ކުރުމުގެ ގޮތުން އިސްރާއީލުން ކުރިކަންތައް ކަމަށް ބެލެވޭ ތިން ކަމެއް ފާހަގަކޮށްލެވެ އެވެ. އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގައި ހިނގި މިތިން ހާދިސާގެ ތެރެއިން ފުރަތަމަ ޙާދިސާއަކީ ހުޅަނގު އައްސޭރީގައި ގާނޫނާ ޚިލާފަށް ވަޒަންވެރިވެގަނެގެން އުޅޭ ޔަހޫދީ ވަޒަންވެރިންގެ ތިން ކުއްޖަކު ޖޫން މަހުގެ 12 ވަނަ ދުވަހު ވަގަށް ނެގި ޙާދިސާއެވެ. އިސްރާއީލުން ވަނީ މި ތިންކުދިން ވަގަށް ނެގީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާޢަތުން ކަމަށް ބުނެ ހަމާސްގެ ބޮލުގައި މިޖިނާއީ ކުށުގެ ތުހުމަތު އަޅުވާފައެވެ.
މި ކުދިން ހޯދުމުގެ ނަމުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހުޅަނގު އައްސޭރީގެ އެތަށް ސަރަހައްދެއްގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި ފަލަސްޠީނުގެ އެތަށް ސަތޭކަ ބަޔަކު ޝަރީޢަތަކާ ނުލައި ހައްޔަރުކުރުމާއި ފަލަސްތީނުގެ އެތަށް ބަޔަކަށް ޙަމަލާދީ ޒަޚަމްކޮށްލުމާއި ޣައްޒާގައިވާ ޙަމާސް ޖަމާއަތުގެ އަމާޒުތަކަށް އެކި ފަހަރުމަތިން ބޮމުގެ ޙަމަލާތައް ދިނުންފަދަ ހަރުކަށި އަމަލުތައް ހިމެނެއެވެ. މި ޖިނާއީ މައްސަލައާ ގުޅިގެން އިސްރާއީލުން ހައްޔަރުކުރި ފަލަސްތީނުގެ ރައްޔިތުންގެ ތެރޭގައި ހަމާސްގެ އިސް ބައެއް ބޭފުޅުންނާއި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން މިނިވަންކޮށްފައިވާ ފަލަސްޠީނުގެ ބައެއް މީހުން ވެސް ހިމެނެއެވެ.
އިސްރާއީލުގެ މި ހަރުކަށި އަމަލުތައް ފަލަސްޠީނުގެ ވެރިކަމުގެ އިދާރާއިން ކުށްވެރިކުރި އިރު، ހަމާސުން ވަނީ އިސްރާއީލުން އެޖަމާއަތުގެ މައްޗަށް ކޮށްފައިވާ ޔަހޫދީ ތިން ކުދިން ވަގަށްނެގި ކަމުގެ ޖިނާއީ ތުހުމަތަށް އިންކާރުކޮށްފައެވެ. މިއަދާ ހަމައަށް ވެސް މި ތިން ކުދިން ވަގަށް ނެގީ ހަމާސް ޖަމާޢަތުން ކަން އިސްރާއީލަށް ސާބިތުކޮށްދެވިފައި ނުވާއިރު މި ހާދިސާއަކީ އިސްރާއީލުން ޙަމާސްގެ ބޮލުގައި އެޅުވުމަށް ރާވައިގެން ހިންގި ކަމެއްކަމަށް ޖަރުމަނުވިލާތުގައި ޝާއިއުކުރި ޖާސޫސީ ރިޕޯޓެއް ބުނެއެވެ. މީގެ އިތުރުން އިސްރާއީލުގެ ބައެއް މުފައްކިރުންނާއި އަދީބުންވެސް ވަނީ ހުޅަނގުއައްސޭރީން ވަގަށްނެގި ކަމަށް އިސްރާއީލުން ބުނާ ޔަހޫދީ ތިން ކުދިން ވަގަށްނެގުމުގެ ތުހުމަތަކީ އިސްރާއީލުން ޙަމާސްގެ ބޮލުގައި އަޅުވާފައިވާ ދޮގު ތުހުމަތެއް ކަމަށް ޝައްކުކުރެވޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
މި މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީ އިސްރާއީލުން އިސްވެ ހަމާސް މަރުކަޒުތަކަށް ބޮންއަޅަން ފެށުމުނެވެ. މިއާއެކު ޙަމާސް އިންވެސް އިސްރާއީލާ ދެކޮޅަށް ރޮކެޓް ހަމަލާތައް ދޭން ފެށިއެވެ. ހުއްޓުމެއް ނެތި ދެ ދުވަހަށް ހަމަލާތައް ބަދަލުކުރަމުން ގެންދަނިކޮށް ޖޫން މަހުގެ 30 ވަނަ ދުވަހު ޔަހޫދީ މި ތިން ކުދިން މަރުވެފައި އޮއްވާ ފެނުން ވެގެން ދިޔައީ ހަމަނުޖެހުންތައް އިތުރަށް ހޫނުވުމަށް މަގުފަހިވެގެންދިޔަ ކަމަކަށެވެ.
މި ތިންކުދިންގެ މަރާއެކު އިސްރާއީލުން ޣައްޒާއަށް ބޮމުގެ ވަރުގަދަ ހަމަލާތަކެއް ދޭންފެށި އެވެ. އަދި މި ތިން ކުދިންގެ މަރުގެ ބަދަލު ހަމާސްގެ ކިބައިން އިސްރާއީލުން ހިފާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ހަރުކަށި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި އެވެ. މިއަށް ފަހު ޖުލައި މަހުގެ ދެ ވަނަ ދުވަހު އިވިގެން ދިޔައީ އިސްރާއީލު ވެރިވެގެންފައިވާ ޤުދުސްގައި އުޅެމުންދިޔަ ފަލަސްޠީނުގެ ޅަފުރާގެ ފިރިހެން ކުއްޖަކު ގަދަ ކަމުން ކާރަކަށް ލައި ވަގަށް ނަގައިގެން ޤުދުސްގެ ޖަންގަލީގެ ސަރަހައްދަކަށް ގެންގޮސް އެކުއްޖާ ދިރިހުއްޓާ އަންދާލި ޖަރީމާ ޔަހޫދީ ވަޒަންވެރިންގެ ބަޔަކު ހިންގި ކަމުގެ ޚަބަރެވެ. މި ޖަރީމާ ހިންގި ޔަހޫދީ ވަޒަންވެރިން މިކަމަށް އެއްބަސްވެ އިޢުތިރާފްވެފައި ވާ އިރުވެސް އިސްރާއީލުގެ ފުލުހުން އެމީހުން ހައްޔަރުކޮށްފައެއް ނުވެއެވެ. ޔަހޫދީ ވަޒަންވެރިންގެ މި ލާއިންސާނީ ޖަރީމާގެ ސަބަބުން ހުޅަނގު އައްސޭރީގައި އިސްރާއީލާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފެށިގެން ދިޔައިރު، ރައްދުގައި އިސްރާއީލަށް ދެމުންދިޔަ ރޮކެޓް ހަމަލާތައް ހަމާސްއިން ވެސް އިތުރު ކުރަމުން ގެންގޮސްފައިވެ އެވެ.
ޙަމާސްގެ ރޮކެޓް ހަމަލާތަކުން އިސްރާއީލުގެ ރައްޔިތުން ދިފާޢު ކުރުމަށް ކަމަށް ބުނެ ޔަހޫދީ ދައުލަތުން ޣައްޒާއާ ދެކޮޅަށް ރަސްމީކޮށް އުދުވާނާއި ގަތުލުއާންމުތައް ހިންގަން ފަށާފައި ވަނީ މިދިޔަ ޖުލައި މަހުގެ އަށް ވަނަ ދުވަހު އެވެ. މިއާއެކު އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން ފުރަތަމަ ދޭން ފެށި ހަމަލާތައް އެއްގަމު މަގުންނާއި ކަނޑުގެ މަގުން ވެސް ދޭން ފެށިއެވެ. މި ގޮތުން ޣައްޒާގެ ޢާއްމުންގެ ގެތަކާއި ސްކޫލުތަކާއި މިސްކިތްތަކަށް ބެލުމެއް ނެތި އިސްރާއީލުން ހަމަލާތައް ދެމުން ދިޔައީ މިއީ ހަމާސްއިން އިސްރާއީލާ ދެކޮޅަށް ރޮކެޓް ޙަމަލާތައް ދޭތީ އަމިއްލަ ނަފްސުގެ ދިފާޢުގައި ދޭ ހަމަލާތަކެއް ކަމަށްބުނެ ބަހަނާތަކެއް ދެއްކުމަށްފަހު އެވެ. ނަމަވެސް އަމިއްލަ ނަފްސުގެ ދިފާޢުގައި ވެސް މަދަނީ ތަންތަނަށް ހަމަލާދީ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި ޑަޒަން ޑަޒަނަށް އާންމުން މެރުމަކީ ބައިނަލްއަގްވާމީ ގާނޫނު މަނާކުރާ ކަމެކެވެ. އަދި މިބާވަތުގެ ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތައް ކަމަށްވެސް ބައިނަލްއަގްވާމީ ގާނޫނުގައި ސިފަކޮށްފައިވެ އެވެ. މީގެ އިތުރުން ޣައްޒާއަކީ އިސްރާއީލުގެ ޙިސާރުގެ ދަށުގައިވާ ތަނަކަށްވާތީ އަމިއްލަ ނަފްސުގެ ދިފާޢުގައި ކަމަށްބުނެ ޣައްޒާއަށް އެއްވެސް ޙަމަލާއެއް ދިނުމުގެ ހައްގު އިސްރާއީލަށް ނޯންނާނެ ކަމަށް ގާނޫނީ މާހިރުން ފާހަގަ ކުރައްވައެވެ.
އިސްރާއީލުގެ އުދުވާނާއި ގަތުލުއާންމުތަކުގައި 27 ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 1900 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު މީގެތެރެއިން 67 އިންސައްތައަކީ ފަލަސްތީނުގެ ޢާއްމުން ކަމަށާ އަދި އާންމުންގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާ ކުޑަކުދިންނާއި އަދި މުސްކުޅިން ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް މިފަހަރު ފެށި މި އުދުވާނުގެ މައިގަނޑު ބޭނުމަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތް ފުނޑުފުނޑުކޮށްލައި ފަލަސްތީނުގެ މިނިވަން ކަމަށް ޓަކައި ހިންގާ ޖިހާދުގެ ހުރިހާ ޙަރަކާތްތަކެއް ހުއްޓުވުން ކަމަށް އިސްރާއީލު ބުނި ނަމަވެސް 27 ދުވަހަށްފަހު ޙަމަލާތައް މެދުކަނޑާލި އިރުވެސް އިސްރާއީލު އިއުލާންކުރި އެއްވެސް މަގްސަދެއް އެމީހުންނަށް ޙާސިލް ކުރެވިފައެއް ނުއެވެ. އަދި އެ މުއްދަތު ހަމަވުމާއެކު އިސްރާއީލުން ވަނީ އަނެއްކާ ވެސް ހަމަލާތައް ބަދަލުކުރަން ފަށައިފަ އެވެ.