ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުނަށް އެހީތެރިވުމަށް ދިވެހި މީޑިއާ ތަކުން އިސް ނަގައިގެން ހިންގަމުންދާ ހެލްޕް ގަޒާ ޓެލްތޯން ފަންޑަށް ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ އެއްމަހުގެ މުސާރަ ހަދިޔާ ކުރައްވައިފި އެވެ. އެމަނިކުފަނުގެ އެއްމަހުގެ މުސާރައަކީ 75،000 ރުފިޔާ އެވެ.

އެފައިސާ ހަދިޔާ ކުރެއްވިކަން އެމަނިކުފާނު އިއުލާން ކުރެއްވީ ޓެލެތޯން ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހި މީޑިއާ އިން އިސްނަގައިގެން ހިންގަމުންދާ އެހީ ހޯދުމުގެ ހަރަކާތަކީ ތައުރީފް ހައްގު މަސައްކަތެއް ކަމަށެވެ.

މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ދެކޮޅަށް ބައިނަލް އަގުވާމީ ހުރިހާ ފަރާތްތަކުން ތެދުވާން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ އިންސާނިއްޔަތާއި ދެކޮޅަށް ހިންގަމުންދާ ވަރަށް ބޮޑު ޖަރީމާއެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ޖަރީމާ ބެލެވެން ޖެހޭ. އަދި މިއީ ބައިނަލް އަގުވާމީ އިންސާނިޔައްތައް ލޯބިކުރާ ކޮންމެ ބަޔަކު، މުސްލިމުން ކަމުގައިވިސްއަސް، މުސްލިމުން ނޫން ކަމުގައިވިއަސް، މިކަމަށްޓަކައި އެބަޖެހޭ ތެދުވާން،" ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް ދިވެހި ސަރުކާރާއި ރައްޔިތުން ކުރާ މަސައްކަތް ދުނިޔޭގެ އިލްމްވެރިން ވެސް ބަލައިގަންނަމުން އަންނަ ކަމަށެވެ.

"ގައުމެއްގެ އެންމެ މަތީވެރިއެއްގެ ހިސާބުން، އަދި ސަރުކާރުން އިސްނައިގެން މިހާ ބޮޑަށް ގާޒާ އަދި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހިން މަސައްކަތް މިކުރާ މިންވަރަށް މަސައްކަތްކުރާ ގައުމެއް މަދުވާނެ،" ޖަމީލް ވިދާޅުވި އެވެ.