15 Jan 2011, 03:49
ގައުމީ ފުޓްބޯޅަ ޓީމާއި ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗުކަން އޭވައިއެލްގެ ކޯޗު މުހައްމަދު އާތިފް (އާތީ) އަށް ދީފި އެވެ.
ލެގޫންސާއި ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު އާތީ އަކީ އޭ ލައިސަންސް ކޯޗެކެވެ. އަދި އޭނާ އަކީ ކުރިން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑްކޯޗުކަން ވެސް ކޮށްފައިވާ މީހެކެވެ.
ހުސްވި އަހަރު އޭވައިއެލްއާ އޭނާ ހަވާލުވީ ދިވެހި ލީގުގައި ކުޅުނު ފުރަތަމަ 10 މެޗުން އެ ޓީމަށް އެންމެ ޕޮއިންޓެއް ލިބުމުން ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) މަގާމުން ދުރުކުރުމުންނެވެ. އާތީގެ ކޯޗުކަމުގައި އޭވައިއެލް ކުޅުނު 11 މެޗުގައި އޭނާ ވަނީ ފަސް ޕޮއިންޓް އެ ޓީމަށް ހޯދައިދީފަ އެވެ.
ގައުމީ ޓީމުގެ އާ ހެޑްކޯޗަކީ ބަނގްލަދޭޝްގެ ކުރީގެ ކޯޗު އާޖެންޓީނާގެ ޑިއެގޯ ކުރުސިއާނީ އެވެ. ޕާކިސްތާނުގައި 2005 ވަނަ އަހަރު ބޭއްވި ސާފްް ޗެމްޕިއަޝިޕުން ބަނގްލަދޭޝް އަށް ދެ ވަނަ ހޯދައިދިން ކޯޗު މާލެ އަންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ. ކުރިން ބަނގްލަދޭޝްގެ އަބުހާނީ ޓީމަށް ކޯޗުކޮށްދިން ކުރިސިއާނީ 2007 ވަނަ އަހަރު ރާއްޖޭގެ ވިކްޓަރީ އަށް ވެސް ގެނައުމަށް އެ ޓީމުން މަސައްކަތް ކުރި އެވެ.
ރާއްޖޭގެ ގައުމީ ޓީމު އަންނަ އަހަރު ދެ މުބާރާތެއްގަ އާއި ހަތަރު މުބާރާތެއްގެ ކޮލިފައިންގައި ވާދަ ކުރަން ޖެހެ އެވެ. އެއީ ވޯލްޑް ކަޕާއި އޭޝިއަންކަޕް އަދި އޮލިމްޕިކް ކޮލިފައިންގެ އިތުރުން ސާފް ޗެމްޕިއަންޝިޕާއި އިންޑިއަން އައިލެންޑް ގޭމްސް އަދި އޭ.އެފްސީ ޗެލެންޖް ކަޕް ކޮލިފައިންގަ އެވެ.