"ރޭގެ ހަމަލާތައް ވަނީ ހައްދުފަހަނައަޅާފަ.. އެއްގަމު މަގުން ހަމަލާ ދިނުމުގެ ސަބަބުން އެތައް ބައަކު ވަނީ ޒަޙަމްވެފަ.. އެތައް ބައެއްގެ ލޭވަނީ އޮހޮރިފަ.. މަރުވެފަވާ މީހުންނާއި އަނިޔާވި މީހުންގެ ތެރޭފައި. ކުޑަކުދިންނާ، ބޮޑެތި މީހުން ހިމެނޭ.. އެއީ ހުސް މަޢުޞޫމް ޢާއްމުން" މިއީ ފަލަސްތީނުގެ ގާޒާގެ ހަސްފަތާލެއްގަ މަސައްކަތްކުރާ ޑޮކްޓަރަކު ލިޔެ އާއްމުކޮށްފަވާ ސިޓީއެއްގެ އިބާރާތްކޮޅެކެވެ.

ނޯވޭއަށް އުފަން ޑޮކްޓަރެއް ކަމަށްވާ މެޑްސް ގިލްބަރޓަކީ ސިޔާސީ، ތަޢުލީމީ އަދި ސިއްޙީ ދާއިރާއަށް ވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފަވާ ޚިދުމަތްތެރިއެކެވެ. މިހާތަނަށް އެކި ފަހަރު މަތިން ފަލަސްތީނުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވެފަވާ މި ޑޮކްޓަރަކީ ފަލަސްތީނު މީހުންގެ ނަޒަރުގައި ހިތްވަރުގަދަ ބަޠަލެކެވެ. އެއީ އޭނާ އަށް ލިބިފައިވާ ތަޢުލީމީ މޮޅުކަމުގެ ސަބަބަކުން ނޫނެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހިތުގައި އެހާ ޚާއްސަ މަޤާމެއް މެޑްސްއަށް ދެވިފައި ވަނީ އޭނާ ފާޅުގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުލައި، އެއްވެސް ޖެހިލުމެއްނެތި ފަލަސްތީނުގެ ހައްޤުގަ މަސައްކަތް ކުރަމުންދާތީ އެވެ.

ގާޒާގެ ހަސްފަތާލެއްގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރަމުންދާ މި ޑޮކްޓަރު ވަނީ އޭނާ ލިޔުނު ސިޓީއެއްގައި، އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް، އަލްޝިފާ ހޮސްޕިޓަލަށް އެއް ރޭ ވަޑައިގެން، އިސްރާއީލުގެ ޤަތުލުއާންމުތަކުގައި މަރުވާ ފަލަސްތީނު މީހުންގެ ޙާލަތު ބައްލަވާލެއްވުމަށް ދަޢުވަތު އަރުވައިފައެވެ. އޭނާ ބުނީ އޮބާމާ އޭނާގެ ދަޢުވަތު ޤަބޫލުކުރައްވައިފި ނަމަ، އެއީ ދުނިޔޭގެ ތާރީޚު ބަދަލުކޮށްލާނެފަދަ ކަމެއް ކަމަށެވެ. އޭނާ ވަނީ އޮބާމާގެ ހިތެއް އޮތްތޯވެސް ސުވާލުކޮށްފައެވެ.

މީގެ އިތުރުން އަލް އަރަބިއްޔާ ޗެނަލްއާ ވާހަކަ ދައްކަމުން، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އޭނާ ވަނީ، އިސްރާޢީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ފާޑުކިޔާފައިފައެވެ. އޭނާ ބުނީ، ފަލަސްތީނުގައި ޝަހީދުވަމުންދާ އެތައް ބައެއްގެ މަރުގެ ޒިންމާ އެމެރިކާގެ ރައީސް އޮބާމާއާ، އިސްރާޢީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ނަންގަވަންޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ދެބޭފުޅުންގެ އަތް ވަނީ ފަލަސްތީނުގެ ކުށެއް ނެތް ޢާއްމުންގެ ލެއިން ކަޅިވެފައިކަމަށް އޭނާ ސިފަކޮށްފައިވެއެވެ. އޭނާ ވަނީ މި ޤަތުލުޢާއްމު ހުއްޓާނީ ކޮން އިރަކުންތޯ ސުވާލުކޮށްފައެވެ.

އެހާ ކެރިގެން، ދުނިޔޭގެ ބާރުގަދަ ދެ ޤައުމުގެ ހުންގާނުގައި ހިއްޕަވައިގެން ތިއްބެވި، ދެ ލީޑަރުންނަށް މިހާ ފާޅުގައި، އާދައިގެ ފާޑުކިޔާ، ބަދަލަކަށް މަސައްކަތް ކުރަމުންދާއިރު، ޑރ. މެޑްސް ގިލްބަރޓަކީ އިންސާނިޔަތަށްޓަކައި މަސައްކަތްކުރާ އެފަދަ ދެވަނައެއް މިސާލެކެވެ.