09 Aug 2014, 23:31
އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީންގެ ފުޓްބޯޅަ ކުޅުންތެރިންވެސް ޝަހީދުވަމުން ދާތީ ފުޅުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ސެޕް ބްލެޓާގެ ސަމާލުކަމަށް އެކަން ގެނެސްފި އެވެ.
ފަލަސްތީންގެ ގައުމީ ފުޓްބޯޅަ ޓީމުން ބްލެޓާއަށް މިއަދު ފޮނުވި ސިޓީގައި އިސްރާއީލުގެ ރޮކެޓް ހަމަލާއެއްގައި ފަލަސްތީންގެ އެންމެ ވަރުގަދަ ލީގްގައި ވާދަކުރާ "ފުޓްބޯލް ފަލަސްތީން ޔޫތް އަމަރީ ކުލަބަށް" ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ (ފޮޓޯ އިން ފެންނަ) މަރްތީރް މުހައްމަދު ކޮތައިރާ މިއަދުގެ ވަގުތެއްގައި ޝަހީދުކޮށްލާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ ފުޓުބޯޅަ ކުރިއެރުވުމަށް އެގައުމުގައި ތިބި ކުޅުންތެރިންވެސް އިސްރާއީލުން ޝަހީދުކުރަމުން ގެންދާތީ އެކަމުގެ ސަބަބުން އެ ގައުމުން ފުޓުބޯޅަ ނެތިގެން ހިނގައިދާނެ ކަމަށެވެ.
ފަލަސްތީންގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިއަކު މިއަދު ޝަހީދު ކޮށްލާފައިވާއިރު މިދިޔަ ޖޫން މަހުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ރަފާހް އަވަށަށް ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީން ލީގްގައި ކުޅެމުން އަންނަ ޒުވާން ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ އަބްދުއްރަހްމާން އަލް ޒަމީލީ ވެސް ވަނީ ޝަހީދުކޮށްލާފަ އެވެ.
އޭޝިއާ ސަރަހައްދުގައި ފަލަސްތީން 10 ވަނަ ގައި އޮތް އިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 85 ވަނައިގައެވެ. އަދި އަންނަ އަހަރު އޮސްޓޭލިއާގައި އޮންނަ އޭޝިއަން ކަޕަށް ވެސް ފަލަސްތީންގެ ގައުމީ ޓީމް ވަނީ ދަތުރު ކޮށްފައެވެ. އެމުބާރާތައް ފަލަސްތީން ދަތުރު ކުރީ މިދިޔަ މެއި މަހު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ގައި ފިލިޕީންސް އަތުން 1-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ޔަހޫދީ ސިފައިން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކުގައި ފަލަސްތީނު ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަހެދު ޒަގޫތު ވެސް ވަނީ ޝަހީދުކޮށްލައިފަ އެވެ.