09 Aug 2014, 23:17
ދިވެހި މީޑިއާ އިސްވެ ފަލަސްތީނުގެ ގަޒާއަށް އެހީވުމަށް ބޭއްވި ޓެލެތޯންއިން، ރާއްޖޭގައި މިހާތަނަށް ބޭއްވި ހުރިހާ ޓެލެތޯންތަކެއްގެ ރެކޯޑް މުގުރާލައި ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.
"ހެލްޕް ގާޒާ" ޓެލެތޯނުން ރާއްޖޭގެ ޓެލެތޯންތަކުގެ ރިކޯޑް މުގުރާލި އިރު ހެލްޕް ގާޒާ ތެލެތޯނުގެ ރަސްމީ ވަގުތު ކަމަށްވާ 33 ގަޑިއިރު ހަމަވުމުގެ ކުރިން ލިބުނު ފައިސާގެ އަދަދު މިހާރުވެސް ވަނީ 15.8 މިލިޔަން ރުފިޔާ ހުރަސް ކޮށްފަ އެވެ.
ހެލްޕް ގާޒާ ސްޓިއަރިން ކޮމެޓީގެ މެމްބަރު އަދި ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ ހުރިހާ ޓެލެތޯންތަކެއް ކުރިޔަށް ގެންދިއުމުގައި އިސްވެ ހުންނެވި މުހައްމަދު އާސިފް (މޮންދު) މިރޭ ވިދާޅުވީ މިއީ ރާއްޖޭގައި ބޭއްވި ޓެލެތޯންތަކަށް ބަލާއިރު ތާރީހީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެގޮތުން ހެލްޕް ގާޒާ ޓެލްތޯން މުއްދަތު ހަމަވާއިރު ފައިސާގެ ގޮތުގައި ލިބޭ އަދަދު 16 މިލިއަނަށްވުރެ މައްޗަށް ދާނެކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް މޮންދު ވިދާޅުވި އެވެ.
"މިވަރުގެ ބޮޑު ކާމިޔާބީއެއް މި ޓެލެތޯން ހޯދައި ޓެލެތޯންތަކުގެ ރިކޯޑް މުގުރާލީ ޕަލަސްތީންގެ މައްސަލައަކީ ދިވެހިންގެ ހިތާއި ގުޅިފައިވާ މައްސަލައެއްކަމަށްވުމުން، ދިވެހިންގެ އެތައް ޖީލަކަށް ގުޅިގެން މިއަދާ ހަމައަށް ހާސިލްވެފައިވާ ދިވެހިން ވަރަށް ގާތުން ބަލާ މައްސަލައެއް ފަލަސްތީނުގެ މައްސަލައަކީ،" މޮންދު ވިދާޅުވިއެވެ.
މޮންދު އަދި ވިދާޅުވީ އަތޮޅުތަކުގެ ތެރެއިން އަދިވެސް އެކިއެކި ފަރާތްތަކުން މި ހަރަކާތަށް އެއްކޮށްފައިވާ ފައިސާ މިހާރުވެސް ފަންޑަށް ޖަމާކުރަމުން އަންނަ ކަމަށާއި އަދި ވެސް އެތައް ބަޔަކު ފައިސާ ހަދިޔާ ކުރުމަށް މެދު ނުކެނޑި އެދެމުން އަންނަ ކަމަށެވެ.
ހެލްޕް ގާޒާ ސްޓިއަރިން ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރު އަދި ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ، އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ދިވެހި މީޑިއާ ކުރިޔަށް ނުކުމެ ފަލަސްތީންގެ ގާޒާއަށް އެހީވުމަށް އިސްނެގުމުން ދިވެހި ރައްޔިތުން ދިނީ އާދަޔާ ހިލާފު ތަރުހީބެއް ކަމަށާއި މިފަހަރު ދިވެހިން ދެއްކި ނަމޫނާ މިސާލަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
"މިވަގުތު އަޅުގަނޑު ޔަގީންކަން ދެނީ މި ޓެލެތޯނާއި އެހީގެ ހަރަކާތްތަކުގައި ލިބުނު އަދި ދެން ލިބޭނެ ހުރިހާ ފައިސާއެއް ގާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ފޯރުކޮށްދޭނެކަން. އަދި ރައްޔިތުން އެއްވެސްވަރަކަށް އެކަމާ ޝައްކު ނުކުރުމަށް،" ހިރިގާ ވިދާޅުވި އެވެ.