"ދުނިޔޭގެ އެންމެ އަނިޔާވެރި ޤާތިލް" ނުވަތަ "ދުނިޔޭގެ އެންމެ ނުބައި ޤާތިލް" ފަދަ ޢިބާރާތެއް ގޫގްލް "ސާރޗް" ގައި ޖައްސަވައިގެން ހޯއްދަވައިލައްވާށެވެ. ލިބިވަޑައިގަންނަވާ "ސާރޗް ރިޒަލްޓްސް" ގެ ތެރޭގައި ހިމެނޭނީ ފަރަންސޭސި ވިލާތުގެ ޖިލްސް ޑި ރެއިސް އާއި، އެމެރިކާގެ "ޓެޑް ބަންޑީ" އާއި، ޖަރުމަނުގެ "ޔޯކިމް ކްރޮލް" ފަދަ މީހުންގެ ނަންތަކެވެ. ނަމަވެސް މިފަދަ ކަޅު މުޖުރިމުންގެ ރެކޯޑަށް ވުރެ، ކުޑަކުދީން މެރުމުގައި ޒައިނިސްޓް އިސްރާއީލުގެ ރެކޯޑު މާ ކަޅެވެ. މިއިން ކޮންމެ މީހެއްގެ ރެކޯޑުގައި އޮތީ ގިނަ ވެގެން 100 ވަރަކަށް މަޠުލޫމުންގެ ނަމެވެ. ނަމަވެސް އިސްރާއީލުގެ ކަޅު ރެކޯޑުގައި، ހަމައެކަނި 2000 ވަނަ އަހަރުގެ ފަހުކޮޅުން 2013 ވަނަ އަހަރުގެ ކުރީކޮޅަށް، 1500 އަށް ވުރެ ގިނަ މަޠުލޫމު ކުޑަކުދީންގެ ނަން ވަނީ ލިޔެވިފައެވެ.

އިސްރާއީލުގެ ވަރުގަދަ ޙިޞާރެއްގެ ދަށުގައި 2007 ވަނަ އަހަރުން ފެށިގެން އޮންނަ ޣައްޒާގެ ޙާލަތު ވަކީން ގޯހެވެ. ފަޤީރުކަން ޢާއްމު ވެފައި ވާ ޣައްޒާގައި، އެތައް ކުޑަކުދީންނެއް މަރައިލެވިފައި ނުވަތަ ޒަޚަމް ކޮށްލެވިފައި ވަނީ ބަނޑުފުރާނަ މުއްތި ކުރުމަށް ޓަކައި ކޮންމެވެސް މަސައްކަތެއް ކުރާން ނުވަތަ މަސައްކަތެއް ހޯދުމަށް ޓަކައި ނުކުމެ އުޅުމުގައި، ޣައްޒާގެ ޙިޞާރުގެ ރޮނގުގެ ކައިރީން އިސްރާއީލުން ކަނޑައަޅައިފައި އޮންނަ "ނޯ ގޯ ޒޯން" ގެ ތެރެއަށް ކުދީންނަށް ވަދެވުމުން، އިސްރާއީލުގެ ސިފައިން ދޭ ޙަމަލާތަކުގައެވެ. މިގޮތުގެ މަތީން މަރައިލެވި ނުވަތަ ޒަޚަމް ކޮށްލެވިފައި ވާ ކުދީންނާ ބެހޭ ރިޕޯޓެއް "ޑިފެންސް ފޯރ ޗިލްޑްރަން އިންޓަރނޭޝަނަލް" ޖަމްޢިއްޔާގެ ފަރާތުން 2012 ވަނަ އަހަރު ނެރެފައި ވެއެވެ.

ޢާއްމު ޙާލަތުގައި ވެސް އެތައް ކުޑަކުދީންނެއް އިސްރާއީލުގެ ވަޒަންތަކުން ޝިކާރަ ކުރެވޭ ޣައްޒާގެ ޙާލަތު، ހިތްތައް ކުދިކުދި ވެ ލެއިން ފޯ ވާން ޖެހޭ ހިސާބަށް ގޯސް ވަނީ، ދޭތެރެއަކުން އިސްރާއީލުން މުޅި ޣައްޒާއަށް ދޭ ޢުދުވާނީ ޙަމަލާތަކާ ގުޅިގެންނެވެ. ފާއިތު ވި 6 އަހަރު ދުވަހުގެ ތެރޭގައި، ޒައިނިސްޓުން ޣައްޒާޔާ ދެކޮޅަށް މި ދެންނެވި ފަދަ ވަރުގަދަ 3 ޢުދުވާން ހިންގައިފައި ވެއެވެ. އޭގެ ތެރެއިން ކޮންމެ ޢުދުވާނެއް ވެސް ނިމިގެން ދަނީ ތުއްތު ތުއްތު، މަޢުޞޫމް އެތައް ފުރާނައެއް ގެއްލިގެންނެވެ. އެތައް ހާސް ކުދީންނެއްގެ ލޯބިލޯބި މޫނުތައް އަންދައި ދެއްޔަށް ހަދައިލައިފައެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އޭޖެންސީ (އޫންރްވާ) ގެ ތަރުޖަމާނު ކްރިސް ގަނެސް 13 ޖުލައިގައި ކުރެއްވި ޓްވީޓެއްގައި ވެއެވެ. "ޣައްޒާގައި ދިރިއުޅޭ ޢުމުރުން 5 އަހަރުގެ ކުއްޖެއްގެ ޙާލަތު ތަޞައްވުރު ކޮށްލާށެވެ. މިއީ އެ ކުއްޖާގެ ކުރު ޙަޔާތުގައި ތަޖުރިބާ ކުރާން ޖެހޭ ބޮމުގެ ތިންވަނަ ސިލްސިލާއެވެ. 5 އަހަރުގެ ކުޑަކުޑަ ކުދީން މި ފަދަ ވޭނާއި ކެކުޅުމުގައި އުޅޭން ޖެހިފައި ވަނީ ދުނިޔޭގެ އެހެން ކޮން ތަނެއްގައި ހެއްޔެވެ؟"

ފަލަސްޠީނުގެ ބްލޮގަރ، އަދި ޣައްޒާގެ ތާރީޚީ އާޘާރުތައް ރައްކައުތެރި ކުރުމުގެ މަސައްކަތް ކުރައްވާ މުހައްރިކެއް ކަމަށް ވާ ޔާސްމީން އަލްޚުޟަރީ ލިޔުއްވާ ގޮތުގައި، އޭނާ ޣައްޒާގެ ކުޑަކުއްޖެއް ކަމަށް ވާ ސާރާ ނާޢިމް ޚަޠީބުގެ ގާތުން، އޭނާގެ ޢުމުރާ މެދު ސުވާލު ކުރިއެވެ. ސާރާގެ ޖަވާބަކީ "ތިން ހަނގުރާމަ، އަދިވެސް ދަނީ މައްޗަށް" މިއެވެ.

ވަރަށް ރަނގަޅު ވާހަކައެއް، އެހެން ނޫންތޯއެވެ؟

ޣައްޒާގެ 1.8 މިލިއަނުގެ އާބާދީގައި، 43 އިންސައްތަ އަކީ ޢުމުރުން 14 އަހަރުން ދަށުގެ ކުޑަކުދީންނެވެ. ވީމާ އެ ތަނަކީ މުޅި ދުނިޔޭގައި ވެސް، އާބާދީގެ ނިސްބަތުން ކުޑަކުދީން އެންމެ ގިނަ އެއް ތަނެވެ. އަޅުގަނޑުމެންގެ ދަރީންގެ ޢުމުރު ގުނަނީ ގްރެގަރީ ކިޔައިދިން ގޮތަށް ހުޅަނގުގެ ކަލަންޑަރުން ބަލާ އަހަރުންނާއި ޗޮކްލެޓް ކޭކުންނެވެ. ނަމަވެސް ޣައްޒާގެ އަނިޔާ ލިބެމުން ދާ އެތައް ލައްކަ ކުދީންގެ ޢުމުރު ގުނެނީ ހަނގުރާމައިންނެވެ. އެ ކުދީންގެ މަޢުޞޫމު މޫނުތަކަށް ލޭ ބުރައިގެން ދާ ހިސާބުގައި ޝަހީދު ވާ މައިންގެ، ބަފައިންގެ، ދައްތައިންގެ، ބޭބެއިންގެ، ކޮއްކޮއިންގެ ޢަދަދުންނެވެ. މި ކުދީންނާ މެދު އިސްރާއީލުގެ ހިތުގައި އެއްވެސް ރަޙުމެއް، ހަމްދަރުދީއެއް ނެތެވެ. "ސްޓޭޓް ޓެރަރިޒަމް" ގެ މިއަށްވުރެ ކަޅު މިސާލެއް، ދުނިޔޭގެ ތާރީޚުން ވެސް ދެއްކުން އުނދަގޫ ވާނެއެވެ.

2008 ވަނަ އަހަރުގެ ޑިސެންބަރުން ފެށިގެން 2009 ވަނަ އަހަރުގެ ޖަނަވަރީ މަހާ ހަމަޔަށް، އިސްރާއީލުގެ އަނިޔާވެރި ޤާތިލުން ޣައްޒާގައި ހިންގި "އޮޕަރޭޝަން ކާސްޓް ލެޑް" ގައި، 22 ދުވަސް ވާންދެން، ޣައްޒާގެ ދިގަށާއި ހުރަހަށް ބޮމާއި މިސައިލުގެ ވާރޭ ވެއްސިއެވެ. ބައިނަލްއަޤްވާމީ ޤާނޫނުގައި މަނާ ކުރެވިފައި ވާ ކެމިކަލް ހަތިޔާރެއް ކަމަށް ވާ "ވައިޓް ފޮސްފަރަސް" ބޭނުން ކުރިއެވެ. ހަނދުމަފުޅު ހުންނާނެ ފަދައިން، އެމެރިކާ ޢިރާޤަށް ޙަމަލަ ދީ އެ ޤައުމު ތަޅައި ސުންނާފަތި ކޮށް ޢިރާޤުގެ އެތައް މިލިއަން ރައްޔިތުންގެ ދިރިއުޅުން ބަރުބާދު ކޮށްލައި، އެ ޤައުމުގެ ރައީސް ޞައްދާމު ޙުސައިން އަވަހާރަ ކޮށްލީ ޢިރާޤުގައި ކެމިކަލް ހަތިޔާރު އެބަ ހުރި ކަމަށް ހަމައެކަނި ޝައްކެއް ކުރެވިގެންނެވެ. އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ކޮށް، އެ ހަތިޔާރުން އެތައް ކުޑަކުދީންނެއް މަރައިފައެވެ. ތަޖުރިބާކާރުންގެ އެތައް ބަޔަކު ވަނީ އެކަން ކަށަވަރު ކޮށްދީ، އެކަމާ ބެހޭ ތަފްޞީލީ ރިޕޯޓުތައް ތައްޔާރު ކޮށް ޢާއްމު ކޮށްފައެވެ. 2009 ވަނަ އަހަރުގެ ޢުދުވާޏުގައި ޣައްޒާއިން މަދުވެގެން 1417 މީހުން ޝަހީދު ވި އިރު، އޭގެ ތެރޭގައި 353 ކުޑަކުދީން ހިމެނެއެވެ. އޭގެ ތެރެއިން އެތައް ކުދީންނަކީ "ވައިޓް ފޮސްފަރަސް" ގެ ވިހަ އަލިފާނުން އަނދައި ދެއްޔަށް ވެގެން ދިޔަ ކުދީންނެވެ.

2012 ވަނަ އަހަރުގެ ނޮވެންބަރު މަހު، ޒައިނިސްޓުން ޣައްޒާއާ ދެކޮޅަށް ހިންގި ޢުދުވާނުގައި 8 ދުވަހުގެ ތެރޭގައި މަދުވެގެން 158 މީހުން ޝަހީދު ވީ އިރު، އޭގެ ތެރޭގައި 30 ކުޑަކުދީން ހިމެނެއެވެ.

މި ފަހަރުގެ ޢުދުވާން، 8 ޖުލައި ގައި ފެށިގެން މިއަދާ ހަމަޔަށް 29 ވަނަ ދުވަސް ގުނޭ އިރު، މިހައިތަނަށް އިސްރާއީލުގެ ސިފައިން ވަނީ މަދުވެގެން 400 ކުޑަކުދީން ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ހާމަ ބިންތަކުގައްޔާއި ކުޅޭދަނޑުތަކުގައި ކުޅޭން ތިބި ކުދީން ހިމެނެއެވެ. ކިރުބޯ ޅަދަރީންގެ އިތުރުން، މާބަނޑު އަންހެނުންގެ ބަނޑުގައި ތިބި ދަރީން ހިމެނެއެވެ. އަމިއްލަ ގެދޮރުގައި ތިބި ކުދީންގެ އިތުރުން، ސަލާމަތެއް ފެނޭތޯ އެތަންމިތާނގައި ގަނަތެޅެމުން ދިޔަ ޢާއިލާތަކުގެ ކުދީންނާއި، އަލިފުދާލުގެ "ރައްކައުތެރި" ހިޔާވަހިތަކުގައި ތިބި އެތައް ކުދީންނެއް ވެސް ހިމެނެއެވެ. އެއްވެސް ރަޙުމެއް ނެތި، އިސްރާއީލުން ހިންގަމުން ގެންދާ މި ޢުދުވާނުގައި ޒަޚަމް ވެފައި ވާ ކުޑަކުދީންގެ ޢަދަދު 2000 އަށް ވުރެ މައްޗަށް އަރައެވެ. މި ޢަދަދުތައް ދަނީ ކޮންމެ ދުވަހަކު، ކޮންމެ ރެއަކު އިތުރު ވަމުންނެވެ.

މި ޢަދަދުތަކަށް ބަލާ އިރު، 6 އަހަރުގެ ތެރޭގައި، އިސްރާއީލުގެ ޢުދުވާންތަކުގައި އެކަނި، ޣައްޒާގެ 900 ވަރަކަށް ކުދީން ވަނީ ޝަހީދު ކޮށްލައިފައެވެ. އަނެއްކާވެސް އަޅުގަނޑު ތަކުރާރު ކޮށްލާނީ، ހަމަ ކުރީގެ ސުވާލެވެ. "ކުޑަކުދީން މަރާ ޤާތިލެއް" ނުވަތަ "ބޭބީ ކިލަރ" އެއްގެ ނަން އިސްރާއީލަށް ދޭން ނުޖެހޭތޯއެވެ؟