09 Aug 2014, 21:58
އިންސްޓިޓިއުޓް އޮފް ހޮލީ ގުރުއާން (އައިއެޗްކިއު)ގެ ސްޓެޕްތަކުގެ މެދުގައި، ނިމިދިޔަ ރަމަޟާން މަހު ބޭއްވި ގުރުއާން މުބާރާތް ނިމި، ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމް ހަވާލުކޮށްފި އެވެ.
ނިމިދިޔަ ރަމަޟާން މަހުގެ ފަހު 10ގައި ބޭއްވި އެ މުބާރާތުގައި އައިއެޗްކިއު އާއި އެ އިންސްޓިޓިއުޓްގެ ދަށުން ހިންގަމުން އަންނަ އިންސްޓިޓިއުޓް އޮފް ނޯބަލް ގުރުއާންގެ ޕްރީ ސްޓެޕް އިން ފެށިގެން ސްޓެޕް 13 އާއި ހަމައަށް ޖުމްލަ 500 ދަރިވަރުން ބައިވެރިވެފައިވެ އެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި އެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި، ދެ އިންސްޓިޓިއުޓްއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން 60 ދަރިވަރަކު ވަނީ އެއްވަނަ ހޯދާފައެވެ. ދެ ވަނަ 41 ދަރިވަރަކު ހޯދާފައިވާއިރު، 34 ކުއްޖަކު ވަނީ މުބާރާތުން ތިން ވަނަ ހޯދާފައެވެ.
ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އަރަބިއްޔާ ސްކޫލުގެ މުދީރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، ގުރުއާން މުބާރަތް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މުސްލިމް މުޖްތަމައުއަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ގުރުއާނަކީ އޭގައި ދުނިޔެވީ ގޮތުންނާއި އުހުރަވީ ގޮތުންވެސް އުޅެން އޮތް ގޮތް އިނގެން އޮތް ފޮތް ކަމަށް ވެސް ފާހަގަކުރައްވައި ގުރުއާން ކިޔެވުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދެއްކެވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އައިއެޗްކިއުގެ އެކަޑެމިކް ކޯޑިނޭޓަރު އައްޝައިހް މުހައްމަދު ފާރޫގް ވިދާޅުވީ، އެ މުބާރާތަކީ ދަރިވަރުންގެ ހިތުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމަށާއި ކީރިތި ގުރުއާނުގެ އަހުލާގުން އަހުލާގު ލިބިގަނެ ހެޔޮ ލަފާ ސޯލިހް ދަރިންތަކެއް އުފެއްދުމުގެ އިތުރުން، ގައުމީ ގުރުއާން މުބާރާތުގައި ވީހާ ވެސް ގިނަ ދަރިވަރުން ބައިވެރިކޮށް ރަނގަޅު ނަތީޖާ ތަކެއް ހޯދުމަށް މަގުފަހިކޮށްދިނުމަށް ބޭއްވި މުބާރާތެއް ކަމަށެވެ.
ރަމަޟާން މަހު ބޭއްވި އެ މުބާރަތަކީ އައިއެޗްކިއު އިން ބޭއްވި އެފަދަ ފުރަތަމަ މުބާރާތް ކަމަށް ފާހަގަކުރައްވައި ފާރޫގް ވިދާޅުވީ، ގުރުއާން ހިތުދަސްކުރާ ކުދިންނަށް ހާއްސަ މުބާރާތެއް ބޭއްވުމަކީ އެ އިންސްޓިޓިއުޓްގެ އަމާޒެއް ކަމަށެވެ.
އެގޮތުން، ކީރިތި ގުރުއާން ހިތުދަސްކުރުމަށް ދަރިވަރުންނަށް ބާރުއަޅުއްވައި ދެއްވުމަށާއި ކީރިތި ގުރުއާން ހިތުދަސް ކުރަން ބޭނުންވާ ދަރިވަރުންނަށް އެ އިންސްޓިޓިއުޓްގެ ޓީޗަރުންގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނާއި އެކު 2011 ވަނަ އަހަރު ވުޖޫދަށް އައި އައިއެޗްކިއު ގައި މިހާރު 2000 އަށްވުރެ ގިނަ ކުދިން ގުރުއާން ކިޔަވަމުންދާއިރު، އެ އިންސްޓިޓިއުޓްގެ ތިން ކެމްޕަހެއް މާލޭގައި ގާއިމްކޮށްފައިވެ އެވެ.