ސްވިޑަންގެ ފުޓްބޯޅަ ކުލަބެއް ކަމަށްވާ ސްޖާލެވަޑް ލޭޑީސް އަށް ކުޅުމަށް ޓަކައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު މިއަދު ހަވީރު ފުރައިފިއެވެ.

އެފްއޭއެމްއިން ބުނީ، ފަދުވާގެ އެދަތުރުގައި ސްވިޑަންގެ ޑްރެގޮންސްކޮލަން އެލީޓް ފުޓްބޯޅަ އެކަޑަމީގައި ތިން ހަފްތާގެ ޓްރެއިނިން އެއް ވެސް ފުރިހަމަ ކުރާނެ ކަމަށާއި އެއަށްފަހު އެބުރި އޭނަ ރާއްޖެ އަންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ.

ފަދުވާގެ އިތުރުން ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އަރީޝާ ވެސް މިހާރު ދަނީ ޕާކިސްތާން ޓީމަކަށް ކުޅެމުންނެވެ. އެގޮތުން އަރީޝާ ކުޅެމުން އަންނަ ކުލަބަކީ ޕާކިސްތާނުގެ 10 ވަނަ އަންހެން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމެއް ކަމަށްވާ ބަލޮޗިސްތާން ޔުނައިޓެޑް ފުޓްބޯޅަ ކުލަބަށެވެ.

މިއީ ރާއްޖޭގެ އަންހެން ފުޓްބޯޅަ ދެ ކުޅުންތެރިއަކު ބޭރުގެ ކުލަބަކަށް ކުޅޭ ފުރަތަމަ ފަހަރެވެ.

ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރާ އަކީފަދުވާ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަންހެން ޓީމުގެ ކެޕްޓަނެވެ. އަދި އަރީޝާ އަކީ ފާއިތުވި ދެ އަހަރުވެސް ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޓީމްގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސް އާއި ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ޓަކައި ގައުމީ އަންހެން ޓީމުގެ ފަރިތަކުރުންތައް މިހާރު ފަށާފައިވާއިރު، އެފްއޭއެމްއިން ވަނީ ފަދުވާއާއި އަރީޝާއަށް ރިލީސް ދީފައެވެ.