15 Jan 2011, 03:46
ތޫނިސްގެ ރައީސް ޒައިނުލްޢާބިދީން ބިން ޢަލީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1936 ވަނަ އަހަރު، ތޫނިސްގެ ރަށެއްކަމަށްވާ ޙަމާމް ސޫސާ ގައެވެ. ތޫނިސްގައި މަދްރަސީ ތަޢްލީމް ޙާސިލް ކުރެއްވުމަށްފަހު ފަރަންސޭސިވިލާތުގެ ޢަސްކަރީ ހައިސްކޫލްތަކުގައި ޢަސްކަރީ ދާއިރާއިން ބިންޢަލީ މަތީ ތަޢްލީމް ޙާސިލް ކުރެއްވިއެވެ.
ޒަވާޖީ ޙަޔާތް: ބިންޢަލީ ފުރަތަމަ ކައިވެނި ކުރެއްވީ 1964 ވަނަ އަހަރު ތޫނިސްގެ އަންހެނެއް ކަމަށްވާ ނަޢީމާ އަލްކާފީ އާއެވެ. ނަޢީމާގެ ބަނޑުފުޅުން ތިންއަންހެން ބޭފުޅުން ބިންޢަލީއަށް ލިބިވަޑައިގެންނެވިއެވެ. އެއަށްފަހު ނަޢީމާ ވަރިކުރެއްވުމަށްފަހު 1988 ވަނަ އަހަރު ބިންޢަލީ، ޒުވާން އަންހެނެއް ކަމަށްވާ ލައިލާއައްތަރާބްލްސީ އާ ކައިވެނި ކުރެއްވިއެވެ. އަދި ލައިލާގެ ބަނޑުފުޅުން ދެއަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެއީ ނިސްރީން ޒައިނުލްޢާބިދީން އާއި ޙަލީމާ ޒައިނުލްޢާބިދީން އާއި މުޙައްމަދު ޒައިނުލްޢާބިދީން އެވެ. މުޙައްމަދަކީ ބިންޢަލީގެ އެންމެ ހަގު ދަރިކަލުންނެވެ. އޭނާގެ ޢުމަރަކީ އެންމެ 5 އަހަރެވެ. ބިންއަލީގެ ފަސް އަންހެން ބޭފުޅުންގެ ތެރެއިން ހަތަރު އަންހެން ބޭފުޅުންވަނީ ކައިވެނި ބައްލަވައިގެން އަމިއްލަ ދިރިއުޅުއްވުން ފައްޓަވާފައެވެ. މިހަތަރު އަންހެންބޭފުޅުންވެސް ކައިވެނި ބައްލަވައިގެން އުޅުއްވަނީ ވަރަށް މުއްސަނދި މިލިޔަނަރުންނާއެވެ.
އަދާކުރެއްވި މަޤާމްތައް: ތޫނިސްގެ ސަރުކާރުގައި ބިންޢަލީ ކުރިޔަށް ވަޑައިގެންނެވީ ސިފައިންގެ މުއައްސަސާގައާއި ޢަސްކަރީ އަދި ޖާސޫސީ ދާއިރާގައެވެ. މިގޮތުން 1964 ން 1974 ށް ތޫނިސްގެ ޢަސްކަރީ ޖާސޫސީ އިދާރާގެ ވެރިކަން ބިންޢަލީ ކުރެއްވިއެވެ. އަދި 1977 ން 1980 ށް ޤައުމީ ސަލާމަތާބެހޭ އިދާރާގެ ރައީސް ކަމުގެ މަޤާމް އަދާކުރެއްވިއެވެ. އެއަށްފަހު 1980 ން 1987 ށް ދެމަޤާމެއް ބިންޢަލީ އަދާކުރެއްވިއެވެ. އެއީ ޕޮލެންޑްގައި ހުންނަވާ ތޫނިސްގެ ސަފީރު ކަމުގެ މަޤާމާއި ދާޚިލީ ވަޒީރު ކަމުގެ މަޤާމެވެ. ދާޚިލީ ވަޒީރު ކަމުގައި ހުންނަވަނިކޮށް 1987 ގައި އޭރުގެ ރައީސް އަލްޙަބީބް އަބޫރަޤީބާ (ބޫރްޤީބާ) ތޫނިސްގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ބިންޢަލީ ޢައްޔަން ކުރެއްވިއެވެ.
ރައީސްކަމަށް އިސްވެވަޑައިގަތުން: ބޮޑުވަޒީރަކަށް ޢައްޔަން ކުރެވުނު އަހަރުގެ ނޮވެމްބަރ މަހުގެ 7 ވަނަދުވަހު ހިމޭން އިންޤިލާބެއްގައި ބިންޢަލީ، އޭރުގެ ރައީސް އަލްޙަބީބް އަބޫރަޤީބާ، ވެރިކަމުން ދުރުކުރެއްވުމަށްފަހު ތޫނިސްގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއެވެ. އަލްޙަބީބް އަބޫރަޤީބާ (ބޫރްޤީބާ) ވެރިކަމުން ޢަޒުލުކުރެވުނީ ވެރިކަން ނުކުރެއްވޭވަރަށް އޭނާ މުސްކުޅިފުޅުވެފައިވާކަމަށް ޑޮކްޓަރުންގެ ޓީމަކުން ނިންމުމުންނެވެ. ޑޮކްޓަރުންގެ މިނިންމުމުގެ ފަހަތުގައި ބިންޢަލީ ވާކަމަށް ވަނީ ބެލެވިފައެވެ. އަލްޙަބީބް އަބޫރަޤީބާ އަށްފަހު ތޫނިސްގެ ވެރިކަމާ ޙަވާލުވެ ވަޑައިގެން ރިޔާސީ ހަތަރު ދައުރެއްގައި ބިންޢަލީ ވެރިކަން ކުރެއްވިއެވެ. އެންމެފަހުން އިއްޔެ ވެރިކަން ދޫކުރައްވައި ބިންޢަލީ ޤައުމުން ބޭރަށް ފިއްލަވައި ވަޑައިގެންނެވިއިރު އޭނާ ހުންނެވީ ރިޔާސީ ހަތަރުވަނަ ދައުރުގައެވެ. ބެންޢަލީގެ ވެރިކަން ސިފަކުރެވިފައިވަނީ ދިމުޤްރާތީ އުސޫލުތަކާއި ޚިލާފު ޚުދުމުޚްތާރު ވެރިކަމެއްގެ ގޮތުގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަންނެތް އިދިކޮޅު ސިޔާސ ފަރާތްތައް ޝަރީޢަތަކާނުލާ ޖަލުގައި ހައްޔަރުކޮށް އެމީހުންނާ ދެކޮޅަށް ބޮޑެތި އަނިޔާތަކާއި ޖަރީމާތައް ހިންގަވާ ހަރުކަށި ވެރިއެއްގެ ގޮތުގައެވެ. ބިންޢަލީގެ ވެރިކަމުގައި ތޫނިސްއަށް އިޤްތިސާދީ ކުރިއެރުންތަކެއް އައިނަމަވެސް އޭނާގެ ވެރިކަމުގައި ވަޒީފާނެތް ޒުވާނުންގެ ނިސްބަތް 20 ޕަސެންޓް އަށްވުރެ މައްޗަށް ގޮސްފައިވެއެވެ.
ވެރިކަން ވެއްޓުން: މިދިޔަ ޑިސެމްބަރމަހުގެ މެދެއްހާ ހިސާބު ބިންޢަލީގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ރައްޔިތުން ތެދުވެ އިޙްތިޖާޖް ކުރަންފެށުމާ ގުޅިގެން ބެންޢަލީގެ ވެރިކަން ވެއްޓުމަށް މަގުފަހިވިއެވެ. މިއިޙްތިޖާޖްތަކާ ގުޅިގެން މިޖެނުއަރީ މަހުގެ 14 ވީ ހުކުރު ދުވަހު ބިންޢަލީވަނީ ބޮޑުވަޒީރު މުޙައްމަދުލްޣައްނޫޝީއާ ވެރިކަން ޙަވާލު ކުރެއްވުމަށްފަހު ޤައުމުން ބޭރަށް ފިއްލަވައި ވަޑައިގަތުމުން ބިންޢަލީގެ ވެރިކަން ނިމުމަކަށް އައެވެ. މިހާރު އުމުރުފުޅުން 74 އަހަރު ވެފައިވާ ބިންޢަލީ ތޫނިސްގައި ވެރިކަންކުރެއްވީ 23 އަހަރުގައެވެ.