09 Aug 2014, 18:32
ކުރިއަށް އޮތް ސީޒަނުގައި ބަޔާންއާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމުގެ އަޒުމުގައި ހުރި ކަމަށް އެ ކްލަބުގެ ގޯލްކީޕަރު މެނުއެލް ނޯޔާ ބުނެފި އެވެ.
މިދިޔަ މަހު ބްރެޒިލްގައި ނިމިގެންދިޔަ ވޯލްޑް ކަޕު ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ ޖަރުމަނުގެ ގޯލްކީޕަރު ވަނީ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހާސިލްކޮށްފަ އެވެ. އޭގެ އިތުރުން ޖަރުމަނަށް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައި ދިނުމަށް ނޯޔާގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލެވެ އެވެ.
މި މަހު 23 ވަނަ ދުވަހު ޖަރުމަން ބުންޑަސްލީގާ ފަށާއިރު، ނޯޔާގެ އަޒުމަކީ އެ ކްލަބަށް އިތުރު ކާމިޔާބީތަކެއް ހޯދައި ދިނުމެވެ.
"ކްލަބާއެކު އަލުން ބައިވެރިވުމަށް އަހަރެން މިހިރީ ވަރަށް އުފާވެފައި. ކުރިއަށް އޮތް ސީޒަނުގައި ބަޔާން އަދި ގައުމީ ޓީމާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުން. އަދި ޖަރުމަނު ޔޫރޯއަށް ކޮލިފައިކޮށްދޭން ވެސް ބޭނުން،" ޑީއެފްބީ ޓީވީއަށް ދިން އިންޓަވިއުއެއްގައި ނޯޔާ ބުންޏެވެ. "އަހަރަކަށް ފަހު، މިދިޔަ ސީޒަނުގައި އަހަރެމެންނަށް ދެ ތަށި ލިބިއްޖެ. އަދި ޖަރުމަނަށް ދުނިޔޭގެ ޗެމްޕިއަންކަން ލިބިއްޖެ. އަހަރެން ބޭނުމީ އެ ކާމިޔާބީތައް ތަކުރާރު ކުރަން،"
ވޯލްޑް ކަޕް ކަމިޔާބުވުމުން އެކަމާ ބެހޭގޮތުން ނޯޔާ ބުނީ، އެއީ އުފާވެރި ވަގުތުކޮޅެއް ކަމަށާއި ބްރެޒިލްގައި ހޭދަކުރި ދުވަސްތައް އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށެވެ. އަދި އެ މުބާރާތް ކާމިޔާބު ކުރެވުމުން ފަހުރުވެރިވާ ކަމަށް ވެސް ނޯޔާ ބުންޏެވެ.
"އެ އުފާވެރި ވަގުތުކޮޅަށް ފަހު، ބޭނުންވަނީ އިތުރު ކާމިޔާބީ. އެކަހަލަ އުފާވެރި ވަގުތުތައް. މިހާރު އަހަރެމެންނަކީ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ބައެއް،" އޭނާ ބުންޏެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް، ބަޔާންއިން ވަނީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގެ ބުންޑަސްލީގާ އާއި ޖަރުމަން ކަޕް ކާމިޔާބުކޮށްފަ އެވެ.