ފަލަސްޠީނުގެ ރައްޔިތުންގެ ވޭނީ ޙާލުގެ ޙަޤީޤަތްތައް ފެންނަ އެތައް ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރު ވަމުންނެވެ. އޭގެ ތެރެއިން ވީޑިއޯގައި ފެންނަނީ އުމުރުން އަށެއްކަ އަހަރުގެ ކުޑަކުޑަ އަންހެން ކުއްޖަކު، އިސްރާއީލުގެ ސިފައިންގެ ޖަމާޢަތަކާ ދިމާޔަށް ގޮސް އޭނާގެ ހިތުގެ އުދާސްތައް ބޭރު ކޮށްލާ މަންޒަރެވެ. "ވައި ޑިޑް ޔޫ ކިލް މުޞްޠަފާ ... ހީ އިޒް މައި ބެސްޓް ފްރެންޑް ... ވައި ޔޫ ކިލް ހިމް؟ ޔޫ އާރ ނޮޓް ކްރޭޒީ ... ޔޫ އާރ ރީއެލީ ކްރޭޒީ ... ވައި ޔޫ ކަމް އިން ދަ ނައިޓް ... އައި ކާންޓް ސްލީޕް ... އޯލް ދަ ނައިޓް ޔޫ އާރ ކަމިންގ ... ކަމިންގ، ކަމިންގ، އެންޑް ކަމިންގ ... ވައި ޔޫ ކަމިންގ؟" މިއީ އެ ކުއްޖާގެ ޝަކުވާއެވެ.

އިސްރާއީލުގެ އަނިޔާވެރި ސިފައިން 2012 ވަނަ އަހަރުގެ ނޮވެންބަރު މަހު ޣައްޒާއާ ދެކޮޅަށް ހިންގި އަނިޔާވެރި ޢުދުވާނުގެ ތެރޭގައި ނެގުނު މި ވީޑިއޯގައި ފެންނަ ކުޑަ ކުއްޖާގެ ޝަކުވާ އަކީ އޭނާގެ ދެބެންގެ ދެދަރި ކުއްޖެއް ކަމަށް ވާ މުޞްޠަފާ، އިސްރާއީލުގެ ޙަމަލައެއްގައި ޝަހީދު ކޮށްލައިފައި ވާތީ އެކަމުގެ ޝަކުވާއެވެ. ރޭގަނޑު ހަތަރުދަމު ޣައްޒާގެ މަތީން އުދުހޭ އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކާއި ޑްރޯންތަކާއި ބޮމާއި މިސައިލުގެ އަޑުފަށްގަނޑާ ހުރެ ނުނިދޭތީ، ބިރު ގަންނާތީ ކުރާ ޝަކުވާއެވެ.

މިއީ މިއަދު ޣައްޒާގެ އެތައް ލައްކަ ކުޑަކުދީންގެ ޙާލެވެ. އެ ކުދީންނަށް އެހީތެރި ވާނެ އެކަކު ވެސް ނެތެވެ. އެ ކުދީންގެ ވޭނާއި ކެކުޅުމާއި، އެ ކުދީންގެ ޅަ ހިތްތަކަށް ވެރި ވެގެންފައި ވާ ބިރުވެރިކަން ދަނީ ފަސޭހަ ނުވާ ފާރުގަނޑެއް ފަދައިން، އެ ކުދީންގެ މުޅި ދިރިއުޅުން ވިހަ ކުރަމުންނެވެ. އެ ކުދީންގެ ބޯމަތީން މުޅި އުދަރެސް ބައްދައިލައިފައި ވާ ކަޅު ވިލާގަނޑުގައި ރިހި ދާރަފަށެއް ނެތެވެ. އިއްޔެ ވެސް އެ ކުދީންނަށް ފެނުނީ ބޮމާއި މިސައިލާއި، ލޯބިވާ މަންމަ ނުވަތަ ބައްޕަ ނުވަތަ ކޮއްކޮ ނުވަތަ ބޭބެ ނުވަތަ ދައްތަގެ ލެޔާ ތަތްތެޅިފައި ވާ މޫނާއި ހަށިގަނޑުގެ ބައިތަކެވެ. މިއަދު ވެސް ހަމަ އެ މަންޒަރެވެ. އިއްޔެ ވެސް އެ ކުދީންނަށް އިވުނީ ޑްރޯންތަކާއި ހަނގުރާމަމަތީ ޖެޓުތަކުގެ އިންޖީނުތަކުގެ ހުއްޓުމެއް ނެތް ބޫން އަޑާއި، ވައި ކަފައިފައި ބޯ މައްޗަށް ފައިބައިގެން އަންނަ މިސައިލްތަކާއި ބޮމުގެ ވޫޝް އަޑާއި، ޢިމާރާތްތައް ފުނޑުފުނޑު ކޮށް ފުރާނަތައް ނެރޭ ގަދަފަދަ ގޮވުންތަކުގެ އަޑާއި، މީސްތަކުންގެ ވޭނީ ހަޅޭކާއި ރުއިމުގެ އަޑެވެ. މިއަދު ވެސް ހަމަ އެ އަޑެވެ.

މި ލޯބިލޯބި ކުދީންނަށް ޓަކައި ރޯށެވެ! ކަރުނަ އަޅާށެވެ! ގިސްލާށެވެ! ކިތަންމެ ވަރަކަށް ރުޔަސް، ކިތަންމެ ކަރުނައެއް އެޅިޔަސް، ރޮވޭ ވަރު، ކަރުނަ އެޅޭ ވަރު ގިނައެއް ނުވާނެއެވެ.

* ކުޑަކުދީން މަރާ މީހުން

ޒައިނިސްޓް އިސްރާއީލާއި އިސްރާއީލުގެ އެކުވެރި ހުޅަނގުގެ މީހުން ދަޢުވާ ކުރާ ގޮތުގައި، އެމީހުން ވަނީ އިންސާނީ ތަހުޒީބުގެ އެންމެ މަތީ ކުންނު ހާސިލު ކޮށްފައެވެ. އެއުރެން ދަޢުވާ ކުރާ ގޮތުގައި، އެއުރެންނަކީ ދުނިޔެ ދުށް އެންމެ އިންސާނީވަންތަ، އެންމެ ކުލުނުވެރި، އެންމެ އޯގާވެރި، އެންމެ އިންޞާފުވެރި، އެންމެ ޢަދުލުވެރި، އެންމެ ހިތްހެޔޮ މީހުންނެވެ. ނަމަވެސް މި "އިންސާނީވަންތަ، އޯގާވެރި" މީހުންގެ ހަތިޔާރުތަކާއި ލަޝްކަރުތަކުން ދޭ ފަނާވެރި ޙަމަލާތަކުގައި، ޣައްޒާގެ އެތައް ލައްކަ ކުޑަ ކުދީންގެ ދިރިއުޅުން ވަނީ ބިރުވެރިކަމާއި ކަރުނައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވެފައެވެ. އެ ޖަންގަލީގެ ތެރޭގައި އެ ކުދީން ރޮއިލަ ރޮއިލައި އެ ތިބީ، ދާނެ އެއްވެސް ދިމާއެއް ނޭނގިފައެވެ. އެހީތެރި ވާނެ އެއްވެސް މީހަކު ނެތިފައެވެ. އެއިން ކޮންމެ ކުއްޖެއްގެ ހިތް ވަނީ، އެ ފާރުގަނޑެއްގެ ދިލަޔާއި ވޭނަށް ކެތް ނުކުރެވޭ ފަދަ ފާރުގަނޑަކަށް ވެފައެވެ.

އެމެރިކާ އާއި ޔޫރަޕާއި، އަދި ފަހަކަށް އައިސް މިޞުރާއި ސަޢޫދީ ޢަރަބިއްޔާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ބައިވެރި ވުމާއި މަދަދާއި ހިތްވަރު ދިނުމާ އެކު ޒައިނިސްޓް އިސްރާއީލުން ގެންދަނީ ޣައްޒާގެ ކުޑަކުދީން މެރުމުގެ ކަޅުރަތް ސިލްސިލާއެއް ހިންގަމުންނެވެ. ނަމަވެސް މިއީ އިއްޔެ ފެށުނު ސިލްސިލާއެއް ނޫނެވެ. ޒައިނިސްޓުން ފަލަސްޠީނުގެ ބިމުގައި ފައި ހަރު ކުރި ދުވަހުން ފެށިގެން، މި ސިލްސިލާ އަންނަނީ ދެމެމުންނެވެ.
ތަންކޮޅެއް ފަހުގެ ތާރީޚަކުން ފެށިގެން، ތަފާސްހިސާބުތައް ހުރިނެތްގޮތް ބަލައިލަމާތޯއެވެ!

ފަލަސްޠީނުގެ މިނިސްޓްރީ އޮފް އިންފޮރމޭޝަނުން 04 ޖޫން 2013 ގައި ހާމަ ކުރި ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، ސެޕްޓެންބަރު 2000 އިން ފެށިގެން އޭޕްރިލް 2013 އާ ހަމަޔަށް، ޒައިނިސްޓް އިސްރާއީލުގެ ޙަމަލާތަކުގައި ފަލަސްޠީނުގެ 1518 ކުދީން ޝަހީދު ކޮށްލައިފައި ވެއެވެ. މިއީ 13 އަހަރުގެ މުއްދަތަށް، ކޮންމެ 3 ދުވަހަކަށް ކުއްޖެކެވެ. ކޮންމެ ހަފުތާއަކީ ވެސް ކުދީންތަކެއް އިސްރާއީލުގެ އުންޑަތަކުން ތޮރުފިގެން ދާ ހަފުތާއެކެވެ. ފަލަސްޠީނީ އަވަށްތަކާއި ޝަހަރުތަކުގައި އިސްރާއީލުގެ ސިފައިން ދޭތެރެދޭތެރެއިން ހިންގާ ބޭރަޙްމީ އޮޕަރޭޝަންތަކުގެ ތެރޭގައި، ގާ އުކީއޭ، ލޯ ބޮޑު ކުރީޔޭ، ކިޔައިގެން ކުޑަކުދީންނަށް އަމާޒު ކޮށް ދޭ ބަޑީގެ ޙަމަލާތަކުގައި ކުޑަ ކުއްޖެއްގެ، ނުވަތަ ތުއްތު ކުއްޖެއްގެ ފުރާނަ ގެއްލިގެން ދިޔުމަކީ ފަލަސްޠީނުގައި މިހާރު ދުވަހީ ޙަޤީޤަތެވެ. މި ދެންނެވި މުއްދަތުގެ ތެރޭގައި، ޒައިނިސްޓުންގެ ޙަމަލާތަކުގައި ޒަޚަމް ވި ކުދީންގެ ޢަދަދު އުޅެނީ 6000 އަށް ވުރެ މަތީގައެވެ. މިއީ ދުވާލަކަށް 1.3 ކުދީންނަށް ވުރެ ގިނައިންނެވެ. ޒަޚަމް ވާ އެތައް ކުދީންނަކީ ގުނަންތައް ބުރިބުރި ވެ، މުޅި ޢުމުރަށް ނުކުޅެދޭ ޙާލަތަށް ދާ ކުދީންނެވެ.

ވީއިރު، އިސްރާއީލަކީ "ކުޑަކުދީން މަރާ ޤާތިލެއް" ނުވަތަ "ބޭބީ ކިލަރ" އެއް ކަމަށް ބުނާކަށް ނުޖެހޭތޯއެވެ؟