09 Aug 2014, 17:53
ހިލޭ ޓްރާންސްފާއެއްގެ ދަށުން ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ޑިއޭގޯ ލޯޕޭޒް، އޭސީ މިލާނާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ އެވެ.
މިލާނު ކްލަބުގެ ރަސްމީ ޓީވީ ޗެނެލްގެ ޓްވިޓާގައި ބުނެފައި ވަނީ ގޯލްކީޕަރު ލޯޕޭޒްއާއެކު އެއްބަސްުމަކާ ހަމައަށް އާދެވިއްޖެ ކަމަށާއި، މިލާނުން އޭނާއަށް މަރުހަބާ ކިޔާ ކަމަށެވެ. މިދިޔަ ހޮނިިހިރު ދުވަހު މިލާނުގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) އެޑްރިއާނޯ ގަލިއާނީ ވެސް ވަނީ އެކްލަބުގެ ސަޕޯޓަރުންނަށް އެކަން ކަށަވަރުކޮށްދީފަ އެވެ.
"ޑިއޭގޯ ލޯޕޭޒް މިލާނާ ގެނައުމުގެ މަސައްކަތުގެ 99 ޕަސެންޓް ނިމިއްޖެ،" އިޓަލީގެ 'ގެޒެޓާ ޑެއްލޯ ސްޕޯޓް' އަށް ދިން އިންޓަވިއުއެއްގައި ގަލިއާނީ ބުންޏެވެ.
ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން އަންނަ ހޯމަ ދުވަހު ލޯޕޭޒްގެ މެޑިކަލް ފުރިހަމަކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އުމުރުން 32 އަހަރުގެ ގޯލްކީޕަރު މިލާނާ ގުޅެނީ 2.5 މިލިއަން ޔޫރޯގެ އަގަކަށް ކަމުގައި ވެސް އެ ރިޕޯޓްތައް ބުނެ އެވެ.
ލޯޕޭޒް މެޑްރިޑާ ގުޅުނީ 2012/13 ސީޒަނުގެ މެދުތެރެއިން ސެވިއްޔާއަށް ކުޅުމަށް ފަހު އެވެ. އިކާ ކަސިޔަސްއަށް ލިބުނު އަނިޔާއަކާ ގުޅިގެން ގެނައި ލޯޕޭޒް ވަނީ އެކްލަބަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ނަމަވެސް ކަސިޔަސް އަނިޔާއިން ސަލާމަތްވުމުން ލޯޕޭޒްއާ ކަސިޔަސްއަށް މެޑްރިޑްގައި ލިބެމުން ދިޔައީ ހަމަހަމަ ފުރުސަތުތަކެކެވެ.
މިދިޔަ ސީޒަނަށް ފަހު، ލިވަޕޫލް އާއި ނަޕޯލީއިން ހޯދުމަށް މަސައްކަތްކުރި ލޯޕޭޒްއަށް މެޑްރިޑްގައި އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ، ނިމިގެންދިޔަ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދެއްކި ކޮސްޓަ ރިކާގެ ގޯލްކީޕަރު ކޭލާ ނަވާސް އެކްލަބާ ގުޅުމުންނެވެ.