09 Aug 2014, 16:51
މިދިޔަ މަހުގެ ހެންވޭރު އަޑި ޕާކް ސަރަހައްދުގައި ނ. މިލަދޫ ދިއްގާމާގޭ، މުހައްމަދު މާޒިންގެ ގަޔަށް ވަޅި ހަރައި މަލާލި މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
މާޒިންގެ މަރާ ގުޅިގެން ހައްޔަރުކުރީ 19 އަހަރުގެ ތިން މީހަކާއި 22 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކުރީ އެ މީހުން ހޯދުމަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިދީފަ އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު އަޑިޕާކުގައި ވަޅި ޖަހައި މަރާލި މާޒިންގެ ހަށިގަނޑުގެ 11 ތަނަކަށް ވަނީ ވަޅިން ހަމަލާދީފަ އެވެ.
ފާއިތުވި ދުވަސްތަކުގައި މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ހަ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދުނު ނުތަނަވަސްކަން ފިލުވައި އަމާން މުޖުތަމަޢެއް ޤާއިމްކޮށްދިނުމަށް އިތުރު މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.