ލ. ގަން ތުނޑީ އަވަށު ބަނދަރު ސަރަހައްދުގައި ހުންނަ ގްރެވިޓީ ޕެޓްރޯލް ޝެޑުގެ މުވައްޒަފަކަށް ހަމަލާދީ އެތަނުން ފޭރިގަތް ފައިސާ ހޯދައި އެ މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ގްރެވިޓީ ޕެޓްރޯލް ޝެޑުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި މާރާމާރީގައި އެތަނުގެ މުވައްޒަފެއްގެ ބޮލުގައި ބިއްލޫރި ފުޅިއަކުން ޖަހައި އޭނާގެ ބޯ ވަނީ ފަޅާލާފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 23 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ. އެ މީހުން ފޭރިގަތް ފައިސާގެ އަދަދު 24،000 ރުފިޔާއަށް އަރަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ހާއިރު މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ގްރެވިޓީ ޕެޓްރޯލް ޝެޑަށް ވަދެ އެ ތަނުގެ މުވައްޒަފަކަށް ހަމަލާދީ ފައިސާ ތަކެއް ވަނީ ވަގަށް ގެންގޮސްފަ އެވެ. އެ މައްސަލައާ ގުޅިގެން ހަމަ އެރޭ ދުވަހު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އިއްޔެ ވެސް ވަނީ އިތުރު ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

ހައްޔަރު ކުރި މީހުންގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހާފަ އެވެ.