09 Aug 2014, 15:05
ފަލަސްތީނުގެ ގާޒާއަށް އެހީވާން ގިނަ މީހުން ދެނީ ފައިސާއެވެ. ތަނަވަސްކަން ހުރި މިންވަރަކުންނެވެ. ބައެެއް މީހުން ލައްކައިން ފައިސާ ހަދިޔާ ކުރާއިރު، އެވަރު ނުވާ މީހުން އެހީގެ ހަރަކާތުގައި ބައިވެރިވެއެވެ. އަތޮޅުތަކުގެ ކުދި ކުދި އާބާދީތައް ހިމެނޭ ރަށްރަށުން ފެށިގެން ވެރިރަށް މާލެއިން ވެސް އިއްޔެ އާއި މިއަދު ފެންނަނީ އެހީގެ ހަރަކާތެވެ. އެކި މީހުން އެކި ގޮތަށެވެ.
ދިވެހި މީޑިއާ އިސްވެ އޮވެ އިއްޔެ މެންދުރުފަހު 2:30 ގައި ފެށި "ހެލްޕް ގާޒާ" ޓެލެތޯނުގައި ބައިވެރިވެ އެހީވާން ށ. ފުނަދޫ ރައްޔިތުން ހިންގަނީ ތަފާތު ހަރަކާތެކެވެ.
"މަސް ބާނައިގެން ލިބޭ ފައިސާ މިރަށު މީހުން ޖަމާ ކުރާނީ ގާޒާ ފަންޑަށް. އެގޮތުން މަސް ބޭނުމުގެ މުބާރާތެއް މިރަށުގައި ރޭ ވަނީ ބާއްވާފައި. ވިހި ރުފިޔާއަށް ޓިކެޓް ގަނެގެން މަސް ވެރިން ބައިވެރިވި އެ މުބާރާތުގައި ބޭނި މަސް ވިއްކައިގެން ލިބުނު ފައިސާ ވަނީ ގާޒާ ފަންޑަށް ހަދިޔާކޮށްފައި އަދި ޓިކެޓްގެ ފައިސާ ވެސް ވަނީ ގާޒާ ފަންޑަށްލާފައި،" ފުނަދޫގެ މި ހަރަކާތް ވިލަރެސް ކުރުމުގައި އުޅުނު މީހަކު ބުންޏެވެ.
ފުނަދޫގައި ހަމައެކަނި މުބާރަތަށް މަސް ބާނައިގެން ފައިސާ ހަދިޔާ ކުރީއެއް ނޫނެވެ. ވިހި ރުފިޔާގެ ޓިކެޓެއް ނަގައިގެން، ބައިވެރިވެވޭ އެންމެ މަޑުން ސައިކަލް ދުއްވުމުގެ މުބާރާތަކާއި ބަށި މުބާރާތެއް ވެސް އެ ރަށުގައި މިއަދު ކުރިއަށް ގެންދާނެ އެވެ. އެ ދެ މުބާރާތުގައި އެއް ވަނައަށްދާ ފަރާތައް ހުށަހެޅި ފައިސާއާއެކު މުބާރާތުން ލިބޭ ފައިސާ ވެސް ލާ ނީ ގާޒާ ފަންޑަށެވެ.
ފުނަދޫގައި ހިންގާ އެންމެ ފޯރި ގަދަ ހަރަކާތް ވެސް އޮންނާނީ މިއަދު އެވެ. އެއީ ފުޓްސަލް މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާނީ ހަމައެކަނި 35 އަހަރުން މަތީގެ މީހުނެވެެ. ނަމަވެސް 35 އަހަރުން ދަށުގެ ތިން ޒުވާނުން ބޮޑު އަގުގައި މުބާރާތަށް ގަތުމުގެ ފުރުސަތު ޓީމްތަކަށް ލިބެ އެވެ. އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ޒުވާން ކުޅުންތެރިން ގަނެވެނީ 3،000 ރ. އިން މަތީ އަދަދަކުންނެވެެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވި ގޮތުގައި އެ ރަށުގައި ހިންގާ އެ ހަރާތުން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ހޯދޭނެ އެވެ. އަދި އެ ހަރަކާތަށް ރައްޔިތުން ވަނީ ތައްޔާރުވެފަ އެވެ.
"އަޅުގަނޑުމެން މިފަދަ ކަމެއް ކުރުމުގެ ބޭނުމަކީ ކޮންމެ ރައްޔިތަކު ވެސް މިފަދަ ގައުމީ ކަމެއްގައި ބައިވެރި ކުރުވުން. ރަށުގެ 500 އަށް ވުރެ ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވޭ. ރަށުގައި ހުޅުވާފައިވާ ހެލްޕު ގާޒާ ފަންޑަށް ގިނަ ބަޔަކު ދަނީ އެހީވަމުން،" 2500 އަށް ވުރެ ގިނަ އާބާދީއެއް އޮންނަ ރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ހއ. އުލިގަމުގެ އަށް މަސް ދޯންޏަކުން ހިބަރު ބާނާ މަސް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ލާނީ ގާޒާ ފަންޑަށެވެ. އެ ދޯނިފަހަރުން ހިބަރު ބާނަން ނުކުންނަން ނިންމީި ވަނީ އެ ސަރަހައްދުގައި މި ދުވަސްކޮޅު ހިބަރު މަަސްވެރިކަން ރަނގަޅުވުމުންނެެވެ. އުލިގަމު މަސްވެރިން ހިބަރެއް ވިއްކަން ނިންމާފައިވަނީ 800 ރ. އަށެވެ.
ތިރީސް ތިން ގަޑިއިރަށް ކުރިއަށް ގެންދާ ޓެލެތޯނުގައި އެންމެ ބޮޑަށް އަޅަގެން އެއް ކަމަކަށްވީ ފަންޑު ފޮށިތަކަށް ކުޑަކުދިން ފައިސާ ހަދިޔާ ކުރަމުން ދިޔަ ގޮތެވެ. އެތައް ކުޑަކުދިންއެއް ވަނީ އެ ކުދިން އެއްކޮށްފައިހުރި ކޮއިން ބޮކުސްތަކާއި ބޮޑެތި ފުޅިތައް ހިފައިގެން ގޮސް ފަންޑް ހަދިޔާ ކޮށްފަ އެވެ. ބައެއް ކުދިން ކޮއިން ބޮކްސްތައް ހިފައިގެން ގޮސް ވަކިލާރިތައް ފަންޑްފޮއްޓަށް އޮއްސާލާއިރު އަނެއްބައި ކުދިން ދަނީ ކޮތަޅުކޮތަޅު ފުރެންދެން ވެސް ލާރި ގެންދިޔަ އެވެ.
"ކޮއްކޮ ވަރަށް ދެރަވޭ ގާޒާ ކުދިންނަށް އަނިޔާކުރާތީ، އެހެންވެ މި ލާރި ދިނީ، މި ލާރިއަކީ އުފަން ދުވަހު އެއްޗެއް ގަންނަން އެއްކޮށްފައި ހުރި ލާރި. އެކަމު މިހާރު ބޭނުމީ ގާޒާ ކުދިންނަށް އެހީވާން" ފަންޑަށް ފައިސާ ހަދިޔާ ކުރި، ވ. ހެވޭ، އުމުރުން ތިން އަހަރުގެ ކިއާރާ މިޝްކާ މާހިރު، ބުންޏެވެ.
ކަލާފާނު ސްކޫލްގައި ކުރިޔަށް ޖަމްބަލް ސޭލް ވެސް ތަފާތެވެ. ގިނަ ފަހަރަށް ޖަންބަލް ސޭލްތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ ތަކެއްޗެކި ބޭނުންކޮށްފައި ހުންނަ ތަކެއްޗެވެ. ނަމަވެސް ގާޒާ ފަންޑަށް އެހީވުމަށް މިހާރު ކުރިއަށްގެންދާ ޖަންބަލް ސޭލްގައި ދަނީ ތަފާތު އެތައް ކަމެއް ހިިނގަމުންނެވެ. މީގެ ކުރިން ޖަންބަލް ސޭލެއްގައި ޕިއްޒާ ނުވަތަ ކޭކް ވިއްކަން ހުއްޓައެއް ނުފެނެ އެވެ. އަދި އަގުބޮޑު ފަރުނީޗަރު ވިއްކާތީއެއް ވެސް ނުފެނެ އެވެ. ގައިމުވެސް އާންމެއް ނޫނެވެ. ނަމަވެސް އިއްޔެ ފެށި ޖަންބަލް ސޭލް ވަނީ ތަފާތުކޮށްލާފަ އެވެ.
ކުޑަކުއްޖެއްގެ އުފަން ދުވަހަށް ލިބުނު ކޭކު ވެސް އެ ކުއްޖާ ވަނީ އިއްޔެ ޖަމްބަލް ސޭލްގައި ވިއްކައިގެން ޣައްޒާ ފަންޑަށް ފައިސާ ހޯދައިދީފަ އެވެ. އަދި އާންމު ފަރާތަކުން ވަނީ ޕިއްޒާ ވިއްކައިގެން ފަންޑުގެ ފައިސާ އިތުރުކޮށްދީފަ އެވެ.
ޖަމްބަލް ސޭލްގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް ޝުހާނާ ވިދާޅުވި ގޮތުގައި ސޭލްގައި ތަފާތު އެތައް ކަމެއް ހިނގަ އެވެ. އެގޮތުން ތަފާތު ޑިޒައިނަރުންތަކެއް ފަހާފައިވާ ވެޑިން ޑުރެސްތަކެއް ނީލަން ކިޔުމާއި ކާރެއްގެ އިތުރުން ޝަވާކިއުބެއް ވެސް ނީލަން ކިޔަން ނިންމާފައިވާ ކަމަށެވެ. އަދި އެތަކެތި ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވައްޓާލާނީ ގާޒާ ފަންޑަށެވެ.
ޝުހާނާ ވިދާޅުވި ގޮތުގައި "އީޒީ ވޮޝް" އިން ޖަންބަލް ސޭލް އާއި މިހާރު ގުޅިފައިވާއިރު ޖަންބަލް ސޭލްއިން ގަންނަ ތަކެތި އީޒީ ވޮޝްއިން ބޮޑު ޑިސްކައުންޓްއަކާއެކު ދޮވެދޭނެ އެވެ.
"އީޒީ ވޮޝްއިން ދޮވެދޭއިރު އެތަކެތި ދޮވެގެން ލިބޭ ފައިސާ ގާޒާ ފަންޑަށް ދިނުމަށް ވަނީ ނިންމާފައި" ޝުހާނާ ވިދާޅުވިއެވެ.