އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ ގާޒާގެ މުސްލިމުންނަށް އެހީވުމަށް ކުރިއަށް ގެންދާ ހެލްތް ގާޒާ ޓެލެތޯނަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެފައިސާ ހެލްޕް ގާޒާގެ ސްޓިއަރިން ކޮމިޓީއާ ހަވާލުކޮށްދެއްވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެ ފައިސާއަކީ ޕީޕީއެމުން ހިންގި ހަރަކާތަކުން ލިބިފައިވާ ފައިސާ ކަމަށް އެ ޕާޓީން ބުންޏެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅުގައިދިވެހިންނަކީ އަބަދުވެސް އިސްލާމީ ކަންތައްތަކަށް ވަރަށް ބޮޑު އަހަައްމިއްޔަތުކަމެއްދޭ ބައެއް ކަމުގައި ވިދާޅުވި އެވެ. އެގޮތުން ގުދުސް ފަންޑުގެ ނަމުގައި ފަންޑެއް އުފައްދާ އެ ފައިސާ ވެސް ރާއްޖެއިން ފަލަސްތީނަށް ހަދިޔާކޮށްފައިވާ ކަން ފާހަަގަކުރެއްވި އެވެ. އަދި އިޒްރޭލުން ފަލަސްތީނަށާއި އެގަމުގެ ކުޑަކުދިންނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވާ ވިދާޅުވީ ކުޑަކުއްޖަކަށް އެއްވެސް ކަހަލަ އަނިޔާއެއް ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.

"މިއަދު ޣައްޒާއަށް ކުރިމަތިވެފައިވާ ހިތްދަތިކަމުގައި ވެސް ދިވެހި ރައްޔިތުން ދަނީ ފަލަސްތީނަށް އެހީތެރި ވަމުން. ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް ފަލަސްތީނު ދިފާއުކޮށް ވާހަކަ ދައްކާފައި،" މައުމޫން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ރައީސް މައުމޫން ވަނީ އެމަނިކުފާނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ނަންފުޅުގައި ވެސް ހެލްޕް ގާޒާ ޓެލެތޯން އަށް އެހީއެއް ދެއްވާފަ އެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.

ހަ މިލިއަން ރުފިޔާއާ އެކު އިއްޔެ ފެށި ހެލްޕު ގާޒާ ޓެލެތޯނަށް މިހާތަނަށް 11،988،549.63 ރުފިޔާ ވަނީ ލިބިފަ އެވެ.