ތޫނިސް : އުތުރު އެފްރިކާގެ ޢަރަބި ޤައުމެއްކަމަށްވާ ތޫނިސްގެ ރައީސް ޒައިނުލް ޢާބިދީން ބިން ޢަލީ، އޭނާގެ ބޮޑުވަޒީރު މުޙައްމަދުލްޣައްނޫޝީއާ ވެރިކަން ޙަވާލުކުރެއްވުމަށްފަހު ރޭގެވަގުތެއްގައި ޤައުމު ދޫކުރައްވައި ފިއްލަވައި ވަޑައިގެންފިއެވެ. ޚަބަރުތައް ބުނާގޮތުން ބިންޢަލީ ޤައުމު ދޫކުރައްވައި ފުރާވަޑައިގެންނެވީ ޔޫރަޕާ ދިމާއަށެވެ. ތޫނިސްގެ އަވަށްޓެރި ޤައުމެއްކަމަށްވާ މޯލްޓާއިންބުނީ ބިންޢަލީ ދަތުރުކުރެއްވި މަތިންދާބޯޓު މޯލްޓާގެ ވައިގެ ސަރަޙައްދު ހުރަސްކުރުމުގެ ހުއްދައަށް އެދުމުން އެހުއްދަ ދެވުނު ކަމަށާއި ބިންޢަލީގެ މަތިންދާބޯޓުގެ މިސްރާބު ހުރީ ހުޅަނގު ޔޫރަޕާ ދިމާއަށް ކަމުގައެވެ.

ތޫނިސްގެ ވެރިކަން ބޮޑުވަޒީރު މުޙައްމަދުލްޣައްނޫޝީއާ ކުއްލިގޮތަކަށް ޙަވާލުކުރެއްވުމަށްފަހު ރައީސް ބިންޢަލީ ޤައުމު ދޫކުރައްވައި ފިއްލަވައިވަޑައިގަތީ އޭނާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ރައްޔިތުން ނުކުމެ އިޙްތިޖާޖްކުރަމުންގެންދާތާ ތިންހަފްތާ އަށްވުރެ ގިނަވެފައިވަނިކޮށެވެ. ސީދީ ބޫޒީދް ގައި މީގެތިންހަފްތާ ކުރިން މިއިޙްތިޖާޖްތައްފެށީ ވަޒީފާނުލިބިގެން މާޔޫސްވެފައިވާ ތޫނިސްގެ ޒުވާނުން، ވަޒީފާގެ ފުރްސަތުތައް ތަނަސްކޮށްދިނުމަށް އެދިއެވެ. ނަމަވެސް ބިންޢަލީގެ ޚުދުމުޚްތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުންފެށި އުތުރިއެރުމަކަށް ފަހުން މިކަން ބަދަލުވެގެން ދިޔައެވެ. އަދި މިއުތުރިއެރުން ކޮންޓްރޯލްކުރުމަށްޓަކައި ތޫނިސްގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި ފަންސާހަށްވުރެ ގިނަމީހުން މަރާލައި އެތަށް ސަތޭކަބަޔަކު ޒަޚަމްކޮށްލުމުންވެސް މިކަން ކޮންޓްރޯލް ކުރުމުގައި ބިންޢަލީގެ ސަރުކާރު ނާކާމިޔާބުވިއެވެ.

ރައްޔިތުންގެ އުތުރިއެރުން ކޮންޓްރޯލް ނުކުރެވުމުން މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ޓީވީ އާއި ރޭޑިޔޯ މެދުވެރިކޮށް ދެއްވި ޚިތާބުގައި ބެންޢަލީވަނީ ރައްޔިތުންގެ އިޙްތިޖާޖްތަކާގުޅިގެން ޑިމޮކްރަސީއަށް ފުރްސަތު ދިނުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ދިނުމަށް ވަޢްދުވެވަޑައިގެންފައެވެ. އަދި މުޅިޢުމުރަށް ވެރިކަމުގައި ހުންނަވަން ބޭނުންނުވާ ކަމަށް ވިދާޅުވެ 2014 ވަނަ އަހަރު ބާއްވާ ރިޔާސީއިންތިޚާބަށް ކުރިމަތިނުލައްވާނެ ކަމަށްވެސް ބެންޢަލީ ފުރަތަމަ ފަހަރަށް ވިދާޅުވިއެވެ.

ހިމޭން އިންޤިލާބެއްގައި 1987 ވަނަ އަހަރު ބެންޢަލީއަކީ ވެރިކަމަށް އިސްވެ ވަޑައިގެންނެވީ ކުރީގެ ރައީސް އަލްޙަބީބް ބޫރްޤީބާ ވެރިކަމުން ޢަޒުލު ކުރެއްވުމަށްފަހުގައެވެ. އޭރު ބިންޢަލީ ހުންނެވީ ދާޚިލީ ވަޒީރު ކަމުގެ މަޤާމުގައެވެ. ބިންޢަލީއަކީ ބޫރްޤީބާ ފަދައިން ހުޅަނގުގެ ތާއީދާއެކު ތޫނިސްގައި ޚުދުމުޚްތާރު ގޮތެއްގައި ވެރިކަމެއް ކުރެއްވި ހަރުކަށި ވެރިއެކެވެ. ބިންޢަލީގެ ވެރިކަމުގައި އެންމެ ބޮޑަށް އަނިޔާ ލިބުނީ އޭނާގެ ވެރިކަމާ ދެކޮޅަށް ތެދުވާ ފަރާތްތަކަށެވެ. ޚާއްސަކޮށް އިސްލާމީ ޚިޔާލުގެ މީހުންނަށެވެ. ނަމަވެސް ޑިމޮކްރަސީއަށް ގޮވާލާ ޢިލްމާނީ ޚިޔާލުގެ ވަތަނީ މީހުންނާއި ލެބަރަލް އިސްލާޙްތަކަށް މަސައްކަތްކުރާ ޔޫރަޕް ސްޓައިލްގެ ލާދީނީ ފަރާތްތައްވެސް ބިންޢަލީގެ ޚުދުމުޚްތާރު ނިޒާމުގެ އަނިޔާވެރިކަމުން ސަލާމަތްވެފައެއް ނުވެއެވެ.

ވެރިކަން ދޫކޮށްލެއްވުމަށްފަހު ބިންޢަލީ ޤައުމުން ފިލާވަޑައިގެންނެވީ އޭނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ފަށާފައިވާ އުތުރުއެރުން ކޮންޓްރޯލްނުވެ ވެރިކަން ވެއްޓި އަމިއްލަ ފުރާނަފުޅަށް ނުރައްކާވެދާނެކަމުގެ ބިރު ހީވެވަޑައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ވަގުތީ ގޮތުން ތޫނިސްގެ ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވި ބޮޑުވަޒީރު މުޙައްމަދުލްޣައްނޫޝީ ވިދާޅުވީ އޭނާ ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވީ ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ބިންޢަލީ ބިންޢަލީ ޢުޒުރުވެރިވެ ވަޑައިގަތުމާއެކު ވަގުތީ ގޮތުން ކަމުގައެވެ. ބިންޢަލީ ފިއްލަވައި ވަޑައިގެންނެވީ އޭނާގެ ޚުދުމުޚްތާރު ނިޒާމަށް އެންމެ ބޮޑަށް ތާއީދުކުރި ފަރަންސޭސިވިލާތުގެ ޕެރިހަށް ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާގޮތުން ބިންޢަލީ ވަޑައިގެންނެވީ ސަޢޫދީ އަރަބިޔާއަށް ނޫނީ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫ.އޭ.އީ.) އަށެވެ. ނަމަވެސް މިއިން އެއްވެސް ޤައުމަކުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.