ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް 75 އަހަރު ފުރުމާ ގުޅިގެން، ރާއްޖޭގައި ހުންނަ އެ ބޭންކުގެ ގޮފިން ވިލިމާލޭގައި ހުންނަ، ކުޑަކުދިންގެ ހިޔާއަށް 100،000 އަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހަދިޔާކޮށްފި އެވެ.

ބޭންކް އޮފް ސިލޯންގެ ރާއްޖޭގެ ގޮފީގެ މެނޭޖަރު ޑީއެމްއެލްބީ ދަސަނެޔަކާ "ސަން" އަށް ވިދާޅުވީ، އެ ބޭންކުން އިއްޔެ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް، ކުޑަކުދިންގެ ހިޔާއިން އެދުނު ބައެއް ތަކެތި، ހަދިޔާކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި، ފަރުނީޗަރާއި ކެއުން ބުއިމަށް ބޭނުންކުރާ ބައެއް ސާމާނު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ބީއޯސީ އިން ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރި އެ ތަކެއްޗާ، އެ ސެންޓަރުގެ ފަރާތުން ހަވާލުވެވަޑައިގަތީ، ލޯ އެންޑް ޖެންޑަ މިނިސްޓަރުގެ ނައިބު ސިދާތާ ޝަރީފެވެ.

ދަސަނެޔަކާ ވިދާޅުވީ، ބީއޯސީ އިން ކުޑަކުދިންގެ ހިޔާއަށް އިއްޔެ 100،000 އަށްވުރެ ގިނަ ރުފިޔާ ތަކެތި ހަދިޔާކޮށްފައިވާއިރު، އެ ބޭންކުގެ ކަސްޓަމަރުންވެސް ކުޑަކުދިންގެ ހިޔާއަށް ތަކެތި ހަދިޔާކޮށްފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި ވެސް ކުޑަކުދިންގެ ހިޔާއަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްގެ "ފައިސަލް ފައުންޑޭޝަނުން" ވަނީ 25000 ރުފިޔާ ގެ އެހީއެއް ދީފަ އެވެ.