09 Aug 2014, 10:10
ބްރަސަލްސް (އޮގަސްޓް 9) : ޔުކްރޭންގެ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުން ދަނޑުވެރިކަމުގެ ގިނަ އަދަދެއްގެ ބާވާތްތައް ނުގަތުމަށާއި އެގައުމުތައް ވިޔަފާރީގެ ގޮތުން އެއް އަހަރު ވަންދެން ބޮއިކަޓް ކުރުމަށް ރަޝިޔާ އިން ނިންމި ނިންމުމުގެ ގެއްލުން އެންމެ ބޮޑަށް ކުރާނީ ޔުރަޕްގެ އިއްތިޙާދުގެ ގައުމުތަކަށް ކަމަށް އެ ގައުމުތަކުގައި އިއްޔެ ޝާއިއުކުރި އިގްތިސާދީ ރިޕޯޓްތައް ބުނެފި އެވެ.
މިރިޕޯޓްތައް ބުނާގޮތުން މިދިޔަ އަހަރު ވެސް ރަޝިޔާ އިން 43 ބިލިޔަން އެމެރިކާ ޑޮލަރުގެ ކާބޯތަކެތި ބޭރު ގައުމުތަކުން އިންޕޯޓްކޮށްފައިވާއިރު މީގެތެރެއިން ދެބައިކުޅަ އެއްބަޔަށް ވެސް ގިނަ ތަކެތި އެތެރެކޮށްފައިވަނީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކުންނެވެ. މިގޮތުން ޔޫރަޕާއި އެމެރިކާގައި އުފައްދާ ކާބޯތަކެތީގެ ގިނަ ބާވަތްތައް ނުގަތުމަށް ރަޝިޔާ ނިންމި ނިންމުމާ ގުޅިގެން ގާތްގަނޑަކަށް 15 ވަރަކަށް ބިލިޔަން ޑޮލަރުގެ ގެއްލުމެއް ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަށް ވާނެ ކަމަށް މިރިޕޯޓްތައް ބުނެ އެވެ.
ރަޝިޔާއިން ނުގަންނަ ކާބޯތަކެތި ޔޫރަޕުން ވިއްކަންޖެހޭނީ ރަޝިޔާއަށް ވުރެ ދުރު ގައުމުތަކަށް ކަމަށްވާތީ އެގައުމުތަކުން ބާޒާރުތައް ހޯދުން ޔުރަޕަށް ދަތިވާނެ ކަމަށް މިރިޕޯޓްތައް ބުނެ އެވެ. އަދި ރަޝިޔާއަށް ވުރެ ދުރު ގައުމުތަކަށް މިތަކެތި ވިއްކާއިރު މިތަކެތި ވިއްކަންޖެހޭނީ ރަޝިޔާއަށް ވިއްކާ ވަރަށްވުރެ އަގުހެޔޮކޮށް ކަމުން ބާޒާރު ލިބޭ ހާލަތްތަކުގައި ވެސް މިތަކެތި ވިއްކައިގެން ޔޫރަޕަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް މިރިޕޯޓްތައް ބުނެ އެވެ.
ޕޫޓިން ސޮއިކުރައްވައި ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޔާސީ އަމުރެއްގައިވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގެ ދަނޑުވެރި ކަމުގެ އުފެއްދުންތައް ގަތުން ހުއްޓާލައި އޭގެބަދަލުގައި އެހެން ގައުމުތަކުން އެތަކެތި ގަތުމަށެވެ. ޔުކްރޭންގެ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ އާއި ވިލާތުގެ އިއްތިޙާދުގެ ގައުމުތަކުގެ އިތުރުން ކެނެޑާ
އެވެ. މިގައުމުތަކުން ރަޝިޔާ އިންޕޯޓްކުރާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރޭގައި ކުކުޅުމަހާއި ކިރާއި ގޮދަނާއި ހަނޑޫފަދަ ގޮވާމުގެ ބާވަތްތައް ހިމެނެ އެވެ. ޕޫޓިން ނެރުއްވި ރިޔާސީ އަމުރުގައިވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުން ރަޝިޔާއަށް އެތެރެކުރާ ދަނޑުވެރިކަމުގެ ބާވަތްތަކާއި ގޮވާމުގެ ބާވަތްތަކުގެ ލިސްޓްތައް ތައްޔާރުކުރުމަށްފަހު އޭގެތެރެއިން ގިނަ ތަކެތި ރަޝިޔާއަށް އެތެރެކުރުން މަނާކުރުމަށެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ނުގަތުމަށް ރަޝިޔާއިން ނިންމާ ތަކެތި ޗައިނާ އާއި ބްރަޒީލް އާއި އާޖެންޓީނާ އާއި ދެކުނު އެފްރިކާ ފަދަ އެހެން ގައުމުތަކުން އެތެރެކުރުމަށް ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށްވެ އެވެ. ކާބޯތަކެތި ގިނަ އަދަދަކަށް އިންޕޯޓްކުރާ ގައުމެއް ކަމަށްވާ ރަޝިޔާއަކީ ތެލާއި ގުދްރަތީ ގޭހުގެ މުއްސަނދިކަން ވަރަށް ބޮޑަށް ލިބިފައިވާ ގައުމެކެވެ.
ޔޫރަޕްގެ އިއްތިހާދާ ހިލާފަށް ރަޝިޔާގެ ފިޔަވަޅުތަކުގެ އަަސަރު އެމެރިކާ އަށް މާބޮޑަށް ނުކުރަނީ ރަޝިޔާ އަށް އެތެރެކުރާ އެމެރިކާގެ ކާބޯތަކެތީގެ މިންވަރު މަދުުވުމުގެ ސަބަބުން ކަމަށް ހަބަރުތައް ބުނެ އެވެ. (އަލްޖަޒީރާ)