ރ. ދުވާފަރުގައި ގާއިމުކުރެވިފައިވާ ފެނުގެ ނިޒާމުގެ ރެއިންވޯޓާ ހާވެސްޓިން ކޮމްޕޯނަންޓް އިފްތިތާހްކޮށްފި އެވެ.

ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ދުވާފަރުގައި ގާއިމްކުރި އެ ކޮމްޕޯނަންޓް އިފްތިހާހްކޮށްދެއްވީ، ދުވާފަރުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އެންވާރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ، ޑީސެލިނޭޝަން ޕްލާންޓްގެ އިތުރުން ރަށުގައި ހުރި ސަރުކާރުގެ ބައެއް އިމާރާތްތަކުގެ ފުރާޅުން ވާރޭފެން ނަގައި އެ ނިޒާމާއި ގުޅާލެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ރެއިންވޯޓަރު ހާވެސްޓިން ކޮމްޕޯނަންޓްގެ ސަބަބުން ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ކުރާ ހަރުގެ އަގު 35 ޕަސެންޓާއި 40 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ކުޑަ ކުރެވިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގެ މަހުގެ 10 ވަނަ ދުވަހު މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލުކޮށްގެން ފެށި އެ މަސައްކަތުގެ ދަށުން، ދުވާފަރަށް ސާފު ބޯފެން ފޯރުކޮށް ދިނުމަށްޓަކައި 50 ޓަނުގެ އާރުއޯ ޕްލާންޓްއެއް ބެހެއްޓި، 12 ކިލޯ މީޓަރުގެ ފެނުމުގެ ވިއުގައެއް ރަށުގައި ގާއިމް ކުރެވިފައިވެ އެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ދުވާފަރުގައި ގާއިމު ކުރެވުނު ފެނުގެ ނިޒާމު އިފްތިތާހް ކޮށްދެއްވީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.