މިދިޔަ ޖުލައި މަހުގެ އަށް ވަނަ ދުވަހުއްސުރެ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ލާއިންސާނީ އަނިޔާވެރި ޙަމަލާތަކުގައި، އެއްވެސް އިންސާނިއްޔަތު ކަމެއް ނެތި، މަޢުސޫމް ކުޑަކުދިންނާއި، ނިކަމެތި އަންހެނުން ޝަހީދު ކުރަމުންދާއިރު، ޣައްޒާ އެހީތެރިކަމަކަށް އެދި ގޮވާ ގޮވުމަށް، ޢަރަބި ބައެއް ޤައުމުތަކުން ދެނީ ބީރުކަންފަތެކޭ ބުނާ ވާހަކައަކީ އާ ވާހަކައަކަށް ނުވާނެވެ.

ޣައްޒާގައި އިސްރާއީލުން ޤަތުލުޢާންމުތައް ހިންގައި އެތައް ސަތޭކަ ބަޔަކު ޝަހީދު ކުރަމުންދާއިރު، ޢަރަބި ޤައުމުތައް ތިބީ ދުރުގަ އަތް އުރާލައިގެން މަންޒަރު ބަލާށެވެ. މިއާއެކު ހުޅަނގުގެ މީޑިއާއިން ދަނީ ޢަރަބި ޤައުމުތަކުން އިސްރާއީލާ އެއްކޮޅަށް ތިބިކަމުގައި ދެއްކުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ވެސް މެއެވެ. އަދި އިސްރާއީލުގެ މީޑިއާ އިން ވަނީ، ހަމާސްއާ ދެކޮޅަށް އިސްރާއީލަށް ބައިވެރިއަކު ލިބިފައިވާ ކަމަށާ، އެ ބައިވެރިއަކީ މިސްރުގެ ރައީސް އަބްދުލް ފައްތާޙު އަލް ސީސީ ކަމަށް ބުނެފައެވެ.

ތާރީޚުގެ ޞަފުޙާތަކަށް ނަޒަރު ހިންގާލާއިރު ފެންނާން އޮތް ހަޤީޤަތަކީ، މުސްލިމުންގެ ބިމަކަށް ޔަހޫދީންގެ ބަޔަކު ޙަމަލާދޭ ކޮންމެ ފަހަރަކު، އަރަބީން އެއްގަލަކަށް އަރާ ޔަހޫދީންނާ ދެކޮޅަށް ހަނގުރާމަކޮށްފައިވާކަމެވެ. އެހެންނަމަވެސް މި ފަހަރު މި ކަންތައް ވެގެންދަނީ އެއާ މުޅީން ޙިލާފަށެވެ.

މިއަދު، ފަލަސްތީނުގެ ބިމުގައި ތުއްތު ކުދިންނާއި އަންހެނުން ކަތިލަމުންދާއިރު، ބައެއް އަރަބި ޤައުމުތަކުން އެކަމާ މެދު މާބޮޑު އެއްޗެއް ނުބުނެ ހަނު ތިބެނީ ކީއްވެގެންތޯ، މިއީ ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ.

ހަގީގަތުގައިވެސް، ޣައްޒާގެ ތުއްތު ކުދިންގެ ރުއިމާއި، އަންހެނުންގެ ގިސްލުމުގެ އަޑު، ޢަރަބީންގެ ކަންފަތާ ހަމައަށް ނުފޯރަނީތޯ، މިއީ މިއަދު ފެންމަތިވެފައިވާ ސުވާލެކެވެ. އެއްވެސް ކުލުނެއް، ރަޙުމެއް ނެތި ޝަހީދުކޮށްލާފައިވާ ކުށެއްނެތް މަޢުސޫމް ކުދިންގެ ލެއިން ކަޅިވެފައިވާ ހަށިތައް ފެންނަ ހިނދު ޢަރަބި ބައެއް ވެރިންގެ ހިތްތަކަށް ހަމަ ކުޑަވެސް އަސަރެއް ނުކުރަނީ ހެއްޔެވެ؟

މިއީ އިންސާނިއްޔަތުކަން ހުރި ކޮންމެ މީހެއްގެ ހިތުގައިމެ އުފެދޭނެ ސުވާލެކެވެ. މައިންބަފައިން ޝަހީދުކޮށް، ޅަޢުމުރުގެ ލޮބުވެތި ހިނިތުންވުން ފޭރިގަނެ، ޔަތީމުކޮށްލާފައިވާ ކުދިންގެ ޙާލަތު ޢަރަބި ލީޑަރުންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ ނުވަތަ ޣައްޒާ އަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަރަބި ޤައުމުތަކުން ފާޅުގައި ބަސްނުބުނާ، އެހެން ސަބަބެއް އޮވެދާނެ ހެއްޔެވެ؟

އަރަބި އިސްލާމީ ޤައުމުތަކަށް ބަލާލާއިރު، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާޢަތަށް އަސްކަރީ ގޮތުން އެންމެ ބޮޑަށް ވާގިވެރިވެދިން ދެ ޤައުމަކީ އިރާނާއި ސޫރިޔާ އެވެ. މިވަގުތު ސޫރިޔާގެ ޙާލަތަށް ބަލާއިރު، ޚުދު ސޫރިއާވެސް އެވަނީ ދާޚިލީ ހަނގުރާމައިގެ ވަޅުގަނޑެއްގެ ތެރޭގައެވެ. ސޫރިޔާ މިވަގުތު ވަނީ، އެހެން ޤައުމަކަށް އެހީވެރިވެވޭފަދަ ޙާލަތެއްގައެއް ނޫނެވެ. ދެން އިރާނަށް ބަލާލާއިރު، ހަނގުރާމައެއްގެ ދަތިކަން އިރާނަށް ތަޙައްމަލުކުރަން ޖެހިފައި ނުވި ނަމަވެސް، އީރާނުގެ އަދުގެ ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރަމުން ދަނީ، ހުޅަނގުގެ ޤައުމުތަކާ އެކު މަޝްވަރާކޮށް، ހުޅަނގުގެ ޤައުމުތަކުން އީރާނާ މެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުމެއް ގެނައުމަށެވެ.

އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި އީރާނަށް އިސްރާޢީލާ ދެކޮޅު ހަދައި، ފަލަސްތީނުގެ މުޖާހިދުންނަށް އެހީތެރިވުމަކީ އެހާ ފަސޭހަ ކަމަކަށްް ނުވުން އެކަށީގެންވެއެވެ. މީގެ އިތުރުން އީރާނުގެ މިހާރުގެ ޒަޢާމަތުގެ ވިސްނުމާއި ސިޔާސަތުތައް ބައްޓަން ކޮށްފައިވަނީ ވެސް، ޢީރާނުގެ ނިއުކްލިއަރ މައްސަލައާ ގުޅިގެން އުފެދިފައިވާ މައްސަލަތަކަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ހުޅަނގާއެކު ގުޅިގެން މަސަައްކަތް ކުރުމުގެ މައްޗަށެވެ.

ދެން އޮތީ މިސުރުގެ ވާހަކަ އެވެ. ޣައްޒާގެ ތަޅުދަނޑި އޮތީ މިސްރުގެ އަތުގައެވެ. މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކަކީ ފަލަސްތީނާ މާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅަކަށް ނުވި ނަމަވެސް، އެ މަނިކުފާނަކީ ފަލަސްތީނާ ދުޝްމިން ބޭފުޅެއް ވެސް ނޫންނެވެ. އަދި ހުސްނީ މުބާރަކް އަކީ އިސްރާއީލު ޖަހާހާ ބެރަކަށް ނަށާ، އިސްރާއީލުން ބުނާހާ ކަމެއް ކޮށް އުޅުއްވި ބޭފުޅެއްވެސް ނޫނެވެ.

ކަންމިހެން އޮއްވާ ހުސްނީ މުބާރަކުގެ ވެރިކަން ނިމުމަކަށް ގެނެސް، މިސްރުގައި ސިޔާސީ ހަލަބޮލިކަމެއް އުފެދި، އެންމެ ފަހުން، މިސްރުގެ ވެރިއެއްގެ ގޮތުގައި މިހާރު މި ހުންނެވީ، ޖެނެރަލް އަބްދުލް ފައްތާޙު އަލްސީސީ އެވެ. ޖެނެރަލް ސީސީ އަކީ ޢަރަބީނަންގެ މަސްލަޙަތަށްވުރެ ހުޅަނގެ މަސްލަޙަތު އިސްކުރައްވާ ބޭފުޅެކެވެ.

ފަލަސްތީނުގެ ސުލްޙައަށް މަސައްކަތްކުރާ ހަމާސް ޖަމާޢަތަކީ ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލި އިޚްވާނުލް މުސްލިމީނާ އެއް ފިކުރެއްގެ ބަޔަކަށް ވާތީ، ހަމާސް އަށް ތާޢީދު ކުރަން ސީސީ ބޭނުންފުޅެއް ނުވެއެވެ. މީގެ އިތުރުން، މިސްރުން ވަނީ ހަމާސް އަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް އިޢުލާން ވެސްކޮށްފައެވެ. މިދެންނެވި ސަބަބުތަކަށްޓަކައި، މިދަނޑިވަޅަކީ ފަލަސްތީނުގެ އަތް އެންމެ ބޮޑަށް ބަނދެވިފައިވާ ދުވަސްވަރޭ ދެންނެވިދާނެއެވެ.
އިސްރާޢީލުގެ ހަރުކަށި ލީޑަރު ބެންޖެމަން ނަތަންޔާހޫގެ މޭސްތިރިކަމުގައި، ފަލަސްތީނުގެ ގާޒާއަށް މި ފަދަ ރަޙުމްކުޑަ ލާއިންސާނީ އަނިޔާތައް ދެމުންދާ ސަބަބަކީ ޢަރަބި ދުނިޔޭގެ މަޖުބޫރީ ޙާލަތު ކަމުގައިތޯ ސުވާލު އުފެދެއެވެ.