ދިރާގު ދިވެހި ލީގުގެ އެންމެ ފުލުގައި އޮތް ބީޖީ ސްޕޯޓްސް ކްލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ބައްދަލުކުރި މެޗު ނަތީޖާ ނުނެރެވި، އެއްވަރުވެގެން ނިމިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ އޭވައިއެލް އާއި ބީޖީ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގައި ބީޖީއަށް ލަނޑުޖަހައި، ލީގުގެ މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވުމަށް ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

މެޗުގައި ލަނޑު ޖަހައި، ލީޑު ނެގުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ އޭވައިއެލް އަށެވެ. އޭވައިއެލްގެ ހުސައިން ނާޝިދު އުދެއްދި ހަމަލާ އަމާޒުވީ ބީޖީގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭވައިއެލްގެ ފަރާތުން ދެން ފެނިގެންދިޔައީ ގިނަ ފައުލްތަކެއް ކުރަމުންދިޔަ ތަނެވެ. އޭގެ ނަތީޖާއަކަށް ވީ ބީޖީއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިއުމެވެ.

މެޗުގެ 33 ވަނަ މިނެޓްގައި ބީޖީގެ އިބްރާހިމް ހަމްދާނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ހަމްދާނު އުފެއްދި އެ ހަމަލާގެ ހުރަހަކަށް ވެގެންދިޔައީ އޭވައިއެލްގެ ހުރަސް ދަނޑި އެވެ. އޭގެ ހަތަރު މިނެޓް ފަހުން ވެސް ބީޖީއަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އޭވައިއެލްގެ ޑިފެންޑަރުން ކަޓުވާލުމަށްފަހު، ބީޖީގެ ބިދޭސީ ކުޅުންތެރިޔާ އަޓަފާ ކަޒީމް އަޑެއޮލޫއަށް އެ ޓީމުގެ ހަމްދާން ދިން ބޯޅައިގެ ބޭނުން ހިފިފައެއް ނުވެ އެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ބީޖީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ދެވަނަ ހާފު ނިމެން ދަނިކޮށް ބީޖީގެ މުހައްމަދު އައްޒާމާއި މުހައްމަދު އަޖުވަދު ސޮލާހަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.

ދިރާގު ދިވެހި ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، އަށް މެޗުން ލިބުނު 21 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު އަށް މެޗުން ލިބުނު 19 ޕޮއިންޓާއެކު ދެ ވަނައިގައި އޮތީ މާޒިޔާ އެވެ. އަށް މެޗުން ލިބުނު 16 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އީގަލްސް އެވެ. އަށް މެޗު ކުޅެ ލިބުނު 11 ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، އަށް މެޗުން ލިބުނު 10 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ މަހިބަދޫ އެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް އަށް މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. އަށް މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް އަށް މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެކެވެ.

ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ދެން ލީގު އަލުން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. އެ ދުވަހު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. އަދި ހޯމަ ދުވަހުގެ ރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް އެވެ.