އެކުވެރިކަމުގެ ދަތުރެއްގައި ޕާކިސްތާނުގެ ދެމަނަވަރު މިއަދު ރާއްޖެ އައިސްފިއެވެ.

ރާއްޖެ އައިސްފައި ވަނީ ޕާކިސްތާން ނޭވީ ޝިޕް ނަސްރު އާއި ޕާކިސްތާން ނޭވީ ޝިޕް ސައިފް އެވެ. އެ ދެ މަނަވަރު ރާއްޖެ އައިސްފައި ވަނީ މި މަހުގެ 8 އިން 11 އަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެ މަނަވަރުގެ އިސް ބޭފުޅުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު މުހައްމަދާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ސައީދު ޚާން އާ ވެސް އެ މަނަވަރުގެ އިސް ބޭފުޅުން ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެކުވެރިކަމުގެ ދަތުރެއްގައި މިހާރު ރާއްޖެ އައިސް އުޅޭ ޕާކިސްތާނުގެ ދެ މަނަވަރުގައި މަސައްކަތްކުރާ ސެއިލަރުންނާއެކު އެކުވެރިކަމުގެ ކުޅިވަރު ހަރަކާތްތަކެއްގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ މަނަވަރުތަކަށް މި ދެމުއައްސަސާގެ ބޭފުޅުން ޒިޔާރަތްކުރެއްވުމުގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންވެސް އެ މަނަވަރުތަކަށް ޒިޔާރަތް ކުރާނެ އެވެ.