15 Jan 2011, 03:11
ޓީމަށް ރަނގަޅު ނަތީޖާ ނުނެރެވޭތީވެ މާޔޫސްވެފައި ހުރި ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް ގަތުމަށް ރެއާލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ އަނެއްކާ ވެސް ބިޑްކުރަން ތައްޔާރުވެއްޖެ އެވެ.
ސްޕޭނުގެ ނޫސްތަކުން ބުނާގޮތުގައި ޖެރާޑް ގަތުމަށް މި ހަފުތާގައި މެޑްރިޑުން ބިޑް ކުރާނީ 20 މިލިއަން ޕަައުންޑަށެވެ. މިއީ ހުސްވި ޖުލައި މަހު އޭނާ ގަތުމަށް މޮރީނިއޯ ހުށަހެޅި އަގުވެސްމެ އެވެ. ނަމަވެސް އެ ފަހަރު ލިވަޕޫލުން ޖެރާޑް ވިއްކާލަން ބޭނުނަވީ 30 މިލިއަން ޕައުންޑަށެވެ.
ޗެމްޕިއަންސް ލީގުގައި ކުޅެން މި އަހަރު ފުރުސަތު ލިބިަފައިނުވާއިރު ލިވަޕޫލް މިހާރު ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އަންނަ އަހަރު ވެސް ޔޫރަޕުގެ އެންމެ ބޮޑު މުބާރާތުގައި ކުޅެން ފުރުސަތު ނުލިބޭނެކަން މިހާރު ގާތްގަނޑަކަށް ވަނީ ކަށަވަރުވެފަ އެވެ. މިއީ މި ސީޒަނުގައި އަށް ގޯލު ޖަހައިފައިވާ ޖެރާޑް އޭނާ މިހާތަނަށް ކުޅުނު އަދި އެންމެ ލޯބިވާ ކުލަބު ދޫކޮށްލަން ބޭނުންވާ އެންމެ މުހިންމު ސަބަބެވެ.
އިނގިރޭސި ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ވެސް ކުރަމުން އަންނަ 30 އަހަރުގެ ޖެރާޑްގެ އެހީ އަށް މޮރީނިއޯ ވަނީ އޭނާ ޗެލްސީ އަށް ކޯޗުކޮށްދިން ދުވަސްވަރު ވެސް އެދިފަ އެވެ. އަދި ހުސްވި ޖުލައި މަހު ޖެރާޑާ ބެހޭ ގޮތުން އޭނާ ބުނީ އުމުރުން 30 އިނަ މަތިވެ ކެރިއަރުގެ ފަހުކޮޅަށް އެޅިފައިވާ ކުޅުންތެރިންނަށް ކޯޗުކޮށްދޭން އޭނާ ނުހަނު ބޭނުންވާ ކަމަށާއި ޖެރާޑަކީ އެފަދަ ދެވަނައެއްނެތް މިޑްފީލްޑަރެއް ކަމަށެވެ.
ލިވަޕޫލް ދޫކޮށްލަން ބޭނުންވެފައި ހުރި އަނެއް ކުޅުންތެރިއަކީ ސްޕޭނުގެ ފޯވަޑް ފެނާންޑޯ ޓޮރޭޒް އެވެ. އޭނާ އަށް 40 މިލިއަން ޕައުންޑް ހޭދަ ކުރަން ބާސެލޯނާ އޮތީ ތައްޔާރަށެވެ.