08 Aug 2014, 22:58
ދިވެހީންގެ އިންސާނިއްޔަތު ކަމުގެ ދިދަ ފަޚުރުވެރި ކަމާއެކު ބައިނަލްއަގުވާމީ މުޖުތަމައުގައި ވިހުރެމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ހެލްޕް ގާޒާ ޓެލެތޯން ޝޯ ގައި މިރޭ ވާހަކަފުޅު ދައްކަވަމުން މަސީހު ވިދާޅުވީ ދިވެހީންގެ އިންސާނިއްޔަތު ކަމުގެ ސިފަ މިއަދު ވަރަށް ރަނގަޅަށް ހާމަވަމުންދާ ކަމަށާއި ދިވެއްސަކަށް ވީތީ އެމަނިކުފާނު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
"އަބަދުވެސް ދިވެހިން މި ސިފަކޮށްދެނީ ދިވެހިރާއްޖެ އަކީ ކުޑަ ގައުމަކަށް. ދިވެހިރާއްޖޭގެ މީސްކޮޅު މަދުކަމަށް. އެހެން ނަމަވެސް ދިވެހި އިންސާނިއްޔަތު ކަމުގެ ހިތް ވަރަށް ބޮޑު. އިންސާނިއްޔަތު ކަމުގެ ލޭ ވަރަށް އަލި. އިންސާނިއްޔަތު ކަމުގެ ކަންފަތް ވަރަށް ތޫނު. ދިވެހިން އެ ގެންދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކޮށްދެވެން ހުރި ކަމެއް ކޮށްދެމުން،" މަސީހު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ފަލަސްތީނުގެ ޣައްޒާއިން މިއަދު ފެންނަމުން ދަނީ މުޅިންވެސް ކަރުނައިގެ އަސަރުތައް ކަމަށާއި ފަލަސްތީނުގެ ހޮސްޕިޓަލް ތަކާއި ސްކޫލްތައް "ގަބުރުސްތާނު ތަކަކަށް" މިއަދު ބަދަލުވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެފަދަ ދަތިހާލެއްގައި ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާއިރު އެމީހުންނަށް އެހީވުމުގެ ގޮތުން ދިވެހީން ކުރަމުން އަންނަ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ދިވެހި މީޑިއާގެ ފަރާތްތަކުން މިފަދަ ހަރަކާތެއް ކުރިއަށް ގެންދާތީ މީޑިއާތަކުގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
ޓެލެތޯންގައި ވިއްކާ ޚާއްސަ 15 ޓީޝާޓުގެ ތެރެއިން މަސީހުގެ ނަންފުޅު ލިޔުއްވާފައިވާ އެއްލައްކަ ރުފިޔާގެ ޓީޝާޓަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ގަނެ އޭނާ އަށް ހަދިޔާ ކުރެއްވި ޓީޝާޓެކެވެ.