08 Aug 2014, 22:37
އިރާގާއި ސޫރިޔާއިން ބައެއް ކޮންޓްރޯލްކުރާ އިސްލާމިކް ސްޓޭޓް ( އައިއެސް) ގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާއިން މިއަދު ވައިގެ ހަމަލާތަކެއް ދީފިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއާ ހަވާލާދީ ފްރާންސް 24 ނިއުސް އެޖެންސީން ބުނީ އެމެރިކާ ސިފައިންގެ އެފް/އޭ-18 މަރުކާގެ މަތިންދާބޯޓަކުން އިރާގުގެ އިރްބީލްގެ ކައިރީގައިވާ އައިއެސްގެ ބޮޑުބަޑިއަކަށް ހަމަލާދީފައިވާ ކަމަށެވެ. އެގޮތުން ލޭޒާ ބޭނުންކޮށްގެން އަމާޒު ހޯދާވައްތަރުގެ ، 500 ޕައުންޑް ( 225 ކިލޯ)ގެ ބުރަދަން ހުރި ދެ ބޮން ވައްޓާލާފައިވާ ކަމަށް ވެސް ބުންޏެވެ.
ހަމަލާ ދިނީ އައިއެސްގެ މަގާމުތަކަށް ކަމަށް އެމެރިކާއިން ބުނި ނަމަވެސް އެޖަމާއަތުން ބުނެފައި ވަނީ އެމެރިކާގެ ހަމަލާ އެރީ އާއްމުންގެ ގެތަކަށް ކަމަށެވެ.
އައިއެސްއާ ދެކޮޅަށް ވަކިވަރަކަށް ވައިގެ ހަމަލާތައް ދޭން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަމުރުކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.
ސީއެންއެން އިން ބުނީ އައިއެސްއާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭން އޮބާމާ އިއްޔެ އެންގެވީ އިރާގުގެ ބައިމަދު ދީނެއް ކަމަށްވާ ޔަޒީދީ ދީނުގެ ބަޔަކު އައިއެސް އިން ހިސާރުކުރުމުން ކަމަށެވެ.
ބައެއް ރިޕޯޓްތައް މީޑިއާތަކުން ބުނާ ގޮތުގައި އައިއެސްއިން ވަނީ ޔަޒީދީން އިސްލާމް ވުމަށް ނުވަތަ އެމީހުންގެ އަވަށްތައް ދޫކޮށް ދިއުމަށް އަންގާފައެވެ. އަދި އޭގެ ތެރެއިން އެއް ބަޔަކު ފަރުބަދައެއްގެ މަތީގައި ތާށިވެފައި އެބަތިބި ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެހެން ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޔަޒީދީން އުޅޭ އަވަށްތަކެއް އައިއެސްގެ ބާރުގެ ދަށަށް ދިއުމުން އެއަވަށްތަކުގެ މީހުން ރަށުން ފައިބައިގެން ވަނީ ގޮސްފަ އެވެ.
ވައިގެ ހަމަލާތައް ދޭން އެންގެވިކަން އިއުލާން ކުރެއްވުމަށް އިއްޔެ ވައިޓްހައުސްގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވެފައި ވަނީ ގަތުލު އާއްމަކަށް މަގުފަހިވާ ގޮތަށް ބަޔަކު ކަންތައް ކުރާ އިރު އެމެރިކާއިން އެކަމަށް ކަނު ލޮލެއް ނުދޭނެ ކަމަށެވެ.
އެމެރިކާއިން އައިއެސްއާ ދެކޮޅަށް ހަމަލާދޭން ތައްޔާރުވެފައި މިވަނީ އިރާގުގައި މާކުރިން ފެށިގެން ވަކިވެގަނެގެން އުޅޭ ކުރުދީންގެ ވެރިރަށް އިރުބީލް އައިއެސް އިން ހިފަން ތައްޔާރުވަނިކޮށެވެ. އެރަށާ ވަރަށް ކައިރީގައި އައިއެސް އިން ކުރުދީންނާ ހަނގުރާމަކޮށް ބަލިކުރަމުން ދާއިރު އެމެރިކާގެ ގިނަ ބަޔަކު އެރަށުގައި އެބަތިއްބެވެ.
ފާއިތުވި ދެދުވަސް ތެރޭގައި އައިއެސް އިން ހިފާފައިވާ ޔަޒީދީންގެ އަވަށްތަކަކީ ވެސް ކުރުދީ ޕެޝްމާގާ ހަނގުރާމަވެރިން ބަލަހައްޓަމުން އައި ރަށްތަކެކެވެ.