08 Aug 2014, 20:55
ދިރާގު ދިވެހި ލީގުގައި ކްލަބު ވެލެންސިއާ އަތުން މަހިބަދޫ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުން މަހިބަދޫ މޮޅުވީ 3-0 ލަނޑުންނެވެ. މެޗުގައި މަހިބަދޫއިން ވަނީ ވެލެންސިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދައި އެ ޓީމުގެ ޑިފެންސަށް ގިނަ އުނދަގޫތަކެއް ކުރިމަތި ކުރުވައިފަ އެވެ.
މެޗުގެ 26 ވަނަ މިނެޓްގައި މަހިބަދޫއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ނަގައިދިނީ ހުސައިން ނިޔާޒް (ބޮކުރީ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު، އުފެއްދި ރީތި ހަމަލާއަކުންނެވެ.
މެޗުގައި މަހިބަދޫއިން ކާމިޔާބުކުރި ދެ ވަނަ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ބޮކުރީ އެވެ. މަހިބަދޫއަށް އޭނާ ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ އަބްދުﷲ މިދުހަތު ފަހުމީ ދިން ރީތި ބޯޅައަކުން މެޗުގެ 39 ވަނަ މިނެޓްގައެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެ ފުރުސަތުތަކުގެ ތެރެއިން ކާމިޔާބުކުރެވުނީ މެޗުގެ އެންމެ ފަހު މިނެޓްގައި މަހިބަދޫގެ އިސްމާއިލް ނަޒީރު އުފެއްދި ހަމަލާ އެވެ. މަހިބަދޫގެ ތިން ވަނަ ލަނޑު އޭނާ ކާމިޔާބުކުރީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ނެކެމޮން ރޮޑްރިގޭ ޓަހީ ނަގައިދިން ހުރަހަކުންނެވެ.
މި ނަތީޖާގެ ސަބަބުން ލީގުގެ ޕޮއިންޓް ތާވަލަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. އަށް މެޗުން ލިބުނު 21 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު އަށް މެޗުން ލިބުނު 19 ޕޮއިންޓާއެކު ދެ ވަނައިގައި އޮތީ މާޒިޔާ އެވެ. އަށް މެޗުން ލިބުނު 16 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އީގަލްސް އެވެ. އަށް މެޗު ކުޅެ ލިބުނު 11 ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، އަށް މެޗުން ލިބުނު 10 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ މަހިބަދޫ އެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް އަށް މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ހަތް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް ހަތް މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
ލީގުގައި މިރޭ ކުރިއަށްދާނީ ދެވަނަ ބުރުގެ ހަތަރު ވަނަ މެޗެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި ބީޖީ ސްޕޯޓްސް ކްލަބެވެ.