މި މަހުގެ ހަތް ވަނަ ދުވަހުގެރޭ ގދ. ތިނަދޫ ގެއެއްގެ ތެރޭގައި ނިދާފައި އޮތް މީހަކަށް ހަމަލާދީ މަރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ދެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ކުއްޖެކެވެ. ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ ގެއެއްގެ ތެރޭގައި ނިދާފައި އޮތް 20 އަހަރުގެ މީހަކަށް ލަކުޑި އާއި ދަގަނޑު ބުރި ބޭނުންކޮށްގެން ހަމަލާ ދީފައިވާ މައްސަލައާ ގުޅިގެން މި އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އެކި ވަގުތެއްގައި ކަމަށެވެ.

މި މާރާމާރީގައި 20 މީހާގެ ބޮލުން ދެ ތަނެއް ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. އަދި އޭނާއަށް ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން ގުރޫޕް ހަދައިގެން ތިބޭ ސަރަޙައްދު ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އެ ތަން ބަލައި ފާސްކުރި ކުރުމުުން މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ ފަދަ ތަކެތި އެތަނުން ފެނިފައިވާއިރު އެ ތަކެތީގެ ތެރޭގައި ލަކުޑި ފަތިތަކާއި ދަގަނޑު ބުރީގެ އިތުރުން ވަޅިއަކާއި ހެލްމެޓް ފަދަ ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރިއަށް ގެންދިއުމަށް މުއްދަތު ދީފަ އެވެ. އެގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވާ 26 އަހަރުގެ މީހާއަށް ތިން ދުވަހުގެ މުއްދަތެއް ދީފައިވާ އިރު ދެން ތިބި އެންމެނަށް ވެސް ދީފައިވަނީ 15 ދުވަހުގެ މުއްދަތައް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަދި ބުނީ އެ މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.