ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަގުމަތީ އަގުގެ 45000ރ. ގެ މަސްތުވާތަކެއްޗާއެކު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 52 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނުގައި ރޭ 19:16 ހާއިރު މާބަލް ގެސްޓް ހައުސް އިންނެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން މާބަލް ގެސްޓް ހައުސް އަށް ވަދެ އޭނާ އެވަގުތު ހުރި ކޮޓަރި ބަލައި ފާސްކުރި ކުރުމުން އެ ކޮޓަރީގައި ހުރި އެނދު ދަށުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ގަނޑެއް ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން ކިރަން ބޭނުންކުރާ ކުޑަ ކައްޓާއަކާއި ރެޕިން ދެ ރޯލެއް ފެނިފައި ވާ ކަމަށެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤް ކުރަމުންނެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ މިއަހަރުގެ ބިޒްނަސް ޕްލޭންގައި ކަނޑައަޅާފައިވާ ޕްރައޯރިޓީސްތަކުގެ ތެރެއިން ކުށްކުރުމާ ދެކޮޅަށް މަސައްކަތްކުރުމުގެ ޕްރައޯރިޓީގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ޓެރަރިޒަމާއި އިންސާނުން ޓްރެފިކް ކުރުން ފަދަ ޤައުމީ ސަލާމަތައް ހުރި ނުރައްކާތަކާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.